މައިކްރޮސޮފްޓުން ވިންޑޯޒް 10އަށް ދޭ ސަޕޯޓް ވަރަށް އަވަހަށް ނިމުމަކަށް ގެންނާނެ ކަމަށާއި، އެކަމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރާ ގާތްގަނޑަކަށް 240 މިލިއަން ޕީސީއަށް އަސަރު ކުރާނެކަމަށް ޓެކް ރިޕޯޓްތައް ބުނެފިއެވެ.
ބުލޫމްބާގްގެ ރިޕޯޓެއްގައި ބުނީ މައިކްރޮސޮފްޓް ވިންޑޯޒް 10 އޮޕަރޭޓިން ސިސްޓަމަށް ސަޕޯޓް ދިނުން ހުއްޓާލުމުގެ ޕްލޭންގެ ސަބަބުން ގާތްގަނޑަކަށް 240 މިލިއަން ޕީސީ ބޭނުންނުކުރެވޭ ގޮތް ވެދާނެ ކަމަށާއި އޭގެ ސަބަބުން ގިނަ އަދަދެއްގެ ކުނި އުފެދުމުގެ ފުރުސަތު ބޮޑު ކަމަށް ކެނަލިސް ރިސާޗުން ބުނާކަމަށެވެ.
މި ޕީސީތަކުން އުފެދޭ އިލެކްޓްރޯނިކް ކުނީގެ ބަރުދަނުގައި ގާތްގަނޑަކަށް 480 މިލިއަން ކިލޯ ހުންނާނެ ކަމަށާއި އެއީ 320،000 ކާރާ އެއްވަރުގެ އަދަދެއް ކަމަށް ބެލެވޭ ކަމަށް އެރިޕޯޓްގައި ބުނެފައިވެއެވެ.
މައިކްރޯސޮފްޓުންދޭ އޯއެސް ސަޕޯޓް ނިމުމަށްފަހު ވެސް އެތައް އަހަރެއް ވަންދެން ގިނަ ޕީސީތައް ބޭނުންކުރެވިދާނެ ކަމަށާއި ނަމަވެސް ސެކިއުރިޓީ އަޕްޑޭޓް ނެތް ޑިވައިސްތަކަށް އޮތް ޑިމާންޑް ކުޑަވެދާނެ ކަމުގެ އިންޒާރު ކެނަލިސް އިން ވަނީ ދީފައެވެ.
މައިކްރޮސޮފްޓުން ބުނީ ވިންޑޯޒް 10 ޑިވައިސްތަކުގެ ސެކިއުރިޓީ އަޕްޑޭޓްތައް އަންނަ އަހަރުގެ އޮކްޓޫބަރު މަހާ ހަމައަށް ފޯރުކޮށްދޭން ނިންމާފައިވާ ކަމަށެވެ.
މައިކްރޮސޮފްޓްގެ އަމާޒަކީ 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ކުރިން ވިންޑޯޒް 10 އަށް ސަޕޯޓް ދިނުން ހުއްޓާލުމެވެ. އެޑްވާންސް އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީ ޕީސީއަށް ގެންނާނެ ކަމަށް ބެލެވޭ އޯއެސްގެ ކުރިއަށް އޮތް ޖީލަކީ، މަޑުޖެހިފައި އޮތް ޕީސީ މާކެޓަށް ކުރިއެރުމެއް ލިބޭނެ ޖީލެކެވެ.
ވިންޑޯޒް 11 ބޭނުންނުކުރެވޭ ޑިވައިސްތައް ނައްތާލުމުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭ ގޮތުން މައިކްރޮސޮފްޓުން ރަސްމީކޮށް އެއްޗެއް އަދިނުބުނެއެވެ. ޕާސަނަލް ކޮމްޕިއުޓަރުތަކާއި ޑޭޓާ ސްޓޯރޭޖް ސާވާތަކުގައި ބޭނުންކުރާ ހާޑް ޑްރައިވްތަކަކީ އިލެކްޓްރިކް ވެހިކަލް މޯޓަރުތަކާއި އިއާދަކުރަނިވި ހަކަތަ އުފެއްދުމުގައި ވެސް ބޭނުންކުރުމަށް ބޭނުންވާ ތަކެތި އެއްކުރުމަށް ރިސައިކަލް ކުރާ އެއްޗިއްސެވެ.
"އިލެކްޓްރިކް ވެހިކަލްތަކާއި ވިންޑް ޓާބައިން ފަދަ ދެމެހެއްޓެނިވި ޓެކްނޮލޮޖީތަކަށް ބާރުދޭ މެގްނެޓްތަކަށް އެންޑް އޮފް ލައިފް ކޮމްޕިއުޓަރުތައް ބަދަލުކުރުމަކީ މުޅި ދުނިޔޭގައި ކަރަންޓަށް އޮތް ޑިމާންޑް ފޫބެއްދުމަށް މަގުފަހިވާނެ ކަމެއް،" ނޮވިއޮން މެގްނެޓިކްސްގެ ޗީފް ކޮމާޝަލް އޮފިސަރު ޕީޓާ އަފިއުނީ ވިދާޅުވިއެވެ.
އަފިއުނީ ވިދާޅުވި ގޮތުގައި ހާޑް ޑްރައިވްތައް ގިނަ ފަހަރަށް އުކާލަނީ އެތަކެތީގެ ފަންކްޝަނަލް އުމުރު ނިމުމުގެ ކުރިންނެވެ.
ބެޓެރީ ރިސައިކަލް ކުރާ ކުންފުންޏެއް ކަމަށްވާ ރެޑްވުޑް މެޓީރިއަލްސްއިން ބުނީ ލިތިއަމް، ކޮބާލްޓް، ނިކެލް އަދި ކޮޕާ ފަދަ މެޓަލްތައް ހޯދުމަށް ބެޓެރީތައް އަބަދުވެސް އަލުން ބޭނުންކުރެވޭނެ ކަމަށެވެ.