މިއަދު އެކަނިވެސް އޮޅުވާލައިގެން ފޯނުން ފައިސާ އަތުލި 10 މައްސަލައެއް

އޮޅުވާލައިގެން ރީލޯޑާއި ރާސްޓަސް ކުރާ 10 މައްސަލައެއް މިއަދު އެކަނިވެސް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނެފައި ވަނީ އުޅުވާލައިގެން ފޯނަށް ރީޗާޖު ކުރުމުގެ މައްސަލަ ގިނަ ވެފައިވާއިރު މިއަދު ހުށަހެޅި 10 މައްސަލައިގައި ޖުމްލަ ފައިސާގެ އަދަދު 29،000 ރުފިޔާގެ އަރާ ކަމަށެވެ.

ރާއްޖޭގައި މިހާތަނަށް ހިންގާ އަދި ހިންގަމުންދާ އާއްމު ޕްރޮމޯޝަންތަކަކީ މުދާ ގަނެގެން ނުވަތަ ކޮންމެ ވެސް މަސައްކަތްތަކެއް ކޮށްގެން ޕްރޮމޯޝަނެއްގައި ބައިވެރިވެގެން ގުރުއަތަކުން ހޮވޭ ފަރާތަކަށް އިނާމުތަކެއް ލިބޭ ގޮތަށް ހިންގޭ ޕްރޮމޯޝަންތަކެކެވެ. އެއްވެސް ޙާލަތެއްގައި ފޯނު ކޮށްގެން ވަކި އަދަދުތަކަކުން ފޯނުން ގުޅާ ފަރާތުން ކަނޑައަޅާ އުސޫލަކުން ފައިސާ ދޫކުރާ ޕްރޮމޯޝަންތަކެއް ނޫނެވެ.

ނަމަވެސް ރާއްޖޭގައި މިހާރަކަށް އައިސް އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތަކުގައި މަޝްހޫރު ވިޔަފާރިތަކުން ހިންގާ ޕްރޮމޯޝަންތަކުގެ ނަން ބޭނުންކޮށްގެން ނުދަންނަ ނަމްބަރުތަކުން އާއްމު ރައްޔިތުންނަށް ގުޅައި އެކި ކަހަލަ ވާހަކަތައް ދައްކައި ބޮޑެތި އަދަދުތަކުން މަކަރާއި ހީލަތުން ފައިސާ އަތުލުމުގެ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ.

ފުލުހުން ވަނީ އެފަދަ މުއާމަލާތްތައް ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ. އެފަދަ މައްސަލަތައް ހުށަހެޅުން ދަނީ ދުވަހުން ދުވަހަށް އިތުރު ވަމުން ކަމަށާއި އެކަން ހުއްޓުވޭނީ މިހާރަށް ވުރެ ރައްޔިތުން މިކަމަށް ހޭލުންތެރިވެގެން ކަމަށް ފުލުހުން ބުނެ އެވެ.

މިމަހުގެ ފުރަތަމަ ހަފްތާގައިވެސް ވަނީ އެފަދަ 25 މައްސަލައެއް ހުށަހެޅުނު އިރު އޭގެ ތެރޭގައި ބޮޑެތި ފައިސާގެ އަދަދުތަކުން ރީލޯޑާއި ރާސްޓަސް ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް