އުރީދޫ ފަންރަން ޝޯގައި ޕާފޯމްކުރާ 'އިންޑިއަން އައިޑޮލް'ގެ ތަރި، އަބީޖީތު ސާވަންތުގެ އެންމެ ފާހަގަކޮށްލެވޭ ހިޓް ލަވަތަކަކީ ކޮބާ؟

ދެހާސްފަސް ވަނަ އަހަރު "އިންޑިއަން އައިޑޮލް"ގެ އެންމެ ފުރަތަމަ ސީޒަން ކާމިޔާބުކޮށް ބޮޑު މަޤުބޫލުކަމެއް ހޯދި މިއުޒިކީ ފަންނާނު އަބިޖީތު ސާވަންތު--ފޮޓޯ/ފޭސްބުކް

އިންޑިއާގެ މިއުޒިކީ އުދަރެހުން ވިދާލި މިއުޒިކީ ފަންނާނުންގެ ތެރެއިން، ދިވެހިންގެ ހިތްތަކާ އެންމެ ބޮޑަށް ގުޅިފައިވާ އެއް އަޑަކީ ޝައްކެއްވެސް ނެތް ގޮތުގައި އަބީޖީތު ސާވަންތުގެ އަޑެވެ. ދެހާސްފަސް ވަނަ އަހަރު "އިންޑިއަން އައިޑޮލް"ގެ އެންމެ ފުރަތަމަ ސީޒަން ކާމިޔާބުކޮށް، އިންޑިއާގެ ޓެލެވިޜަން ތާރީޚުގައި ރަން އަކުރުން ނަން ފަވާލި އަބީޖީތު ވެގެންދިޔައީ، އެ ޝޯއާއެކު ދިވެހި ގޭބިސީތަކުގެ ވެސް އެންމެ މަޤުބޫލު ތަރިއަށެވެ. އޭނާގެ އޯގާތެރި އަދި އަސަރުގަދަ އަޑުން ކިޔައިދީފައިވާ ލަވަތަކަކީ މިއަދުވެސް މިއުޒިކަށް ލޯބިކުރާ އެތައް ބައެއްގެ ހިތްތަކަށް ފިނިކަން ގެނެސްދޭ ފަނޑުވުމެއް ނެތް ހަނދާންތަކެކެވެ.

އަބީޖީތުގެ މިއުޒިކީ ޙަޔާތުގެ އެންމެ އުސްއަލިތަކަށް ބަލާއިރު، އޭނާގެ ފުރަތަމަ ސޯލޯ އަލްބަމް "އާޕްކާ އަބީޖީތު ސާވަންތު"ގައި ހިމެނޭ "މުޙައްބަތޭން ލުޓާއުންގާ" އަކީ އޭނާގެ ކެރިއަރުގެ އެންމެ ބޮޑު ކާމިޔާބީއެވެ. "އިންޑިއަން އައިޑޮލް"ގެ ކާމިޔާބީއާ އެކު ނެރުނު މި ލަވައަކީ ލޯބީގެ ފުން އިހުސާސްތައް އެކުލެވޭ، މިއަދާ ހަމައަށްވެސް އޭނާގެ ސިގްނޭޗާ ލަވައިގެ ގޮތުގައި މަޝްހޫރުވެފައިވާ ރީތި ރާގެކެވެ. ހަމަ އެ އަލްބަމްގައި ހިމެނޭ "ލަފްޒޯން މޭން" އަކީ ވެސް އެ ދުވަސްވަރު ޒުވާނުންގެ ދޫދޫމަތިން ނުފިލައި އޮތް، ހިތްގައިމު ރޮމޭންޓިކް ލަވައެކެވެ. މި ދެ ލަވައާއެކު އިންޑިއާގެ ޕޮޕް މިއުޒިކް ޗާޓުތަކުގެ އެންމެ ކުރީގައި އަބީޖީތު އޭނާގެ މަޤާމު ވަރުގަދަކުރިއެވެ.

އަލްބަމް ލަވަތަކުގެ އިތުރުން ބޮލީވުޑްގެ ޕްލޭބެކް ލަވަކިޔުންތެރިއެއްގެ ގޮތުގައި ވެސް އަބީޖީތު ވަނީ ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ހިޓްތަކެއް ގެނެސްދީފައެވެ. އެގޮތުން 2005 ވަނަ އަހަރު ނުކުތް މަޝްހޫރު ފިލްމު "އާޝިގް ބަނާޔާ އާޕްނޭ"އަށް އޭނާ ކިޔައިދިން "މަރު ޖާވާން މިޓް ޖާވާން" އަކީ ބޮލީވުޑްގައި އޭނާގެ އަޑުގެ ޖާދޫ ދައްކާލި އެންމެ ވަރުގަދަ އެއް ލަވައެވެ. އޭގެ ފަހުން 2007 ވަނަ އަހަރު ނެރުނު އޭނާގެ ދެވަނަ އަލްބަމްގެ ޓައިޓަލް ލަވަ ކަމަށްވާ "ޖުނޫން"އިން އަނެއްކާވެސް އޭނާގެ ތަފާތު ހުނަރު ދައްކާލިއިރު، 2010 ވަނަ އަހަރުގެ ފިލްމު "ތީސް މާރު ޚާން"ގެ ލަވަތަކުގައި ވެސް އޭނާގެ އަޑު އިވިގެން ގޮސްފައިވެއެވެ.

އިންޑިއަން އައިޑޮލްގެ ފުރަތަމަ ޗެމްޕިއަންކަން ހޯދުމަށްފަހު، އެކި ޝޯތަކުގެ ޗެމްޕިއަނުންނާއި ލެޖެންޑުން ވާދަކުރާ ބޮޑެތި މުބާރާތްތަކުގައި ވެސް އަބީޖީތު ވަނީ އޭނާގެ ހުނަރު ސާބިތުކޮށްދީފައެވެ. އެގޮތުން އިންޑިއާގެ އެކި ލަވަ މުބާރާތްތަކުގެ ޗެމްޕިއަނުންނާއި ރަނަރަޕުންގެ މެދުގައި 2008 ވަނަ އަހަރު ބޭއްވި "ޖޯ ޖީތާ ވޮހީ ސުޕަސްޓާ"އިން އޭނާ ފުރަތަމަ ރަނަރަޕްކަން ހޯދިއިރު، އެކި ޤައުމުތަކުގެ އައިޑޮލް ޗެމްޕިއަނުން ވާދަކުރި "އޭޝިއަން އައިޑޮލް"އިން ތިންވަނަ ހާސިލްކުރިއެވެ. މީގެ އިތުރުން، އިންޑިއަން އައިޑޮލްގެ އެންމެ ފާހަގަކޮށްލެވޭ ޗެމްޕިއަނުންނާއި ތަރިން އަލުން އެއް ސްޓޭޖަކަށް ގެނެސްދޭ ޚާއްޞަ ސީޒަން ކަމަށްވާ "އިންޑިއަން އައިޑޮލް ލެޖެންޑްސް ރިޓާން"ގައި ވެސް އޭނާ ދަނީ ބައިވެރިވަމުންނެވެ. އަދި 2024 ވަނަ އަހަރު ކުރިއަށްދިޔަ "ބިގް ބޮސް މަރާޓީ" ސީޒަން 5ގެ ފުރަތަމަ ރަނަރަޕްކަން ހޯދައިގެން އޭނާ ވަނީ ބެލުންތެރިންގެ ލޯބި ހޯދާފައެވެ.

ދިވެހި ސަޕޯޓަރުންނަށް ލިބޭ އެންމެ ބޮޑު އުފަލަކީ، އަބީޖީތުގެ މި ހިތްގައިމު ލަވަތައް ލައިވްކޮށް އަޑުއަހާލުމުގެ ފުރުސަތު ވަރަށް އަވަހަށް ލިބިގެންދާނެކަމެވެ. އުރީދޫ މޯލްޑިވްސްއިން ބާއްވާ "އުރީދޫ ފަން ރަން 2026"ގެ މިއުޒިކް ޝޯ ހެޑްލައިން ކުރުމަށް އަބީޖީތު ސާވަންތު ރާއްޖެ އަންނައިރު، މި ޝޯ އޮންނާނީ މި ފެށޭ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ރޭ 8:00އިން ފެށިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. ކުލަތަކާއި، ފޯމް އަދި މިއުޒިކާއެކު އެތައް ހާސް ބަޔަކު ބައިވެރިވާ އުރީދޫ ފަން ރަންގެ އުފާފާޅުކުރުންތަކުގެ ތެރެއިން ކުރިއަށްދާ މި ޝޯއަކީ، ތަފާތު ޢުމުރުފުރާތަކުގެ ދިވެހި މިއުޒިކަށް ލޯބިކުރާ ފަރާތްތަކަށް ހަނދާނުން ފޮހެނުލެވޭނެ ފަދަ ރެއަކަށް ވާނެކަން ޔަޤީނެވެ.

comment ކޮމެންޓް