"ޑިއާ ޕްރެޒިޑެންޓް" އަށް 2000 ހިޔާލު ހުށަހަޅައިފި

ރައީސް ޔާމީންއާއެކު ޒުވާން އަންހެން ކުއްޖަކު ސެލްފީއެއް ނަގާލަނީ-- ފޮޓޯ/ ރައީސް އޮފީސް

އެކި ކަންކަމާ ގުޅޭ ގޮތުން އާންމުން ރައީސް ޔާމީނަށް ހިޔާލު ހުށަހެޅުމަށް ރައީސް އޮފީހުން ހުޅުވާލާފައިވާ "ޑިއާ ޕްރެޒިޑެންޓް" އަށް މިހާތަނަށް 2000 އާއި ގާތްކުރާ އަދަދަކަށް ހިޔާލު ހުށަހަޅާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުން ބުނީ އޭގެ ތެރޭގައި ސަރުކާރުގެ މަސައްކަތްތަކަށް ތައުރީފް ކޮށްފައިވާ ހިޔާލުތަކާއި، ބައެއް ކަންކަމުގައި ރައްޔިތުންގެ ކަންބޮޑުވުން ފާޅުކޮށްފައިވާ ހިޔާލުތައް ހުރި ކަމަށެވެ.

އޭގެ އިތުރުން ސަރުކާރުގެ ބްރިޖް އެޅުމުގެ މަޝްރޫ އާއި ގާނޫނު އަސާސީއަށް ގެނެވުނު ދެ ވަނަ އިސްލާހުގެ ދަށުން ވިޔަފާރީގެ އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖެއިން ބައެއް މިލްކް ކުރެވޭ ގޮތަށް އޮތް އޮތުމާއިމެދު އެކަމުގެ ރަނގަޅު މައުލޫމާތު ނޭނގި ތިބެ ކޮންމެވެސް ސިޔާސީ އެހެން ފަރާތަކުން އަޑު އިވޭ އިވުންތަކަށް ބަލާ އެކަމާއި ގުޅޭގޮތުން ކޮށްފައި ހުރި ކޮމެންޓް ހިމެނޭ ކަމަށެވެ.

އެހެން ކަމުން އެ ދެ ކަންތަކާއި ގުޅޭގޮތުން ވަރަށް ތަފްސީލީ މައުލޫމާތު ޑިއާ ޕްރެސިޑެންޓް ލިންކުން ފެންނާނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.

"ފާހަގަކޮށްލެވޭ އަނެއް ކަމަކީ މިނިވަން 50 ފާހަގަކުރުމަށް ކުރިއަށްގެންދިޔަ ހަރަކާތްތަކާއިމެދު ގިނަ އަދަދެއްގެ އާންމުން ހިތްހަމަ ޖެހި އެކަމަށްޓަކައި ސަރުކާރަށް ތަޢުރީފް ކޮށްފައިވޭ،" ރައީސް އޮފީހުން ނެރުނު ބަޔާނުގައިވެ އެވެ.

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މި ސަރުކާރުން އިސްކަންދޭ މިންވަރު ބޮޑުކަން ފާހަގަކޮށް އެކަމަށްޓަކައި ސަރުކާރަށް ޝުކުރު އަދާކޮށް ގިނަ ކޮމެންޓް ލިބިފައިވާ ކަމަށް ވެސް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.

comment ކޮމެންޓް