އާންކޯން ބަރު އާކާޝް: ދިވެހިންގެ ފުރަތަމަ ހިންދީ ފިލްމު، ފަރިވާގެ ކެމެރާތަކުން!

ދިވެހި ބަޔަކު އުފައްދާ ފުރަތަމަ ހިންދީ ފިލްމު، އާންކޯން ބަރު އާކާޝްގެ ޕޯސްޓަރު ----

ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށް 1991 ވަނަ އަހަރު ފަރިވާ ފިލްމްސް އިން އުފެއްދި ފުރަތަމަ ފިލްމު، "ލޯބީގެ ތޫފާން" އިން ވެސް ދިވެހިންގެ ހިތްތައް ރޮއްވާލި އެވެ. ރީކޯ މޫސާ މަނިކާ އާތިފާ ފެނިގެންދިޔަ އެ ފިލްމުން ވަނީ ފިލްމީ ދާއިރާއަށް ތޫފާނެއް ގެނުވާފައެވެ. އޭގެ ފަހުން ނެރުނު "'ހިޓް" ފިލްމުތަކުގެ ތެރޭގައި ހިމެނޭ ބޭވަފާ، ނަފްރަތް، ދުޝްމަން އަދި ވަރި ފަދަ ދިވެހި އެތައް އަސަރުގަދަ ފިލްމުތަކެއް ބެލުންތެރިންނަށް ގެނެސްދިނީ ވެސް ފަރިވާ ފިލްމްސް އިންނެވެ.

ފަރިވާ ފިލްމްސް އިން މިއަދު މިވަނީ އިތުރު ފިލްމެއް ސްކްރީނަށް ގެނައުމަށް މަސައްކަތް ފަށާފައެވެ. މިފަހަރު ހަމައެކަނި ދިވެހިންނަކަށް ނޫނެވެ. މުޅި ދުނިޔެއަށެވެ.

ފަރިވާ ފިލްމްސް އަށް 25 އަހަރު ފުރުން ފާހަގަކުރުމަށް ހޮޓެލުގައި ޖެންގައި ރޭ ބޭއްވި ހަފްލާގައި ފަރިވާ ފިލްމްސް އިން ވަނީ ދިވެހި ބަޔަކު އުފައްދާ ފުރަތަމަ ހިންދީ ފިލްމު އުފެއްދުމުގެ މަސައްކަތް ފަށާފައިވާކަން އިއުލާންކޮށްފައެވެ.

ތިނެސްކަން ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް ހަދާ ހިންދީ ފީޗާޑް ފިލްމު، "އާންކޯން ބަރު އާކާޝް" އުފެއްދުމަށް ނިންމާފައިވާކަން އިއުލާންކޮށްފައިވަނީ ފަރިވާ ފިލްމްސްގެ ޗެއާމަން އަދި ފިލްމީ ދާއިރާގައި ކާމިޔާބު މަސައްކަތްތަކެއް ކުރެއްވި، ހުސެއިން ރަޝީދު (މަހުމާ) އެވެ.

ފިލްމާ ގުޅޭ މައުލޫމާތު 'ސަން' އަށް ދެއްވަމުން ފިލްމުގެ ވާހަކަ ލިޔެފައިވާ އަދި ފިލްމުގެ އެއް ޑައިރެކްޓަރު، ޕްރޮޑިއުސަރު މަހުމާ ވިދާޅުވީ، އެ ފިލްމަކީ އިންޑިއާގެ ހެރިޓޭޖް ޕިކްޗާސް އާއި ފަރިވާ ގުޅިގެން އުފައްދާ ފިލްމެއް ކަމަށެވެ.

ފިލްމު ޑައިރެކްޓްކޮށް ޕްރޮޑިއުސްކުރުމުގައި މަހުމާއާއެކު އިންޑިއާގެ ޑައިރެކްޓަރެއް ކަމަށްވާ ދީޕަކް ރާޖް ޝަރްމާ ހަރަކާތްތެރިވާއިރު، އެސޯސިއޭޓް ޑައިރެކްޓަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ އިންޑިއާގެ އަންޖޭ ކުމާރެވެ. މީގެ އިތުރުން، ފިލްމުގެ ކެމެރާމަނުންގެ ގޮތުގައި ހަރަކާތްތެރިވާނީ، ރާއްޖޭގެ މަޝްހޫރު ކެމެރާ މަނުންގެ ތެރޭގައި ހިމެނޭ އަލީ ރަޝީދު (ގޮޅާ އައްޔަ) އާއި މުހައްމަދު އަބޫބަކުރު (މާއެނބޫ) އެވެ.

ރާއްޖޭން ބޭރުގައި ޝޫޓްކުރި ފުރަތަމަ ދިވެހި ފިލްމުގެ ޕްރޮޑިއުސަރު މަހުމާ ވިދާޅުވާގޮތުން، ފިލްމު ހެދުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރު ވަނީ ގާތްގަނޑަކަށް ވެ ނިމިފައެވެ.

"ފިލްމުގެ ސްކްރީން ޕްލޭ، ޑައިލޮގް ވެސް ވަނީ ނިމިފަ. ފިލްމުގެ ލަވަ ތަކުގެ ރިކޯޑިންގެ އިތުރުން ކާސްޓިން ވެސް ވަނީ ނިމިފަ. ހަމައެކަނި އޮތީ ޝޫޓިން،" މުނިފޫހިފިލުވުމުގެ ދާއިރާއިން ގައުމީ ހިތްވަރު ދިނުމުގެ އިނާމު ލިބިލައްވާފައިވާ މަހުމާ ވިދާޅުވި އެވެ.

ފިލްމުގެ ހުރިހާ މަންޒަރުތަކެއް އިންޑިއާގައި ނެގުމަށް ހަމަޖެހިފައިވާ އެ ފިލްމުގެ ތަރިންގެ ގޮތުގައި ފެނިގެންދާނީ ފިލްމީ ދާއިރާގައި މިހާރު ވެސް މަސައްކަތްކުރާ ހިންދީ ތަރިންނެވެ.

މަހުމާ ވިދާޅުވީ، ތިން މަސް ތެރޭގައި ފިލްމުގެ މަސައްކަތް އެއްކޮށް ނިންމައި ބޮޑު ސްކްރީނަށް ގެނެވޭވަރުވާނެ ކަމަށާއި ތަމަޅަ ބަހުންނާއި އިތުރު ބަސްތަކުން ފިލްމު ޑަބްކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

"މި ފިލްމު ތަމަޅަ ބަހުން ޑަބްކުރާނެ އަދި ނޭޕާލް ބަހުންނާއި އެހެން ލޭންގުއޭޖްތަކުން ވެސް ޑަބްކުރުމަށް އެބަ ހިޔާލުކުރަން. ފިލްމު އެޅުވުމަށް ހަމަޖެހިފައިވަނީ ވޯލްޑް ވައިލްޑްކޮށް،" މަހުމާ ވިދާޅުވި އެވެ.

ފަރިވާ ފިލްމްސް އިން މިފަހަކަށް އައިސް ނެރުނު ފިލްމުތަކުގެ ތެރޭގައި ފިލްމު، "ސަޒާ"، "ރަންދަރި" ގެ އިތުރުން މިހާރު މަޝްހޫރު ވަމުން އަންނަ ޒުވާން ތަރި ޖުމެއިލް އަލަށް ފިލްމީ ދުނިޔެއަށް ތައާރަފްކޮށްދިން ފިލްމު، "އަނިޔާ" ހިމެެނެ އެވެ. މީގެ އިތުރުން ކުރިއަށް އޮތް ތަނުގައި ފަރިވާ ފިލްމްސްގެ ދެ ފިލްމެއް ރިލީޒް ކުރަން ހަމަޖެހިފައިވާ ކަމަށް ވެސް ފަރިވާ ފިލްމްސް އިން ބުނެ އެވެ.

comment ކޮމެންޓް