ފުލުހުންގެ މަސައްކަތްތަކަށް ބޭނުންކުރަމުންދާ ފާރަގެމަ ސްކޮޑަށް ބޭނުންވާ ކާނާ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށް އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ދިވެހި ސަރުކާރުގެ ގެޒެޓްގައި ފުލުހުން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނީ ފާރަގެމަ ސްކޮޑަށް ބޭނުން ވަނީ ފައިޑްސް ޕެޓް ބްރީޑާ ބުރޭންޑުގެ ބާވަތުގެ ކާނާ ކަމަށެވެ. އެގޮތުން ފާރަގެމަ ސްކޮޑަށް ބޭނުން ވަނީ އެ ބުރޭންޑުގެ އެޗްޕީ ކޮލިޓީ ޑޯގް ފުޑްގެ ބޭގް އާއި ޓިން ބީފްގެ ދެބާވަތް ކަމަށެވެ.
ބީލަންތަކަށް ފައިސާ ބަލައިގަތުން އޮންނާނީ މިއަދުން ފެށިގެން އޮކްޓޯބަރު ހައެއްވާ އަންގާރަ ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 11:00 އަށް އަމީނީމަގުގައި ހުންނަ އިސްކަންދަރު ބިލްޑިންގައި ކަމަށް އެ އިއުލާނުގައިވެ އެވެ. ބީލަންފޮތެއްގެ އަގަކީ 100 ރުފިޔާ ކަމަށް އިއުލާނުގައިވެ އެވެ.
އެ ޕުރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން މިމަހު އަށެއްވާ ބުރާސްފަތި ދުވަހުގެ 2:30ގައި އިސްކަންދަރު ބިލްޑިންގައި އޮންނާނެ ކަމަށާއި ބީލަން ހުޅުވުން އޮންނާނީ މިމަހު 13 ވަނަ ދުވަހު 2:30 ގައި އިސްކަންދަރު ބިލްޑިންގައި ކަމަށް އިއުލާނުގައިވެ އެވެ.
ބީލަންފޮތް ބައްލަވައި ނުގަންނަވާ ފަރާތްތަކަށާއި ބީލަންފޮތް ބަލައިގަތުމަށް ފަހު ޕްރީބިޑް ބައްދަލުވުމުގައި ބައިވެރިވެވަޑައި ނުގަންނަވާ ފަރާތްތަކަށް ބިޑް ހުޅުވުމުގެ ފުރުސަތު ނޯންނާނެ ކަމަށް ވެސް ޕޮލިސް ސާވިސްގެ އިއުލާނުގައިވެ އެވެ.
ފާރަގެމަ ސްކޮޑަށް ބޭނުންވާ ކާނާ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފައިވާ އިރު، ފުލުހުން އަންނަނީ ފާރަގެމަ ބޭނުންކޮށްގެން، މަސްތުވާތަކެތި ހޯދުން ފަދަ އިޕަރޭޝަންތައް ކާމިޔާބުތަކާ އެކު ހިންގަމުންނެވެ.