އަރަފާތުގެ ބިން (ސެޕްޓެމްބަރު 23): މުސްލިމުން އެކި ޖަމާއަތްތަކަށާއި ބައިބައިވެ އިސްލާމް ދީނުގެ ނަމުގައި ހައްދު ފަހަނަޅައިދާ މައްސަލައަކީ އިސްލާމީ އުންމަތަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކާ ކަމަށް ސައޫދީ މުފްތީ އަބްދުލްއަޒީޒް ބިން އަބްދުﷲ ބިން މުހައްމަދު އާލުއްޝައިޚް އައް ތަމީމީ ސިފަކުރައްވައިފިއެވެ.
އަރަފާތުގެ ބިމުގައި ހައްޖުގެ މަތިވެރި އަޅުކަން އަދާކުރަމުން ގެންދާ ހައްޖު ވެރިންނާ މުޚާތަބު ކުރައްވައި މިއަދު ދެއްވި ހައްޖު ޚުތުބާގައި ސައޫދީ މުފްތީ އަބްދުލްއަޒީޒް ބިން އަބްދުﷲ ބިން މުހައްމަދު އާލުއްޝައިޚް ވިދާޅުވީ، މުސްލިމުންގެ ދުޝްމަނުން މިއަދު މުސްލިމުންގެ ތެރެއިން އުފެދި މުސްލިމުންގެ ގެދޮރުގައި އިސްލާމް ދީނުގެ ނަމުގައި މުސްލިމުންނާ އަދި އިސްލާމް ދީނާ ދެކޮޅަށް ހަނގުރާމަ ކުރަމުން ގެންދާކަމުގައެވެ.
މިއީ އިރާގާއި ސޫރިޔާގައި މުސްލިމުންނާ ދެކޮޅަށް އަނިޔާވެރި އަމަލުތައް ހިންގައި މުސްލިމުން ގަތުލުކޮށް އިސްލާމް ދީނުގެ ނަން ހުތުުރު ކުރުމަށް މަސައްކަތް ކުރާ އައިއެސް ޖަމާއަތާއި ޖަބްހަތުއްނުސްރާ އާއި އަފްޣާނިސްތާނާއި ޕާކިސްތާނުގެ ތާލިބާން ޖަމާއަތާއި އަލްގާއިދާ ފަދަ ހައްދު ފަހަނަޅާފައިވާ ތަކްފީރީ ޓެރަރިސްޓް ޖަމާއަތްތަކަށް އިޝާރާތް ކުރައްވައި ސައޫދީ މުފްތީ ދެއްކެވި ވާހަކަ ފުޅެކެވެ.
މުފްތީ ވިދާޅުވީ، މިފަދަ ތަކްފީރީ ޖަމާއަތްތަކަކީ ބާޣީ ޖަމާއަތްތަކެއް ކަމަށާއި ދީނުން ބޭރުވެފައިވާ އެފަދަ ޖަމާއަތްތައް އަލުން އެނބުރި އިސްލާމް ދީނަށް ރުޖޫޢަވާންދެން އެމީހުންނާ ދެކޮޅަށް ހަނގުރާމަކުރުމަށް މާތް ﷲ ސުބްޙާނަހޫ ވަތައާލާ އިސްލާމީ އުންމަތަށް އަމުރު ކުރައްވާފައިވާ ކަމުގައެވެ.
އިސްލާމް ދީން ހަލާކު ކުުރުމަށް މަސައްކަތްކުރާ މިފަދަ ތަކްފީރީ ޖަމާއަތްތަކުގެ ދަލުގައި މުސްލިމް ޒުވާނުން ޖެހި މަގު ފުރެދި ތަކްފީރީ ފިކުރަށް ތަބާވަމުންދާ މައްސަލައަށް އިޝާރާތް ކުރައްވައި ސައޫދީ މުފްތީ ވަނީ މުސްލިމް ޒުވާނުން މިކަމުން ސަލާމަތް ކުރުމަށް ހިކްމަތްތެރިކަމާއެކު މަސައްކަތް ކުރުމަށް އިސްލާމީ ގައުމުތަކުގެ ސަރުކާރުތަކަށާއި މުސްލިމް މައިންބަފައިންނަށާއި އާއިލާތަކަށް އިލްތިމާސް ކުރައްވާފައެވެ.
މީގެއިތުރުން އިސްލާމް ދީނުގެ ނަން ހުތުުރު ކުރުމަށް ބޭރުގެ ޣައިރު މުސްލިމުންގެ މީޑިޔާތަކުން ކުރަމުން ގެންދާ މަސައްކަތްތަކަށްވެސް މުފްތީގެ ޚުތްބާގައި އަލި އަޅުއްވާލެއްވިއެވެ. މިގޮތުން ރަސްމީ މީޑިޔާގައާއި ސޯޝަލް މީޑިޔާގައި އިސްލާމް ދީނަކީ ހަރުކަށި އަނިޔާވެރި ދީނެއްކަމަށް ސިފަކޮށް މުސްލިމުންނާއި އިސްލާމް ދީނުގެ ނަން ހުތުުރު ކުރުމަށް ދުޝްމަނުން ކުރަމުން ގެންދާ މަސައްކަތްތަކަށް މުސްލިމުން ފާރަވެރިވެ އެކަމާ ދެކޮޅަށް ހިކްމަތްތެރިކަމާއެކު ރައްދު ދިނުމަށް ގޮވާލެއްވިއެވެ.
އަދި އިސްލާމީ ގައުމުތަކުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަތައް ނިމުމަކަށް ގެނަސް އިސްލާމީ ގައުމުތަކަކީ ސުލްހަވެރި އަމާން ވަޒަންތަކެއް ކަމުގައި ލެއްވުމަށް އެދި މުފްތީ ﷲ އަށް ދުއާ ދެންނެވިއެވެ.
ދާޚިލީ ހަނގުރާމަތައް ހިނގަމުންދާ އިސްލާމީ ގައުމުތަކުގައި ރައްޔިތުން ހާލުގައި ޖެހި ރެފިއުޖީންގެ ގޮތުގައި ބިކަވެ އެހެން ގައުމުތަކަށް ހިމާޔަތް ހޯދުމަށް ކުރަމުން ގެންދާ މަސައްކަތަށް އިޝާރާތް ކުރައްވަމުން މިއީ މުސްލިމުން މިއަދު ނިކަމެތިވެފައިވާ މިންވަރުކަން ބަޔާން ކުރެއްވިއެވެ. އަދި މި ނިކަމެތި ކަމުން ސަލާމަތް ކުރުމަށްޓަކައި ﷲ ގެ މަގަށް ރުޖޫޢަވުމަށާއި ރައްޔިތުންނަށް އަނިޔާވެރި ނުވުމަށް އިސްލާމީ ވެރިންނަށް އިލްތިމާސް ކުރެއްވިއެވެ.
މީގެއިތުރުން އިސްލާމީ ގައުމުތައް ތަރައްގީއާއި މަދަނިއްޔަތާއި މަސައްކަތް ތެރިކަމުގެ ގޮތުން ކުރިއަރުވައި އިލްމަށާއި އަމަލަށް އިސްކަން ދިނުމަށްވެސް މުސްލިމުންނަށް ގޮވާލެއްވިއެވެ. މައްކާގެ ހަރަމްފުޅަށް ދާދިފަހުން ދިމާވި ޙާދިޘާ ތަކަށް އިޝާރާތް ކުރައްވަމުން މައްކާއަކީ އަމާން ތަނެއްކަމުގައި ހެދުމަށް އިތުުރަށް މަސައްކަތް ކުރުމަށް ސައޫދީ ވެރިންނަށްވެސް މުފްތީ އިލްތިމާސް ކުރެއްވިއެވެ.
މިއަދުގެ ހައްޖު ޚުތްބާގައި، މުސްލިމުންގެ ދުޝްމަނުންކަމަށްވާ އިސްރާއީލާއި އިސްރާއީލުގެ އަނިޔާވެރިކަމަށް ވާގިވެރިވާ ހުޅަނގުގެ ގައުމުތަކާ ދެކޮޅަށް މާގިނަ ވާހަކަތަކެއް ނުދެއްކެވި ނަމަވެސް އެފަދަ ގައުމުތަކުގެ އަނިޔާވެރިކަމުން މުސްލިމުން ސަލާމަތް ކުރެއްވުމަށް ދުއާ ކުރައްވާފައިވެއެވެ. އަދި ތަގްވާ ވެރިވުމަށާއި ހެޔޮ އަމަލުތައް ގިނަކުރުމަށް މުސްލިމުންނަށް ގޮވާލެއްވިއެވެ.
ސައޫދީ މުފްތީ އަބްދުލްއަޒީޒް ބިން އަބްދުﷲ ބިން މުހައްމަދު އާލުއްޝައިޚް އަކީ ސައޫދީ ރަސްކަމުގެ އާއިލާއާ ގުޅިފައިވާ މުހައްމަދު ބިން އަބްދުލްވައްހާބު ގެ އާއިލާގެ ކާފަ ދަރިކަލެކެވެ. ސައޫދީ އަރަބިޔާގައި ދީނީ ކަންކަމުގައި އިސްކޮށް އުޅުއްވާގޮތަށް އެގައުުމުގެ ހަމަޖައްސާފައިވަނީ މުހައްމަދު ބިން އަބްދުލްވައްހާބު ގެ އާއިލާގެ ބޭފުޅުންނަށެވެ. އެއީ އާލްސައޫދުގެ އާއިލާއާއި މުހައްމަދު ބިން އަބްދުލްވައްހާބު ގެ އާއިލާއާ ދެމެދު މާކުރީއްސުރެ ވެފައިވާ އެއްބަސްވުމުގެ ދަށުންނެވެ. ސައޫދީ ރަސްކަމުގެ ނިޒާމާއި ދައުލަތް އުފައްދާފައިވަނީ މިއުސޫލުގެ މަތިންނެވެ.
މުފްތީ މިއަދުގެ ހައްޖު ޚުތުބާ ނިންމަވައި ލެއްވީ، އިސްލާމް ދީނަށާއި މުސްލިމުންނަށް ކުރިމަތި ވެފައިވާ ބައިބައިވުންތަކުން ސަލާމަތްވުމައްޓަކައި އިސްލާމީ އުންމަތުގެ އެއްބައި ވަންތަކަމަށް ގޮވާލައިވަމުންނެވެ.