ހުޅުމާލެ ފަރަށް އެރި ޓަގާއި ބާޖުގެ އޮޕަރޭޓަރު، 29 މިލިއަނުން ޖޫރިމަނާކޮށްފި

ފެބްރުއަރީ މަހު ހުޅުމާލޭގެ އުތުރުފަރާތު ފަރަށް އެރި ޓަގާއި ބާޖު: އީޕީއޭއިން ވަނީ ޓަގާއި ބާޖުގެ އޮޕަރޭޓަރު، 29 މިލިއަނުން ޖޫރިމަނާކޮށްފައި --

މިއަހަރުގެ ފެބްރުއަރީ މަހު ހުޅުމާލޭގެ އުތުރުފަރާތު ފަރަށް އެރި ޓަގާއި ބާޖު އޮޕަރޭޓު ކުރި ފަރާތް، 29 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

ޓަގު 'އަނާޑީ' އާއި ބާޖު 'އޭއެމް މަނުމިޓް' ހުޅުމާލޭގެ އުތުރުފަރާތު ފަރަށް އެރީ މި އަހަރުގެ ފެބްރުއަރީ މަހުގެ 21 ގައެވެ. އަދި މި އުޅަނދުތައް ފަރުމަތިން ނަގާފައި ވަނީ މި އަހަރުގެ އޭޕްރިލް 23ގައެވެ.

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އެ މައްސަލައިގައި ޖޫރިމަނާކޮށްފައި ވަނީ ހުޅުމާލޭ ފަރަށް އެރި ބާޖާއި ޓަގު އޮޕަރޭޓްކުރި ފަރާތް ކަމަށްވާ "ދި މިޑްލް އީސްޓް މެރިން، އެލްއެލްސީ"އެވެ.

އީޕީއޭއިން އެކަމާ ގުޅިގެން ނެރުނު ބަޔާނުގައި ބުނީ ފަރަށް ލިބުނު ގެއްލުންތައް ބެލުމުގެ ގޮތުން އެ އުޅަނދުތަކުގެ ވެރިފަރާތުން އައްޔަނުކޮށްފައިވާ ސާވެޔަރުންނާއެކު ޖޮއިންޓް ސާވޭއެއް ކުރިއަށް ގެންދިޔަ ކަމަށެވެ.

އެގޮތުން އުޅަނދުތައް ފަރަށް އެރުމުގެ ސަބަބުން އެ ސަރަހައްދަށް ލިބިފައިވާ ގެއްލުން ދެނެގަތުމަށްޓަކައި ކުރިއަށް ގެންދިޔަ ސާވޭއިން ދައްކާގޮތުން އެ ސަރަހައްދުގެ 1،159 އަކަ މީޓަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް އީޕީއޭއިން ބުންޏެވެ.

އެހެންކަމުން ހުޅުމާލޭގެ އުތުރުފަރާތު ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހެދިފައިވާ، "ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދު"ގެ ދަށުން 29،201،946 ރުފިޔާ (ނަވާވީސް މިލިއަން ދެލައްކަ އެއްހާސް ނުވަސަތޭކަ ސާޅީސް ހަ ރުފިޔާ) އިން އޮޕަރޭޓަރު ޖޫރިމަނާކޮށްފައިވާ ކަމަށް އީޕީއޭއިން ބުންޏެވެ.

އެ ޖޫރިމަނާގެ ފައިސާ އެ އެޖެންސީއަށް 30 ދުވަހުގެ ތެރޭ ދެއްކުމަށް އެ އުޅަނދުތަކުގެ އޮޕަރޭޓަރަށް މި މަހުގެ އެއްވަނަ ދުވަހު އަންގާފައިވާކަމަށް އީޕީއޭއިން ބުންޏެވެ.

comment ކޮމެންޓް