މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުން ތަރައްގީކުރާ "ނިއަމް ރެސިޑެންސް" މަޝްރޫއުގެ ޑިޒައިން ޚިދުމަތްތައް ފޯރުކޮށްދިނުމަށް، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ ހަވާލުކޮށްފިއެވެ.
މި އެއްބަސްވުމުގައި އެފްޑީސީގެ ފަރާތުން ސޮއި ކުރެއްވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލެވެ. އަދި މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލެވެ.
އެފްޑީސީން ބުނީ މި އެއްބަސްވުމުގެ މަގްސަދަކީ ހައްޖު ކޯޕަރޭޝަނުގެ "ނިއަމް ރެސިޑެންސް" މަޝްރޫއަށް ބޭނުންވާ އާކިޓެކްޗަރަލް އިންޖިނިއަރިން އަދި ކުރެހުންތައް ފޯރުކޮށްދިނުމާއި، ކޮންސަލްޓެންސީގެ ޚިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.
މި އެއްބަސްވުމުގެ އިތުރުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އަދި މޯލްޑިވްސް ގޭސްއާ އެކު ވެސް ފަހުމުނާމާއެއްގެ ދަށުން މި ފަދަ ޚިދުމަތްތައް އެފްޑީސީން ފޯރުކޮށްދެމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ. އެ ގޮތުން އެ ކުންފުންޏަށް ފަސް އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން އެ ކޯޕަރޭޝަނުގެ މެންޑޭޓަށް އައި ބަދަލާއެކު، އާމްދަނީ އިތުރު ކުރުމަށް ގިނަ މަސައްކަތަތެއް ކުރަމުން އަންނަ ކަމަށް ވެސް ކުންފުނިން ވަނީ ބުނެފައެވެ.
އެފްޑީސީން ބުނީ މި މަޝްރޫއުތައް ކާމިޔާބުކަމާ އެކު ތަންފީޒު ކުރުމަކީ، މި ދާއިރާއިން އިތުރު ފުރުސަތުތައް ހުޅުވި، އެ ކުންފުންޏަކީ ފައިދާ ލިބޭ ކުންފުންޏަކަށް ހެދުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށެވެ. އެ ގޮތުން މި ލަނޑުދަނޑި ޙާސިލް ކުރުމަށް ޓަކައި އެ ކޯޕަރޭޝަނުން ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައިވެއެވެ.
ސަރުކާރުގެ "ގެދޮރުވެރިޔާ" މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެފްޑީސީއިން ޖުމްލަ 4000 ހައުސިންގ ޔުނިޓްގެ 32 ޓަވަރު ވެސް އިމާރާތް ކުރަމުން އެބަދެއެވެ. އެ ޓަވަރުތަކުގެ ސްޓްރަކްޗާގެ މަސައްކަތް މިހާރު ވަނީ ނިންމާލައިފައެވެ.
މި 4000 ހައުސިން ޔުނިޓްގެ މަސައްކަތްތައް އެއްކޮށް ނިމޭނެ ކަމަށް އެ ކޯޕަރޭޝަނުން އަންދާޒާ ކުރަނީ 2025 ވަނަ އަހަރުގެ ފުރަތަމަ އަދި ދެވަނަ ކުއާޓަރަށެވެ.