ބޮލީވުޑްގެ މަޝްހޫރު ޅެންވެރިޔާ އަދި ސްކްރީންރައިޓަރު ޖާވިދު އަޚްތަރު، އޭނާގެ ޒުވާން އުމުރުގެ 15 އަހަރު ފަރުވާކުޑަ އުޅުމެއްގެ ސަބަބުން ބޭކާރުވެގެން ދިޔަ ކަމަށް ބުނެ އެކަމާ މެދު ވަރަށް ބޮޑަށް ހިތާމަފާޅުކުރާކަން ހާމަކޮށްފިއެވެ.
އުމުރުން 81 އަހަރުގެ މި ކުޅަދާނަ ފަންނާނު މި ވާހަކަތައް ހިއްސާކޮށްފައިވަނީ، އިންޑިއާގެ މަޝްހޫރު ނޫސްވެރިޔާ ބަރުޚާ ދަތު ކުރިއަށްގެންދާ "ވީ ދަ ވިމެން" ފެސްޓިވަލްގެ ނުވަވަނަ އެޑިޝަންގައި ވާހަކަދައްކަމުންނެވެ. މުމްބާއީގައި ދާދި ފަހުން ބޭއްވި މި ޚާއްސަ ހަރަކާތާއި ޗޭންޖްމޭކަ އެވޯޑްސްއަކީ، އަންހެނުން ބާރުވެރިކުރުވުމާއި، ލީޑަޝިޕްގެ އިތުރުން މުޖުތަމަޢާއި ސިޔާސަތާއި ސަޤާފަތާ ގުޅޭ މުހިންމު މަޝްވަރާތަކަށް ޚާއްޞަކޮށްގެން ބާއްވާ ބައިނަލްއަޤްވާމީ ފެންވަރުގެ ސިލްސިލާ ފޯރަމެކެވެ.
އެ އިވެންޓުގައި ވާހަކަދައްކަމުން ޖާވިދު ފާހަގަކުރި ގޮތުގައި، އޭނާގެ ހަޔާތުގެ މި 80 އަހަރުގެ ތެރެއިން މަދުވެގެން 15 އަހަރު ވަނީ އެއްވެސް ފައިދާއެއް ނެތި ނަގާލެވިފައެވެ. ޒިންމާދާރުކަން ކުޑަ އުޅުމެއްގެ ސަބަބުން ދިރިއުޅުމުގައި ބޮޑެތި ގޯސްތަކެއް ހެދިފައިވާ ކަމަށާއި، އޭގެ ސަބަބުން އިތުރު ލިޔުންތައް ލިޔުމަށާއި އާ ހުނަރުތައް ދަސްކުރުމަށް ލިބެން ހުރި ގިނަ ފުރުސަތުތަކެއް ގެއްލިގެން ދިޔަ ކަމަށް އޭނާ ޤަބޫލުކުރާކަން އޭނާ ވަނީ ހާމަކޮށްފައެވެ. އެގޮތުން އެ ދުވަސްތައް ބޭކާރު ނުކޮށްލެވުނު ނަމަ، މިއުޒިކް ދަސްކުރުމާއި، މިއުޒިކް ކުޅޭ އާލާތެއް ދަސްކުރުމުގެ އިތުރުން، ފަރަންސޭސި ނުވަތަ ފާރިސީ ފަދަ ބޭރު ބަހެއް ދަސްކުރުމުގެ ފުރުސަތު ލިބުނީސް ކަމަށް އަޚްތަރު ބުނެފައިވެއެވެ.
ޖާވިދު އަޚްތަރު އަންހެނުން އަދި ކުރީގެ ބަތަލާ ޝަބާނާ އާޒްމީއާ އެކު--ފޮޓޯ/ފިލްމުފެއަމަޝްހޫރު ފިލްމު "ޝޯލޭ"ގެ ލިޔުންތެރިޔާ ވަނީ މާޒީގައި ބައެއް މީހުންނާ މެދު އޭނާއަށް ބެހެއްޓުނު ގޮތާ މެދުވެސް ހިތާމަކުރާކަން ހާމަކޮށްފައެވެ. ބައެއް ފަރާތްތަކާ މެދު މިއަށްވުރެ ބޮޑަށް ވިސްނާލެވުނު ނަމައޭ ހިތަށް އަރާ ކަމަށާއި، އެ މީހުންނާ މުއާމަލާތް ކުރެވުނު ގޮތާއި، ވާހަކަދެއްކުމުގައި ބޭނުންކުރެވުނު ބަސްމަގާ މެދު މިހާރު ވިސްނާލުމުން ވަރަށް ބޮޑަށް ދެރަވާ ކަމަށް އޭނާ ވަނީ އިޚްލާޞްތެރިކަމާއެކު ބުނެފައެވެ.
ދިރިއުޅުމުގައި ހެދުނު ބޮޑެތި ގޯސްތަކަށް އަލިއަޅުވާލަމުން ޖާވިދު ބުނީ، ބޮޑު މީހެއްގެ ގޮތުގައި ހުރެ އޭނާއަށް ކުރެވުނު ހުރިހާ ބޮޑެތި ކުށްތަކަކީވެސް އޭރު އޭނާ ގެންގުޅުނު ނުރަނގަޅު އާދަތަކުގެ ސަބަބުން ކުރެވުނު ކަންކަން ކަމަށެވެ. އެ އާދަތަކާ ދުރުގައި ހުރެވުނު ނަމަ، އެފަދަ ގޯސްތަކެއް ނުހެދުނީސް ކަމަށް ޤަބޫލުކުރެވޭ ކަމަށާއި، އެއީ ދިރިއުޅުން ވަރަށް ބޮޑަށް އޮޅުންބޮޅުންވެގެން ދިޔަ ދުވަސްވަރެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ.
އޭނާ އިތުރަށް ކިޔައިދިން ގޮތުގައި، އެފަދަ އާދަތަކެއްގައި އޭނާ އުޅުނީ ކުޑައިރުގެ ހިތާމަވެރި ހަނދާންތަކަކުން ނުވަތަ ކަމަކުން ރެކެން ވެގެންނެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ އޭރު އޭނާއަށް އެކަމުން އުފާވެރިކަމެއް އިހުސާސްކުރެވޭތީ ކުރި ކަމެކެވެ. ނަމަވެސް ވަކި ހިސާބަކުން، އެ ވަގުތީ އުފަލުގައި ދެމިހުރުމާއި، ދިގު އުމުރެއް ވޭތުކުރުމާ ދެމެދު ގޮތެއް ނިންމަން މަޖުބޫރުވި ކަމަށް ޖާވިދު ވަނީ ބުނެފައެވެ. އެ ދުވަސްވަރު އޭނާގެ ސިއްހީ ހާލަތު ހުރި ގޮތުން ދުނިޔޭގައި ހުރެވޭނީ އިތުރު 10 ނުވަތަ 12 އަހަރު ކަމަށް އަމިއްލައަށް އަންދާޒާ ކުރެވުމާއެކު ދިގު އުމުރެއް ބޭނުންވާ ނަމަ އެ ނުރަނގަޅު އާދަތައް އެއްކޮށް ދޫކޮށްލަން ޖެހޭކަން ވިސްނި، ދިރިއުޅުން ބަދަލުކޮށްލީ ކަމަށް ޖާވިދު ވަނީ ބުނެފައެވެ.
އުމުރުން 81 އަހަރުގައިވެސް ޖާވިދު ފާހަގަކުރެވެނީ އިންޑިއާގެ އަދަބީ އަދި ފިކުރީ މައިދާނުގައި އެންމެ ނުފޫޒުގަދަ އެއް ޝަޚްޞިއްޔަތުގެ ގޮތުގައެވެ. ދާދި ފަހުން ބޭއްވި ޖައިޕޫރު ލިޓްރެޗަ ފެސްޓިވަލާއި މުމްބާއީ ލިޓްފެސްޓް ފަދަ ބޮޑެތި މަހާސިންތާތަކުގައި ބައިވެރިވެ، އޭނާގެ އާ ފޮތް "ތްރީ މާސްޓާސް" ނެރެފައިވާއިރު، ޅެންވެރިކަމާއި ލިޔުންތެރިކަމުގެ ތެރެއިން އާ ޖީލުތަކަށް މަގުދައްކައިދިނުމުގައި އޭނާ އަދިވެސް ގެންދަނީ ސާބިތުކަމާއެކު މަސައްކަތް ކުރަމުންނެވެ.