ރައީސް މައުމޫނުގެ ނައިބަކީ އަޅުގަނޑު، ރައީސް ޔާމީންގެ ނައިބަކަށް ވެސް މައުމޫނު އަޅުގަނޑަށް ތާއީދު ކުރައްވާނެ: އަދީބު

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި، ޓޫރިޒަމް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު އަދީބު -- ސަން ފައިލް ފޮޓޯ

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބުގެ ނަން ރައީސް ޔާމީން މަޖިލީހަށް ހުށަހަޅުއްވައިފި ނަމަ، އެކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ތާއީދުކުރައްވާނޭ ކަމަށް އަދީބު ވިދާޅުވެއްޖެއެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ ޕީޕީއެމްގެ ނައިބު ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ އަދީބު "ސަން" އަށް މިއަދު ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ، ރައީސް ޔާމީންގެ ނައިބަކަށް އޭނާގެ ނަން ފޮނުއްވައިފި ނަމަ އެކަމަށް ތާއީދުކުރައްވާނޭ ކަމަށް ރައީސް މައުމޫން ވިދާޅުވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ރޭގަވެސް މަޝްވަރާކުރިން. ދެން އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތްކުރަން ޕާޓީތެރޭގެ ހަމަޖެހުން ދަމަހައްޓަން. ރައީސް މައުމޫން ވިދާޅުވި ރައީސް ޔާމީން އަޅުގަނޑުގެ ނަން ފޮނުއްވައިފި ނަމަ ތާއީދު ކުރައްވާނަމޭ،" އަދީބު ވިދާޅުވި އެވެ.

އަދީބު ވިދާޅުވީ، ރައީސް މައުމޫނަކީ ވަރަށް އުސޫލުތަކެއްގައި ހިފަހައްޓަވާ ބޭފުޅެއް ކަމަށާއި އެބޭފުޅާއަކީ ޕީޕީއެމްގެ ތެރޭގައި ވެސް އަދި މި ގައުމުގައި ވެސް ހުންނެވި އެންމެ ތަޖުރިބާކާރު ޕޮލިޓީޝަން ކަމަށެވެ. އެގޮތުން ނައިބު ރައީސަކަށް ވަކި ބޭފުޅެއްގެ ނަން ފޮނުވަން ރައީސް މައުމޫނު މަސައްކަތްޕުޅު ނުކުރައްވާނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑާ ރައީސް މައުމޫނާ ވަރަށް ގާތްގުޅުމެއް ވެސް އޮވޭ. އަޅުގަނޑު ދެކޭ ގޮތުގައި ރައީސް މައުމޫން އެ ވިދާޅުވާ ވާހަކަފުޅަކީ، ވަކި އަޅުގަނޑުގެ ނަމެއް ނޫން، އެއްވެސް ނަންފުޅެއް ރައީސް ޔާމީނަކަށް ނުދަންނަވާނެ ވާހަކަ. އެހެން ނަމަވެސް ރައީސް ޔާމީން އަޅުގަނޑުގެ ނަން ފޮނުއްވައިފިއްޔާ ރައީސް މައުމޫން އެކަމަށް ދެކޮޅެއް ނުހައްދަވާނެ ހަމަ ސަޕޯޓު ދެއްވާނެ،" އަދީބު ވިދާޅުވިއެވެ.

އަދީބު ވިދާޅުވީ، ޕީޕީއެމްގެ ތެރޭގަ އާއި ރައީސް މައުމޫނާ އަދީބާ ދެމެދުވެސް ހިޔާލުތަފާތުވުންތަކެއް އޮތް ކަމަށް ދެކެވޭ ވާހަކަ ތަކަކީ މުޅިންވެސް ދޮގު ވާހަކަ ތަކެއް ކަމަށެވެ.

އަޅުގަނޑަކީ ރައީސް މައުމޫންގެ ނައިބުރައީސް ދެއްތޯ. ޕީޕީއެމްގެ. އަދި ހަމަ އެހެންމެ އަޅުގަނޑާ ރައީސް މައުމޫނާ ދެމެދު އަބަދުވެސް ވަރަށް ގާތް ގުޅުމެއް އޮވޭ އަހްމަދު އަދީބު

ސިޔާސީ މައިދާނަށް ނެރެދެއްވީ ރައީސް ޔާމީން ކަން ފާހަގަކުރައްވަމުން އަދީބު ވިދާޅުވީ، "މިހާތަނަށް ވެސް އަޅުގަނޑުވާނީ، ރައީސް ޔާމީންގެ އިތުބާރު ހޯދާފައި. އެއީ ހަމަ ލޯޔަލްކޮށް ހުރެގެން. ދެން ކުރިއަށް އޮތްތަނުގައި ވެސް އަޅުގަނޑު ރައީސް ޔާމީންގެ އަރިހުގައި ހުންނާނަން. އަޅުގަނޑު ގަބޫލުކުރަން ހިތުގެ އަޑިން ރައީސް ޔާމީނަކީ ކަން، މިގައުމުގެ ތަރައްގީއާ މިގައުމުގެ އިގްތިޞާދު އަނބުރާލެވޭނެ ބޭފުޅަކީ. އަޅުގަނޑަށް މިހާހިސާބަށް މި އާދެވުނީވެސް ރައީސް ޔާމީންގެ ސަބަބުން،" ކަމަށެވެ.

ނައިބުރައީސްކަމަށް ވަޑައިގެންފި ނަމަ، ހުންނަވާނީ މިހާރު ވެސް ހުންނެވި ގޮތަށް ރައީސް ޔާމީން އަންގަވާ ކަންތައްޔައް އަންގަވާ ގޮތަށް ނިންމަވާ ބޭފުޅެއްގެ ގޮތުގައި ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.

"އަޅުގަނޑު ވާނީ ބޮޑަށް އެގްޒެކިއުޓް ކުރާ މީކަށް. މިހާރުވެސް އަޅުގަނޑު އަދާކުރާ ރޯލް އޮފިޝަލީ އަޅުގަނޑަށް އަދާކުރެވޭނެ،" ޓޫރިޒަމް މިނިސްޓަރެއްގެ ގޮތުގައި ހުންނަވައިގެން ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން ގިނަ ކާމިޔާބީ ތަކެއް ހޯއްދަވާފައިވާކަން ފާގަކުރައްވަމުން އަދީބު ވިދާޅުވި އެވެ.

އަދީބު ވިދާޅުވީ، އެމަނިކުފާނު ސިޔާސީ މައިދާނަށް ނެރެދެއްވީވެސް ރައީސް ޔާމީން ކަމަށާއި އަދި މިހާތަނަށް ވެސް ވާނީ، ރައީސް ޔާމީންގެ އިތުބާރު ހޯދާފައި ކަމަށެވެ.

"އެއީ ހަމަ ލޯޔަލްކޮށް ހުރެގެން. ދެން ކުރިއަށް އޮތްތަނުގައި ވެސް އަޅުގަނޑު ރައީސް ޔާމީންގެ އަރިހުގައި ހުންނާނަން. އަޅުގަނޑު ގަބޫލުކުރަން ހިތުގެ އަޑިން ރައީސް ޔާމީނަކީ ކަން، މިގައުމުގެ ތަރައްގީއާ މިގައުމުގެ އިގްތިޞާދު އަނބުރާލެވޭނެ ބޭފުޅަކީ. އަޅުގަނޑަށް މިހާހިސާބަށް މި އާދެވުނީވެސް ރައީސް ޔާމީންގެ ސަބަބުން،" އަދީބު ވިދާޅުވި އެވެ.

comment ކޮމެންޓް