އެސްޓީއޯ ނަމުގައި އޮޅުވާލައިގެން ރީލޯޑް ހޯދާ މައްސަލަ ބޮޑުވެފައި

އެސްޓީއޯ ހެޑް އޮފީސް: ސަން ފައިލް ފޮޓޯ

ސްޓޭޓް ޓުރޭޑިން އޯގަނައިޒޭޝަން(އެސްޓީއޯ)ގެ ނަމުގައި އޮޅުވާލައިގެން ގުޅައި އެކި އެކި ފަރާތްތަކުގެ އަތުން ރީލޯޑްގެ ގޮތުގައި ފައިސާ ހޯދަމުންދާ ކަމަށް އެކުންފުނިން ބުނެފިއެވެ.

އެސްޓީއޯއިން ބުނީ އެސްޓީއޯއިން އެއްވެސް އިރެއްގައި މޯބައިލް ފޯނަށް ފައިސާ ރީލޯޑް ކޮށްގެން ބައިވެރިވެވޭ ޕްރޮމޯޝަނެއް ހިންގާފައި ނުވާނެ ކަމަށާއި އެފަދަ ކަންކަމަށް އާންމުން ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

"އެސްޓީއޯގެ ނަމުގައި އެކި ބޭފުޅުންގެ ފޯނަށް ގުޅައި، އެސްޓީއޯގެ ޕްރޮމޯޝަންގައި ބައިވެރި ކޮށްދޭނެ ކަމަށް ބުނެ، ވަކި މޯބައިލް ނަންބަރު ތަކަކަށް ފައިސާ ރީލޯޑް ކުރުމަށް އެދެމުންދާ ކަމުގެ މައުލޫމާތު މިކުންފުންޏަށް ވަނީ ލިބިފަ" އެސްޓީއޯއިން ބުންޏެވެ.

އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތަކުގައި މަޝްހޫރު ވިޔަފާރިތަކުން ހިންގާ ޕްރޮމޯޝަންތަކުގެ ނަން ބޭނުންކޮށްގެން ނުދަންނަ ނަމްބަރުތަކުން އާއްމު ރައްޔިތުންނަށް ގުޅައި އެކި ކަހަލަ ވާހަކަތައް ދައްކައި ބޮޑެތި އަދަދުތަކުން މަކަރާއި ހީލަތުން ފައިސާ އަތުލުމުގެ މައްސަލަ މިހާރަކަށް އައިސްވަނީ ބޮޑުވެފައެވެ.

ޕްރޮމޯޝަންތަކުގެ ނަމުގައި ގޮތްނޭނގޭ ފަރާތްތަކުން ގޮތް ނޭނގޭ ނަމްބަރުތަކުން ގުޅައިގެން ބޮޑެތި ޢަދަދުތަކުން ފައިސާ ހޯދުން އިތުރުވަމުންދާތީ އާމުން އެކަމަށް ހޭލުންތެރިކުރުމުގެ ހަރަކާތްތަކެއް ފުލުހުން ވެސް ވަނީ ފަށާފަ އެވެ.

ދިރާގުގެ ސީނިއާ މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް އިމްޖާދު ޖަލީލް ވިދާޅުވީ، އެފަދަ ފޯނުކޯލަކުން މީހަކު ރީލޯޑެއް ކޮށްދޭން އެދިފި ނަމަ އެފަދަ ނަންބަރުތަކަށް ރީލޯޑް ނުކޮށްދޭން އިލްތިމާސް ކުރާ ކަމަށެވެ.

ރާއްޖޭގައި މިހާތަނަށް ހިންގާ އަދި ހިންގަމުންދާ އާއްމު ޕްރޮމޯޝަންތަކަކީ މުދާ ގަނެގެން ނުވަތަ ކޮންމެވެސް މަސައްކަތްތަކެއް ކޮށްގެން ޕްރޮމޯޝަނެއްގައި ބައިވެރިވެގެން ގުރުއަތަކުން ހޮވޭފަރާތަކަށް އިނާމުތަކެއް ލިބޭ ގޮތަށް ހިންގޭ ޕްރޮމޯޝަންތަކެކެވެ. އެއްވެސް ޙާލަތެއްގައި ފޯނުކޮށްގެން ވަކި އަދަދުތަކަކުން ފޯނުން ގުޅާ ފަރާތުން ކަނޑައަޅާ އުސޫލަކުން ފައިސާ ދޫކުރާ ޕްރޮމޯޝަންތަކެއް ނޫނެވެ.

comment ކޮމެންޓް