ފީފާގެ އިންތިޚާބުގައި އިންފަންޓީނޯއާ ވާދަނުކުރަން ވެންގާ ނިންމައިފި

ވެންގާއާއެކު އިންފަންޓީނޯ--

އަންނަ އަހަރު ބާއްވާ ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) ގެ އިންތިޚާބުގައި މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަނުކުރަން އާސެނަލްގެ ކުރީގެ ކޯޗު އަދި ފީފާގެ ޗީފް އޮފް ގްލޯބަލް ފުޓްބޯލް ޑިވެލޮޕްމަންޓްގެ މަޤާމު ފުރުއްވަމުން ގެންދަވާ އާސެން ވެންގާ ނިންމަވައިފިއެވެ.

އުމުރުފުޅުން 77 އަހަރުގެ ވެންގާ މި ނިންމުން ނިންމަވާފައިވަނީ އިންތިޚާބަށް ކުރިމަތިލުމުގެ ސުންގަޑި ކަމަށްވާ މި ނޮވެމްބަރު މަހުގެ 18 ވަނަ ދުވަސް ހަމަވާން ވަރަށް ކައިރިވެފައި ވަނިކޮށެވެ.

މި އަހަރުގެ ކުރީކޮޅު ވޯލްޑް ކަޕްގެ ވިޔަފާރި ހިއްސާތައް "ފީފާ ފޯވާޑް އެންޓަޕްރައިޒް" ނަމަކަށް ކިޔާ ކުންފުންޏެއްގެ ދަށުން އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް އިންފަންޓީނޯ ހުށަހެޅުއްވި ހުށަހެޅުމާ ގުޅިގެން އޭނާގެ ލީޑަޝިޕަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

ޒަމާނުއްސުރެ އިންފަންޓީނޯއަށް ވަފާތެރި ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވުނު ވެންގާ ވެސް ވަނީ އެ ޕްލޭނާ ދެކޮޅު ހައްދަވައި، އެކަން އެނގިވަޑައިގަތީ މީޑިއާތަކުން ކަމަށާއި އެ ހުށަހެޅުން އަނބުރާ ގެންދިއުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވެފައެވެ.

ޔޫރަޕްގެ ފުޓްބޯޅަ އިދާރާ (ޔުއެފާ) އިން އިންފަންޓީނޯއާ ދެކޮޅަށް ނުކުންނާނެ އެންމެ ރަނގަޅު ކެންޑިޑޭޓެއްގެ ގޮތުގައި ވެންގާ ދެކެވަޑައިގެންނެވިއިރު، އިންތިޚާބުގައި ވާދަކުރެއްވުމަށް ބާރުއެޅުއްވުމުގެ ގޮތުން ފަރަންސޭސި ރައީސް އެމަނުއެލް މެކްރޮން ވެސް ވަނީ ވެންގާއާ ގުޅުއްވައި މަޝްވަރާ ކުރައްވާފައެވެ.

ނަމަވެސް ފަރަންސޭސި ނޫހަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ފީފާގެ އެތެރޭގެ ސިޔާސީ ކަންކަމާ ކުރިމަތިލައި އިންތިޚާބު ކާމިޔާބު ކުރެވިދާނެ ކަމާމެދު އުފެދުނު ޝައްކުތަކާއި، މިހާރުގެ ވެރިޔާއާ ދެކޮޅަށް ނުކުމެވަޑައިނުގަތުމަށް ފީފާގެ އިސް އޮފިޝަލުން އެދިވަޑައިގަތުމުން ވެންގާ ވަނީ ކުރިމަތިނުލައްވަން ނިންމަވާފައެވެ.

މޮރޮކޯގެ ރަބާތުގައި ބާއްވާ 77 ވަނަ ފީފާ ކޮންގްރެސްގައި، 2027 ވަނަ އަހަރުގެ މާރިޗު 18 ވަނަ ދުވަހު އޮންނަ މި އިންތިޚާބުގައި ވެންގާ ވާދަނުކުރައްވަން ނިންމެވުމަކީ، ހަތަރުވަނަ ދައުރަކަށް އިންތިޚާބުވުމަށް މަސައްކަތް ކުރައްވާ އިންފަންޓީނޯއަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ކުރިއެރުމެކެވެ.

އެފްރިކާ، ދެކުނު އެމެރިކާ އަދި އޭޝިއާގެ ގައުމުތަކުގެ ބޮޑު ތާއީދެއް އޮތް އިންފަންޓީނޯ ބަލިކުރެވޭނެ ފަދަ ނުފޫޒުގަދަ އިތުރު ކެންޑިޑޭޓަކު ނޮވެމްބަރު 18 ގެ ކުރިން ހޯދުމަށް ޔުއެފާއިން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

ފީފާގެ އިންތިޚާބަށް ކުރިމަތިލާ ކޮންމެ ކެންޑިޑޭޓަކަށް ފީފާގެ 211 މެންބަރު އެސޯސިއޭޝަންގެ ތެރެއިން މަދުވެގެން ފަސް އެސޯސިއޭޝަނެއްގެ ތާއީދު ބޭނުންވާއިރު، މިހާތަނަށް އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވަނީ ޓޮޓެންހަމްގެ ކުރީގެ ކުޅުންތެރިޔާ ރާމޮން ވެގާ އާއި ޖަޕާން ފުޓްބޯލް އެސޯސިއޭޝަންގެ އޮނަރަރީ ރައީސް ކޯޒޯ ޓަޝީމާއެވެ.

comment ކޮމެންޓް