ބަނދަރު ތަރައްގީކޮށް ހިންގުމުގައި ހަރަކާތްތެރިވާ ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި، ދުބާއީ ޕޯޓްސް ވޯލްޑް (ޑީޕީ ވޯލްޑް)އާ އެކު ކުރިއަށްގެންދަން ނިންމާފައިވާ، ތިލަފުށީ ބަނދަރު މަޝްރޫއާއި ފްރީ ޓްރޭޑް ޒޯންގެ މަސައްކަތް އެ ކުންފުންޏާ އެކު ކުރިއަށް ނުގެންދަން ސަރުކާރުން ނިންމައިފި އެވެ.
ސްޕްޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން އުފައްދާފައިވާ ބޯޑް އޮފް އިންވެސްޓްމަންޓްގެ މެންބަރު އަދި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު "ސަން" އަށް ވިދާޅުވީ، ޑީޕީ ވޯލްޑުން އިންވެސްޓްމަންޓް ބޯޑަށް ހުށަހަޅާފައިވާ ޕްރޮޕޯސަލް އެ ބޯޑުން މަޝްވަރާކުރި އިރު އެއީ ގައުމަށް އެންމެ ފައިދާ ހުރި ގޮތް ނޫން ކަމަށް ފެންނާތީވެ ޑީޕީ ވޯލްޑަށް އެކަންކަން އެންގީ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެސްއީޒެޑް ގާނޫނުގައިވާ ގޮތަށް ބޯޑަށް ހުށަހަޅާތާ ވަކި ދުވަހެއްގެ ތެރޭގައި އެކަން ނުވެއްޖެ ކަމުގައިވާ ނަމަ އެކަން އުވޭނެ ކަމަށެވެ. އެގޮތުން އިންވެސްޓްމަންޓް ބޯޑަށް ހުށަހަޅާފައި އޮތް ޕްރޮޕޯސަލް އަކީ އެންމެ ފައިދާ ހުރި ޕްރޮޕޯސަލްއެއް ކަމަށް ގަބޫލުނުކުރެވޭތީ އެކަން ޑީޕީ ވޯލްޑަށް އެންގި ކަމަށާއި ނަމަވެސް ޑީޕީ ވޯލްޑުން އެއަށް ޖަވާބެއް ނުލިބުނު ކަމަށެވެ.
"އިންވެސްޓްމަންޓް ބޯޑަށް ޑީޕީ ވޯލްޑުން ހުށަހަޅަފައި އޮތް [ޕްރޮޕޯސަލް]. ދެން އަޅުގަނޑުމެން ބޯޑުން އެއާ ބެހޭ ގޮތުން މަޝްވަރާކޮށްފައި އެއީ ގައުމަށް އެންމެ ފައިދާ ހުރި ގޮތްކަމަށް ނުފެންނާތީ އެކޮޅަށް، ޑީޕީ ވޯލްޑަށް އެކަންކަން އަންގާފައި ރަނގަޅުކޮށްދޭން އެންގީ. ދެން އެޔަށް އެއްވެސް ރެސްޕޯންޑެއް ނައީމާ އޭގެ މާނައަކީ އޮޓަމެޓިކުން އޭތި އޮތީ މިހާރު އުވިފައޭ. އޭގެ މުއްދަތު ހަމަވެފައޭ އެއޮތީ،" އިންވެސްޓްމަންޓް ބޯޑުގެ މެންބަރު ޑރ. ޝައިނީ ވިދާޅުވި އެވެ.
ޑރ. ޝައިނީ ވިދާޅުވީ ޑީޕީ ވޯލްޑާ އެކު ކުރަން އުޅުނު މަސައްކަތްތައް ހުއްޓުނު ނަމަވެސް އެކި ލެވެލްގައި، އެހެން ހަތަރު ކުންފުންޏަކާ އެކު އެކަމާ ގުޅޭ ގޮތުން މިހާރު މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އަދި އޭގެ ތެރޭގައި ސައޫދީ އަރަބިއްޔާ އާއި ޗައިނާ އަދި އިންޑިއާގެ ބައެއް ކުންފުނިތައް ހިމެނޭ ކަމަށް ޑރ. ޝައިނީ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ބަނދަރު މަޝްރޫއާއި ފްރީ ޓްރޭޑް ޒޯންގެ މަޝްރޫއާ ގުޅޭ ގޮތުން ޑީޕީ ވޯލްޑާ އެކު ކުރި މަސައްކަތްތައް ނިމުމަކަށް އައި ނަމަވެސް، އެ މަސައްކަތް ސަރުކާރުން ހުއްޓާނުލާނެ ކަމަށާއި އެ ދެ މަޝްރޫއަށް އެއްވެސް ސަބަބަކާ ހުރެ ހުއްޓުމެއް ނާންނާނެ ކަމަށެވެ.
ޒަމާނީ ބަނދަރެއް ހެދުމާއި ފްރީ ޓްރޭޑް ޒޯނެއް ރާއްޖޭގައި ގާއިމްކުރުމުގެ އެއްބަސްވުމުގައި ޑީޕީ ވޯލްޑާ އެކު ސޮއިކޮށްފައި ވަނީ މިދިޔަ މާޗް މަހު ދުބާއީގަ އެވެ.