ހިލޭ އަޕްޑޭޓާ އެކު މައިކްރޮސޮފްޓްގެ ވިންޑޯސް 10 ނެރެފި

ވިންޑޯސް 10 ސްޓާޓް ސްކްރީން

މައިކްރޮސޮފްޓްގެ އާ އޮޕަރޭޝަން ސިސްޓަމް (އޯއެސް) ވިންޑޯސް 10 ނެރެފި އެވެ.

ޑިވައިސްތައް "ޔުނިފައި" ކުރުމުގެ ޝިއާރާ އެކު މައިކްރޮސޮފްޓް އިން މިއަދު ނެރުނު ވިންޑޯސް 10 އަޕްޑޭޓަކީ 190 ގައުމަކަށް ހިލޭ ލިބޭނެ އަޕްޑޭޓެއް ކަމަށް މައިކްރޮސޮފްޓް އިން ވަނީ ބުނެފަ އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ވިންޑޯސްގެ ފަހު އޯއެސް ދައްކާލާފައިވާ އިރު މިއަދާ ހަމައަށް ގިނަ ބަޔަކު އެ އޯއެސް އަށް ހިޔާލު ފޮނުވާފައި ވަނީ މައިކްރޯސޮފްޓުން ނެރުނު ބީޓާ ވާޝަން އާއެކު އެވެ. ގިނަ ބަޔަކު ބޭނުން ކޮށްގެން ވިންޑޯސްގައި ހުރި މައްސަލަތައް ހައްލު ހޯދުމަށް ގިނަ އަޕްޑޭޓްތަކެއް ނެރެފައިވެ އެވެ.

ވިންޑޯސް 10 އަކީ މައިކްރޮސޮފްޓް އޯއެސް ސީރީޒްގެ ކުރީގެ ދެ އޯއެސް ކަމަށްވާ ވިންޑޯސް 7 އާއި ވިންޑޯސް 8ގައި ހިމެނޭ އެންމެ ބޭނުންތެރި ފީޗާތައް އެއްކޮށްލާފައިވާ އޯއެސްއެކެވެ.

ވިންޑޯސް 8 އާ އެކު ގެއްލިގެން ދިޔަ މައިކްރޯސޮފްޓު ވިންޑޯސްގެ 'ސްޓާޓް މެނޫ' ވިންޑޯސް 10ގައި މިފަހަރު ވަނީ ހިމަނައިފަ އެވެ. ވިންޑޯސް 8ގައި ސްޓާޓް މެނޫ ގެއްލި 'ސްޓާޓް ސްކްރީނެއް' ވަނީ ތައާރަފު ވެފަ އެވެ. ނަމަވެސް ގިނަ ބަޔަކަށް އެ ބަދަލުވުން އުނދަގޫ ވުމާއެކު ސްޓާޓް މެނޫ ވަނީ އަނބުރާ ގެނެސްފަ އެވެ.

ވިންޑޯސް ހެލޯ

ވިންޑޯސްގެ އާ އޯއެސްގައި މިފަހަރު ވަނީ "ވިންޑޯސް ހެލޯ" ކިޔާ ފީޗާއެއް ތައާރަފުކޮށްފަ އެވެ. މީހާގެ މޫނު ޕާސްވޯޑެއްގެ ގޮތުގައި ބޭނުން ކޮށްގެން ކޮމްޕިއުޓަރަށް ލޮގް އިން ކުރެވޭނެ އެވެ. ރިއަލް ސެންސް ކޮމްޕެޓިބަލް ކެމެރާ އެއް އިން ކަމުގައިވާ ނަމަ އެ ފީޗާ ބޭނުން ކުރެވޭނެ އެވެ.

މައިކްރޮސޮފްޓް އެޖްގެ ސްކްރީންޝޮޓެއް

މައިކްރޮސޮފްޓް ވިންޑޯސްގެ ޑީފޯލްޓް ބްރައުޒާ އިންޓަނެޓް އެކްސްޕްލޯރާ ވަނީ ވިންޑޯސް 10ގައި ރީބްރޭންޑް ކޮށްފަ އެވެ. "މައިކްރޮސޮފްޓް އެޖް"ގެ ނަމުގައި ނެރުނު އާ ބްރައުޒާ އަކީ ފަސޭހާ އަދި އަވަސް ބްރައުޒާއެކެވެ.

މައިކްރޯސޮފްޓުން ވަނީ ވިންޑޯސް 8ގެ 'ޗާމްސް ބާ' ވެސް ވިންޑޯސް 10 އަކުން އުނިކޮށްފަ އެވެ. އޭގެ ބަދަލުގައި މިހާރު ހިމެނިފައިވަނީ ނޮޓިފިކޭޝަން ބަޓަން އެކެވެ. ނޮޓިފިކޭޝަން ބަޓަން އަށް ފިތާލުމާ އެކު ހާއްސަ ބާއެއް ފެނިގެން ދާނެއެވެ. އެއިން، ޝޯޓްކަޓްތައް ފެނިގެންދާނެ އެވެ.

މަލްޓިވިންޑޯ

މިއަދު ނެރުނު އޯއެސްގައި 'މަލްޓި ޑެސްކްޓޮޕް' ކިޔާ ފީޗާއެއް ވިންޑޯސް 10ގައި ވަނީ ތައާރަފު ކޮށްފައެވެ. މީގެ ބޭނުމަކީ އެކި ޑެސްކްޓޮޕްގައި ތަފާތު އެޕްލިކޭޝަން އަޅުވާފަދައިން އާ ޓެބެއް ހުޅުވައިގެން އެޕްލިކޭޝަންތައް ހުޅުވުމެވެ.

ވިންޑޯސް 10ގައި ތައާރަފު ކޮށްފައިވާ ޕާސަނަލް އެސިސްޓެންޓް

ވިންޑޯސް 10 ގައި އެންމެ ފާހަގަ ކޮށްލެޥޭ އަނެއް ފީޗާއަކީ ޕާސަނަލް އެސިސްޓެންޓް "ކޯޓާނާ"ގެ ފީޗާ އެެވެ. ޕާސަނަލް އެސިސްޓެންޓެއްގެ ސަބަބުން މީހާގެ ރިމައިންޑާ އާ ނޮޓިފިކޭޝަން މެނޭޖުކޮށް ހަދައިދޭނެ އެވެ.

މައިކްރޮސޮފްޓް އިން ވިންޑޯސް 10 ހިލޭ ދިނުމުގެ ބޭނުމަކީ ވިންޑޯސް ބޭނުން ކުރާ ހުރިހާ އެންމެނަށް އެ އަޕްޑޭޓް ބޭނުންކޮށް އެ އެކޯސިސްޓަމް އަށް ބަދަލުވުމަށް މަގު ތަނަވަސްކޮށް ދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ. ވިިންޑޯސްގެ އެކި އޯއެސްތައް ބޭނުން ކުރާ ޖުމްލަ 1.4 ބިލިއަން ޔޫޒަރުން އުޅެ އެވެ.

comment ކޮމެންޓް