ގައުމު ތަރައްގީ ނުކުރެވޭނަމަ ރައްޔިތުން އަބަދުވެސް ތިބެންޖެހޭނީ ސިޔާސީ ހަލަބޮލިކަމެއްގެ ތެރޭގައި ކަމަށް އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
ނ. ލަންދޫގައި މިރޭ ބޭއްވި އެމްޑީއޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ސިޔާމް ވިދާޅުވީ، އެ ޕާޓީގެ ހުރިހާ މެމްބަރުންގެ މަސައްކަތަކީ ވެސް ރާއްޖެއަށް މިއަދަށް ވުރެ ފަހި މާދަމާއެއް ގެނެސް، ރައްޔިތުން އުފާފާގަތިކަންމަތީ ބޭތިއްބުން ކަމަށެވެ.
މިކަން ނުކުރެވޭ ކަމަށް ވަންޏާ އަޅުގަނޑުމެން ޖެހޭނީ އަބަދުވެސް ސިޔާސީ އޮއިގަނޑެއްގައި ސިޔާސީ ވަރަށް ބޮޑު ހަލަބޮލިކަމެއްގައި ރައްޔިތުން ހަނާވެގެންދާން އަހްމަދު ސިޔާމް މުހައްމަދު އެމްޑީއޭގެ ލީޑަރު
އަމިއްލަ އެދުން އިސްކޮށް ތިމާގެ ޖާހަތާއި މުދާ އިތުކުރުމަށް ބަޔަކު ދައްކާ ވާހަކަތަކަށް ނުހެއްލުމަށް ސިޔާމް ވަނީ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.
ސިޔާމް ވިދާޅުވީ ތިމާއަކީ ފައިސާވެރި ފުދުންތެރި މީހެއް ކަމުގައިވާނަމަ އަނެކާއަށް އެހީތެރިވާންޖެހޭނެ ކަމަށާއި އެހެންނޫންމަ ކިތަންމެ ފައިސާއެއް ހުއްޓަސް އެމީހަކު ގެއްލުމެއްގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެ ކަމަށެވެ.
ިއެމްޑީއޭގެ ލީޑަރުގެ ވާހަކަފުޅުގައި މާދަމާގެ ޒުވާނުންނަކީ މިއަދުގެ ކުޑަކުދިން ކަމުގައިވާއިރު، ދަރިންނަށް ތައުލީމް އުނގަންނައި ދިނުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވައިލެއްވި އެވެ.
ތައުލީމު އެއްފަރާތުގައި އޮންނައިރު އަނެއް ފަރާތުގައި އެމީހެއްގެ އަޚުލާގީ މިންގަނޑު ހިފަހައްޓަންޖެހޭ ކަމަށާއި ކިތަންމެ މައްޗަށް ކިޔަވައިގެން ހުރި މީހެއް ކަމުގައި ވިޔަސް އަޚުލާގެއް ނެތިއްޖެނަމަ އެމީހަކީ އެއްވެސް މާނައެއް ހުރި މީހެއް ނޫން ކަމަށް ސިޔާމް ވިދާޅުވިއެވެ.
"ތައުލީމު އެއްފަރާތުގައި އޮންނަ އިރު އަނެއް ފަރާތުގައި ތިމާގެ އަޚުލާގީ މިންގަނޑު ހިފަހައްޓަންޖެހޭ. ތައުލީމެއް ލިބުނަސް، ޑިގްރީއެއް ލިބުނަސް، މާސްޓާސް އެއް ލިބުނަސް ޕީއެޗްޑީއެއް ލިބުނަސް އޭނަގެ ކިބައިގައި އަޚުލާގީ މިންގަނޑު ނެތިއްޖެ މީހަކު އެއީ އެއްވެސް އެއްޗެއް ހުރި މީހެއް ނޫން. އެއްވެސް މާނައެއް ހުރި މީހެއް ވެސް ނޫން،" ސިޔާމް ވިދާޅުވިއެވެ.
އެމްޑީއޭއިން މިރޭ ލަންދޫގައި ބޭއްވި ޖަލްސާގައި ސިޔާމްގެ އިތުރުން އެޕާޓީގެ ތިން ނައިބު ލީޑަރުން ކަމަށްވާ، ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފާއި، ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި އަދި ނައިބު ލީޑަރު އައިޝަތު ރަފިއްޔާވެސް ވާހަކަފުޅުދެއްކެވި އެވެ.
މިރޭގެ އެ ޖަލްސާއި އެމްޑީއޭގެ ގައުމީ ކައުންސިލްގެ މެންބަރުންނާއި، އެމްޑީއޭގެ ގިނަ އަދަދެއްގެ އާންމު މެންބަރުންގެ އިތުރުން ލަންދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ވެސް އެ ޖަލްސާގައި ބައިވެރިވެފައި ވެއެވެ.