ވެލިދޫއިން ފާރަގެމަ ބޭނުންކޮށްގެން މަސްތުވާތަކެތި ހޯދައިފި

ފާރަގެމަ ބޭނުންކޮށްގެން ނ. ވެލިދޫގައި ހިންގި އޮޕަރޭޝަންގައި ގިނަ ޢަދަދެއްގެ ގެއާއި ތަންތަން ބަލައި ފާސްކޮށް މަސްތުވާތަކެތި ހޯދައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ ވެލިދޫ ކައުންސިލްގެ އެދުމުގެ މަތިން ފާރަ ގެމަ ބޭނުންކޮށްގެން މިދިޔަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަންގައި ގިނަ ޢަދަދެއްގެ ގެ އާއި، ޖިނާޢީ ކުށްތައް ހިންގާ ކަމަށް ފާހަގަކުރެވިފައިވާ ބައެއް ތަންތަން ބަލައި ފާސްކޮށްފައިވާއިރު އެތަންތަނުން މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

"ބަލައި ފާސްކުރެވުނު ބައެއް ގޭގެއިން މަސްތުވާތަކެތި ކަމަށްބެލެވޭ އެއްޗެއް ހުސްކޮށްފައިހުރި ފިލްމު ހުސްކުރި ދަޅުފަދަ ތަކެއްޗާއި މަސްތުވާތަކެތި ބަންދުކުރަން ބޭނުންކުރާ ބައެއް ސާމާނު ފެނިފައިވެ. އޭގެ އިތުރުން، ޖިނާޢީ ކުށްތައް ހިންގާ ކަމަށް ބެލެވޭ ބައެއް ތަންތަން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ދަޅަކާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ޕެކެޓްތަކެއް ފެނިފައިވެ" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ވެލިދޫގައި ހިންގި އެ އޮޕަރޭޝަނަކީ ބައެއް ރަށްރަށުގައި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރުން އިތުރުވަމުންދިއުމާއި އެހެނިހެންވެސް ޖިނާޢީ ކުށްތައް ކުރުން އިތުރުވަމުންދާތީ އެ ރަށްރަށުގެ ކައުންސިލްތަކުން އެދުމުގެ މަތިން އެރަށްރަށުގެ ވެށި އަމާންކުރުމަށް ރަށްރަށުގެ ޕޮލިސް ސްޓޭޝަންތަކާއި އިންޓާނަލް ސެކިއުރިޓީ ކޮމާންޑާއި ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް ގުޅިގެން ރާއްޖޭގެ ތިން ސަރަހައްދަކަށް އަމާޒުކޮށްގެން ހިންގަމުންދާ އޮޕަރޭޝަންތަކުގެ ތެރެއިން ހިންގުނު އޮޕަރޭޝަނެއް ކަމަށެވެ.

comment ކޮމެންޓް