ސިއްރު ހެކީންގެ ހެކިބަސް ދައުވާ ލިބޭ މީހާގެ ޣައިރު ހާޒިރުގައި ނަގަން ފުނަދޫ ކޯޓުން ފަށައިފި

ކުށެއްގެ ތުހުމަތުގައި ފުލުހުން މީހަކު ހައްޔަރު ކުރަނީ ---

ދައުލަތުގެ ފަރާތުން ސިއްރު ހެކީން ހުށަހަޅާ މައްސަލަތަކުގައި ހެކިބަސް ނަގާނީ ދައުވާ ލިބޭ ފަރާތުގެ ޣައިރު ހާޒިރުގައި ކަމަށް ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓުން ބުނެފިއެވެ.

ށ. ފުނަދޫ ކޯޓުގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އެރަށު ނަސީމީގެ، މުޙައްމަދު ރިޝާން،26، ގެ މައްޗަށް ދައުލަތުން އުފުލި ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމުގެ ދައުވާއާ ގުޅިގެން ދައުލަތުން ހުށަހެޅި ސިއްރު ހެކީންގެ ހެކިބަސް ނަގާފައި ވަނީ ވެސް އޭނާގެ ޣައިރު ހާޒިރުގައި އެވެ.

ޣައިރު ހާޒިރުގައި ހެކިބަސް ނަގާފައިވާއިރު، ރިޝާންގެ މައްޗަށް އެ މައްސަލަ ސާބިތުވެ އޭނާ 10 އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމް ކޮށްފަ އެވެ.

ށ. ފުނަދޫ ކޯޓުން އެގޮތަށް އަމަލު ކުރިނަމަވެސް ކްރިމިނަލް ކޯޓާއި ޖުވެނައިލް ކޯޓުން ސިއްރު ހެކީންގެ ހެކިބަސް ނަގަނީ ކޯޓުގެ އެހެން ރޫމަކަށް ހެކީން ހާޒިރުކޮށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. އެގޮތަށް ހެކިބަސް ނަގާއިރު ދައުވާ ލިބޭ މީހުންނަށް ހެކިބަސްދޭ މީހާއާ ސުވާލު ކުރުމުގެ ފުރުސަތު ކޯޓުން ދެއެވެ. ނަމަވެސް ދައުވާ ލިބޭ މީހާއަށް ހެކިބަސްދޭ މީހަކީ ކާކުކަން އެނގޭނެ އެއްވެސް ފުރުސަތެއް ނޯންނާނެއެވެ.

ފުނަދޫ ކޯޓުން މިގޮތަށް އަމަލު ކުރަމުންދާއިރު ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (ކ) ގައި ވަނީ ދައުވާ ހުށަހަޅާ ފަރާތުން ޝަރީއަތަށް ހާޒިރުކުރާ ހެކީންނާ ސުވާލު ކުރުމާއި، އެމީހަކު ބޭނުން ހެކީން ޝަރީއަތަށް ހާޒިރުކޮށްދިނުމަށް ކޯޓުގައި އެދުމާއި އެ ހެކީންނާ ޝަރީއަތުގެ މަޖިލީހުގައި ސުވާލު ކުރުމުގެ ހައްގު ދައުވާ ލިބޭ މީހާއަށް ލިބިގެންވާ ކަމަށެވެ.

comment ކޮމެންޓް