ރައީސާއި ނައިބު ރައީސަށް އިންޒާރުދޭ ވީޑިއޯގެ މައްސަލަ ޕީޕީއެމުން ކުށްވެރިކޮށްފި

 ރައީސް ޔާމީނާއި ނައިބު ރައީސް އަދީބު ޖަލްސާއެއްގައި ------ ސަން ފައިލް ފޮޓޯ

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އާއި ނައިބު ރައީސް އަހުމަދު އަދީބަށް އިންޒާރުދީ، ޔޫޓިއުބުގައި ދާދި ފަހުން އާންމުކޮށްފައިވާ ވީޑިއޯގެ މައްސަލަ ޕީޕީއެމުން ކުށްވެރިކޮށްފި އެވެ.

"ހަރުކަށި އިބާރާތުން" އެ ވީޑިއޯގެ މައްސަލަ ކުށްވެރިކޮށް ޕީޕީއެމުން ވަނީ މިއަދު ނޫސްބަޔާނެއް ނެރެފަ އެވެ.

އެ ނޫސްބަޔާނުގައި ބުނެފައި ވަނީ ވީޑިއޯ ނެރުނު ފަރާތެއް ހޯދައި އެ މައްސަލަ ބައްލަވައި ފިޔަވަޅު އެޅުމަށް ކަމާ ބެހޭ އިދާރާތަކަށް ގޮވާލާ ކަމަށެވެ.

"މިޕާޓީގެ މުސްތަޝާރު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އާއި މިޕާޓީގެ ނައިބު ރައީސް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަހުމަދު އަދީބު އަބްދުލްގަފޫރަށް ހަމަލާދޭނެ ކަމަށް ބުނެ ދާދިފަހުން ޔޫޓިއުބުގައި [އައިއެސްއައިއެސް ޖަމާއަތުން ނެރުނު ވީޑިއޯއެއްކަމަށް ބުނެ] ޝާއިއުކޮށްފައިވާ، ވީޑިއޯ މިޕާޓީގެ ފަރާތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ،" ޕީޕީއެމުން ނެރުނު ބަޔާނުގައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު އަދި ސަރުކާރުން ނެގެހެއްޓުމަށް ޓަކައި ފަސްޖެހިވަޑައިގަތުމެއް ނެތި ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އެ ޕާޓީން އަބަދު ވެސް މަރުހަބާ ކިޔާކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އެފަދަ ކޮންމެ ދަނޑިވަޅެއްގައި ޕީޕީއެމް އޮންނާނީ ސަރުކާރުގެ ދިފާއުގައި ސަރުކާރާ އެކުކަމުގައި ކަމަށް ވެސް އެ ޕާޓީން ނެރުނު ބަޔާނުގައިވެ އެވެ.

comment ކޮމެންޓް