ހުޅުމާލޭގައި ދެ ފަތުރުވެރިއެއްގެ އަތުން ފައިސާ ފޭރުނު މީހަކު ހައްޔަރުކޮށްފި

ދެ ފަތުރުވެރިއެއްގެ އަތުން ފޭރިގެންފައިވަނިކޮށް ފުލުހުން ހޯދާފައިވާ ޑޮލަރުތައް-- ފޮޓޯ/ ޕޮލިސް

ހުޅުމާލޭގައި ދެ ފަތުރުވެރިއެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާތަކާއި މުދާތަކެއް ފޭރިގެތް މީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނެފައި ވަނީ އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހާއާއެކު އެ ފައިސާއާއި މުދާތައް ފުލުހުން ހޯދާފައިވާ ކަމަށެވެ. އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 24 އަހަރުގެ ފިރިހެނެއް ކަމަށް ކަމަށް ފުލުހުން ބުންޏެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ "ރެދިން ކެފޭ" ކައިރިން ދެ ފަތުރުވެރިއްގެ އަތުން ދަބަހެއް ފޭރި ގެންފައިވާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެސަރަހައްދު ބަލަމުން ދަނިކޮށް، ފިލަން އުޅެނިކޮށް ކަމަށް ފުލުހުން ބުންޏެވެ

އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު އޭނާގެ އަތުން 803 ޔޫއެސް ޑޮލަރާއި 200 އަށްވުރެ ގިނަ ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޭނާ ދުވެފައި އައި ސަރަހައްދު ބަލައިފާސްކުރިއިރު ހުޅުމާލެ ހަތަރު ނަންބަރު ފްލެޓް ސިޑިގޮޅި ތެރެއިން ފަތުރުވެރިންގެ އަތުން ފޭރިގެންފައިވާކަމަށް ބެލެވޭ ދަބަސް ފެނިފައިވާ ކަމަށެވެ. މިދަބަސް ތެރެއިން ބޮލުގައި އަޅުވާ ބައްތިއަކާއި ދެ ޕާސްޕޯޓް ފެނިފައިވާއިރު ފަތުރުވެރިންގެ އަތުން ފޭރިގެންފައިވާ ވޮލެޓްކަމަށް ބެލެވޭ ވޮލެޓެއް ހުޅުމާލެ ތިން ނަންބަރު ފްލެޓް ކައިރިން ފެނިފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

އެ މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާއަކީ ފޭރުމާއި ވައްކަމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެކެވެ.

comment ކޮމެންޓް