ސިންގަޕޫރަށް ދިޔައީ ފަރުވާއަށް، ރާއްޖެ އަންނާނަން: އަދީބު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މީގެ ކުރިން ސިންގަޕޫޜުގައި ފަރުވާ ހޯއްދެވުމަށްގަހު އެނބުރި ރާއްޖެ ވަޑައިގަތުން -- ފޮޓޯ: އިންފނިޓް މޯމެންޓްސް /މުހައްމަދު މާހިލް

މި ވަގުތު ސިންގަޕޫރުގައި ހުންނެވީ ބޭސް ފަރުވާއަށް ކަމަށާއި، ފަރުވާ ނިމުމާއެކު އެނބުރި ރާއްޖެ ވަޑައިގަންނަވާނެކަމަށް ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ވިދާޅުވެއްޖެއެވެ.

ނިމިދިޔަ ސަރުކާރުން، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުވަނީ އެ މަނިކުފާނުގެ ދައުރު ހަމަވާން، މަދު ދުވަސްކޮޅަކަށްވެފައި ވަނިކޮށް އަދީބަށް މާފުދެއްވައިފައެވެ.

އެއާއެކު މީގެ ހަފުތާއެއް ކުރިން އޭނާވަނީ ރާއްޖެ ދޫކުރައްވައި ސިންގަޕޫރަށް ވަޑައިގެންފައެވެ.

https://sun.mv/184859

އެއާއެކު ބައެއް ނޫސްތަކުންވަނީ އޭނާ އެ ގައުމަށް ދިރިއުޅުން ބަދަލުކުރީކަމަށް ރިޕޯޓުކޮށްފައެވެ. އަދި ސޯޝަލް މީޑިއާގައި ވެސް އަންނަނީ އެފަދަ ވާހަކަަތަކެއް ދައުރުވަމުންނެވެ.

އެ ވާހަކަތައް ދޮގުކުރައްވައި މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަދީބު ވިދާޅުވީ އޭނާ ސިންގަޕޫރަށް ދިރިއުޅުން ބަދަލުކުރީކަމަށް ބުނެ ބައެއް ނޫސްތަކުން ފަތުރަމުން އަންނަނީ ދޮގު ޚަބަރެއް ކަމަށެވެ.

އަދި މިހާރު ރާއްޖެއިން ބޭރުގައި ހުންނެވީ ބައްޔަކަށް ފަރުވާ ހޯއްދެވުމަށް ކަމަށް ވެސް އަދީބު ފާހަގަކުރެއްވިއެވެ. އެއާއެކު އަދީބުވަނީ ބަލީގެ ފަރުވާ ނިމުމާއެކު ރާއްޖެ ވަޑައިގަންނަވާނެކަމަށް ވިދާޅުވެފައެވެ.

އަދީބު ވިދާޅުވީ، އޭނާ ދިރިއުޅޭނީ ވެސް އަދި މަސައްކަތް ކުރާނީ ވެސް ރާއްޖޭގައި ކަމަށެވެ. އަދި މަރުވުމުން ވަޅުލަނީ ވެސް ދިވެހި ފަސްގަނޑުގައިކަމަށް އަދީބު ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ދެ މިލިއަން ރުފިޔާއިން މީގެ ކުރިންވަނީ ޖޫރިމަނާ ކޮށްފައެވެ.

comment ކޮމެންޓް