ވިޔަފާރި އުސޫލުން އިއްޒުއްދީން ފާލަން ދޫކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

އިއްޒުއްދީން ފާލަން: އެ ސަރަހައްދު ބަލަހައްޓައި ވިޔަފާރީގެ އުސޫލުން ދޫކުރުމަށް އެމްޓީސީސީ އަށް ވަނީ ހަވާލުކޮށްފައި --- ސަން ފައިލް ފޮޓޯ

އިއްޒުއްދީން ފާލަމުގެ ބައެއްގެ ގޮތުގައި ދެނަންބަރު ފާލަން ވެސް ހަމަޖައްސާފައިވާ އިރު، އެ ސަރަހައްދު ބަލަހައްޓައި ވިޔަފާރީގެ އުސޫލުން ދޫކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ މިއަދު ހަވާލުކޮށްފި އެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް އެވެ.

މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެމްޓީސީސީ އާއި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވަނީ ---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

އެމްޓީސީސީގެ ސީއީއޯ ހަލީމް ވިދާޅުވީ ތަނެއް ރަނގަޅު ގޮތުގައި ބަލަހައްޓާ ނަމަ އެތަނަކަށް ހަރަދުތަކެއް ވެސް ހިނގާނެ ކަމަށެވެ. އެގޮތުން އެ ހަރަދުތައް ފޫބެއްދުމަށް ޓަކައި އިއްޒުންދީން ފާލަން ހިމެނޭ ސަރަހައްދު ވިޔަފާރި އުސޫލުން ބޭނުންކޮށްގެން ހިދުމަތް ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ވިޔަފާރީގެ އުސޫލުން އެ ސަރަހައްދު ބޭނުންކުރަން ބޭނުންވާ ފަރާތްތަކުން އެމްޓީސީސީގައި އެ އުޅަނދުތައް ރަޖިސްޓާކުރަން ޖެހޭނެ ކަމަށެވެ. އެގޮތަށް ހުށަހެޅުމުން އެމްޓީސީސީން އެ ފަރާތްތަކަށް ސްޓިކާއެއް ދޫކުރާނެ ކަމަށާއި ސްޓިކާއާ އެކު އެ ފަރާތްތަކަށް އެ ސަރަހައްދުން ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން ވިސްނާފައި މިވަނީ ދުވާލަކަށް 150 ރުފިޔާގެ މަގުން މަސްދުވަހަށް އަގު ނަގާގޮތަށް ހިދުމަތް ފޯރުކޮށްދިނުމަށް. އެއް މަސް ދުވަހަށް ހިދުމަތް ހޯއްދަވާ ފަރާތްތަކުން އެ މަސް ދުވަހުގެ ތެރޭގައި އެއްވެސް ލިމިޓެއްނެތި ޖެޓީ ބޭނުންކުރެވޭނެ ގޮތް އަޅުގަނޑުމެން ހަމަޖައްސައިދޭނަން،" ހަލީމް ވިދާޅުވި އެވެ.

ހަލީމް ވިދާޅުވީ ރަޖިސްޓްރީ ނުކޮށް "ސިންގަލް ޔޫސާފީ"އެއްގެ ގޮތުގައި ޖެޓީ ބޭނުންކުރާ ކޮންމެ ފަހަރަކަށް ނަގާ ގޮތަށް ހަމަޖައްސާފައި ވަނީ 500 ރުފިޔާ ކަމަށެވެ.

ހަލީމް ވިދާޅުވީ އެތަން ދޫކުރާނެ ގޮތްތަކުގެ އިތުރު ތަފްސީލު މާދާމާގެ ވަގުތެއްގައި ގެޒެޓްކުރާނެ ކަމަށެވެ.

comment ކޮމެންޓް