ރިލްވާންގެ މައްސަލާގައި ކުރަމުންދާ އިލްތިމާސްތަކަށް އިޖާބަދިނުމަށް އައިއެފްޖޭ އިން ގޮވާލައިފި

ކޮލަމްބޯގައި ހުސްވި ޖުލައި މަހު އައިއެފްޖޭއާއި ލަންކާގެ ފްރީ މީޑިއާ މޫވްމަންޓު ގުޅިގެން ބޭއްވި ސައުތު އޭޝިއާ ސޮލިޑަރިޓީ މީޑިއާ ނެޓްވާކް (ސެމްނަސް)ގެ ޑިޖިޓަލް ކެމްޕެއިން ސްކިލްސްގެ ބައިވެރީން -- ސަން ފޮޓޯ

މީގެ އެއް އަހަރު ކުރިން ވީނުވީއެއް ނޭނގި ގެއްލިފައިވާ، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ (މޮޔަމީހާ)އަށް ވީގޮތެއް ބެލުމަށް ރާއްޖެއާއި ބައިނަލްއަގްވާމީ އެކިއެކި ފަރާތްތަކުން ކުރަމުން ގެންދާ އިލްތިމާސްތަކަށް ރާއްޖޭގެ ސަރުކާރުން އިޖާބަދީ، އެކަމުގައި މިނިވަން ތަހްގީގެއް ހިންގުމަށް އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އާއި އެ ޖަމިއްޔާގެ އެފިލިއޭޓެއް ކަމަށްވާ މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ގޮވާލައިފި އެވެ.

ރިލްވާން ގެއްލުނުތާ އެއްއަހަރު ފުރުން ފާހަގަކޮށް އައިއެފްޖޭއާއި އެމްޖޭއޭ ގުޅިގެން ނެރެފައިވާ ބަޔާނެއްގައި ވަނީ، ރިލްވާން ގެއްލުނުތާ އަހަރު ފުރުން ފާހަގަކުރަމުންދާ އިރު ރާއްޖޭގެ މީޑިއާގެ ފަރާތްތަކާއި ރިލްވާންގެ އާއިލާއިން ކުރަމުން ގެންދާ މަސައްކަތުގައި އެ ދެ ޖަމިއްޔާ އިން ވެސް ފުރިހަމައަށް ބައިވެރިވާ ކަމަށާއި، އަދި އެކަމުގައި ރާއްޖެއާއި ބައިނަލްއަގްވާމީ ފަރާތްތަކުން ގޮވާލާފައިވާ ގޮތަށް ރިލްވާން ގެއްލުނު ހާދިސާގެ މިނިވަން ތަހުގީގެއް ހިންގުމަށް ދިވެހި ސަރުކާރަށް ގޮވައިލާ ކަމަށެވެ.

ރިލްވާން އެންމެ ފަހުން ފެނިފައި ވަނީ، 8 އޯގަސްޓް 2014 ވަނަ ދުވަހުގެ ރޭ އޭނާ ހުޅުމާލެއަށް ދިއުމަށްޓަކައި ފެރީ ޓާމިނަލްގައި ހުއްޓަ އެވެ.

"ރިލްވާން ވާން މަރާލާފައިވާ ކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ލިބިފައި ނުވާކަމަށް ފުލުހުން ބުނެފައިވާ އިރު، އޭނާ ހޯދުމުގެ މަސައްކަތް އެންމެ ދުވަހަކަށް ވެސް ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް ގޮވައިލަން،" އެމްޖޭއޭ އިން ބުނެފައިވެ އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު، ރިލްވާން ގެއްލުނު ހާދިސާއާ ގުޅުން ހުރި ކަމުގެ ތުހުމަތުގައި ފުލުހުން ވަނީ ތިން މީހަކު ހައްޔަރުކޮށްފަ އެވެ. އެހެން ނަމަވެސް އެ ތިން މީހުން ފުލުހުންގެ ބެލުމުގެ ދަށުގައި ގިނަ ދުވަސްތަކަކު ބެއިތިއްބުމަށް ފަހު، އެމީހުން ވަނީ ދައުވާ ނުކޮށް ދޫކޮށްލައިފަ އެވެ.

ރިލްވާން ހޯދުމަށް ފުރިހަމަ ތަހުގީގެއް ހިންގައި އެކަމުގައި ޒިންމާވާ ފަރާތްތަށް ޝަރީއަތުގެ ކުރިމައްޗަށް ގެނައުމުގައި ފުލުހުންގެ މަސައްކަތް ލަސްކަން ފާހަގަކޮށް އައިއެފްޖޭއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"މިއީ ވަރަށް ކަންބޮޑުވާން ޖެހޭ ކަމެއް، ރިލްވާން ގެއްލުނުތާ އަހަރެއް ވެގެންދިޔައިރު ވެސް އޭނާ ވީތަނެއް ވެސް އަދި އޭނާއަށް ވީގޮތެއް ހޯދިފައި ނުވުން. މީޑީއާގެ މިނިވަންކަމަށް މެދުކެނޑުމެއްނެތި ދެމުންގެންދާ ހަމަލާތައް ހުއްޓުވުމުމަށް ދިވެހި ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭ،" އައިއެފްޖޭއިން ބުނެފައިވެ އެވެ.

ރިލްވާންގެ މައްސަލައިގައި ކަމާގުޅޭ ދާއިރާތަކުން ފުރިހަމައަށް ޖަވާބުދާރީ ވުމަށާއި ރާއްޖޭގެ މީޑިއާގެ ފަރާތްތަކަށް ފުރިހަމަ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ވެސް އެ ބަޔާނުގައިވެ އެވެ.

comment ކޮމެންޓް