އަށް ރަށެއްގެ ފެނުގެ ނިޒާމުގެ ޑިޒައިން މަސައްކަތް ކުރުމަށް ބަޔަކާ ހަވާލުކޮށްފި

މިއަދު ޝީ ބިލްޑިންގުގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ހއ. ހޯރަފުއްޓާއި ހދ. ހަނިމާދޫއާއި ށ. މިލަންދޫއާއި ރ. އުނގޫފާރާއި ޅ. ނައިފަރާއި ދ. ކުޑަހުވަދުއާއި ތ. ގުރައިދޫ އަދި ގއ. ވިލިނގިލީގެ ފެނުގެ ނިޒާމްގެ ޑިޒައިން އަދި ޓެންޑާ ޑޮކިއުމަންޓް ތައްޔާރުކުރުމަށް މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ.

އެ އަށްރަށުގެ ފެނުގެ ނިޒާމްގެ ޑިޒައިން އަދި ޓެންޑާ ޑޮކިއުމަންޓް ތައްޔާރުކުރުމަށް ހަވާލުކޮށްފައި ވަނީ ގްރީންޓެކް ކޮންސަލްޓިންގ ލިމިޓެޑް (ސްރީލަންކާ) އިން އެސޯސިއޭޝަން ވިތު ގްރޮންޓް މިޖް (ޑެންމަރކް)، ޑިވެލޮޕްމަންޓް ކޮލޮބަރޭޓިވް ޕަރޓްނާޝިޕް (މޯލްޑިވްސް) އަދި އޮޕްޓިމަމް ސޮލިއުޝަންސް އާއި އެވެ.

މިއަދު ޝީ ބިލްޑިންގްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިގު އިބްރާހިމް އެވެ. އަދި ގްރީންޓެކް ކޮންސަލްޓިންގ ލިމިޓެޑް އާއި ގްރޮންޓް މިޖް (ޑެންމަރކް)، ޑިވެލޮޕްމަންޓް ކޮލޮބަރޭޓިވް ޕަރޓްނާޝިޕް (މޯލްޑިވްސް) އަދި އޮޕްޓިމަމް ސޮލިއުޝަންސްގެ ފަރާތުން ސޮއިކުރެއްވީ ގްރީންޓެކް ކޮންސަލްޓަންޓްސް ގެ ޑިރެކްޓަރު ދިޔަތް ގުނަވަރްދަނާ އެވެ.

މި މަޝްރޫޢުގެ ދަށުން ހއ. ހޯރަފުށި، ހދ. ހަނިމާދޫ، ށ. މިލަންދޫ، ރ. އުނގޫފާރު، ޅ. ނައިފަރު، ދ. ކުޑަހުވަދޫ، ތ. ގުރައިދޫ އަދި ގއ. ވިލިނގިލީގެ ފެނުގެ ނިޒާމް ޤާއިމް ކުރުމަށްޓަކައި ބޭނުންވާ ޑިޒައިން އަދި އަމަލީ މަސައްކަތުގެ ޓެންޑަރ ޑޮކިއުމަންޓް ހެދުމުގެ މަސައްކަތް ކުރެވިގެން ދާނެއެވެ. އޭގެ އިތުރުން އެ މަޝްރޫއުގައި ހިމެނިފައިވާ ތ. ވިލުފުއްޓާއި ބ. އޭދަފުށީގައި ފެނުގެ ނިޒާމް ގާއިމްކުރުމަށްޓަކައި ބޭނުންވާ ޑިޒައިން މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޠާރިގު ވިދާޅުވީ، ކޮންސަލްޓެންޓުންނާ ވާހަކަ ދެއްކުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން ޑިޒައިން ނިންމުމަށްފަހު އަންނަ އަހަރު އެ މަސައްކަތްތައް ފަށައި، 2017 ވަނަ އަހަރު ނިންމާލާނެ ކަމަށެވެ. އެގޮތުން 2017 ވަނަ އަހަރު އެ މަސައްކަތުގެ ފައިދާ ރައްޔިތުންނަށް ފެންނާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެ މަސައްކަތުގެ ޖުމްލަ އަގަކީ 2,590,934.68 ރުފިޔާ އެވެ. އަދި މި މަސައްކަތް ނިންމުމަށް ކަނޑައެޅިފައިވާ މުއްދަތަކަކީ ސޮއިކުރާ ތާރީހުން ފެށިގެން ހަ މަސް ދުވަހެވެ.

comment ކޮމެންޓް