ގއ. ވިލިނގިލީގައި ފުލުހަކު ޒުވާނުންތަކަށް އަނިޔާ ކުރި ކަމަށް ބުނެ، އާންމުންގެ ބަޔަކު ފުލުހުންނާ ކުރިމަތިލައި ތިން މީހެއްގެ ބޯ ފަޅާލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންނަށް ހަމަލާ ދިނުމުގެ ދެ ހާދިސާއެއް ވިލިނގިލީގައި މިއަދު ހިނގި ކަމަށެވެ. އެގޮތުން ހިނގި ފުރަތަމަ ހާދިސާއަކީ ވޮލީ މެޗެއް ބަލަން ހުރި ފުލުހަކަށް ބަޔަކު ހަމަލާދީ ގާ އުކުމުގެ ސަބަބުން އޭނާގެ ބޯ ފަޅައިގެން ދިޔަ ހާދިސާ އެވެ.
"...ބޯފަޅައިގެން ދިޔަ ފުލުސް މީހާއަށް ފަރުވާ ދިނުމަށް ސިއްހީ މަރުކަޒަށް ގެންދިޔަ ވަގުތު ރަށުގެ ބަޔަކު ސިއްހީ މަރުކަޒުގެ ކައިރިއަށް އެއްވެ، އިންޒާރުދީ، ގާއުކީ. އެކަމުގެ ތެރޭގައި އިތުރު ހަތަރު ފުލުހަކަށް އަނިޔާވި، އޭގެ ތެރެއިން ދެ މީހެއްގެ ބޯ ވެސް ވަނީ ފަޅައިގެން ގޮސްފައި. އަދި އަނެއް ދެ ފުލުހުންގެ ގައިގައި ވެސް ގާބުރިބުރިން ޖެހި އެކިވަރުގެ އަނިޔާވި،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ވިލިނގިލީ ކައުންސިލްގެ ރައީސް ނިޔާޒު ނިޒާރު ވިދާޅުވީ އެ ހަމަނުޖެހުންތަކުގެ ފެށުނީ އެ ރަށު ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހަކު ޑިއުޓީއަށް ނުކުމެ، ޒުވާނުންނަށް އަނިޔާ ކުރަން ފެށުމުން ކަމަށެވެ. އަދި އެފަދަ އަމަލެއް ހިންގަމުންދަނީ އެންމެ ފުލުހެއް ކަމަށާއި އޭނާ ފުލުހުންގެ ޑިއުޓީއަށް ނުނެރުމަށް ތަކުރާރުކޮށް ފުލުހުންގެ ކިބައިން އެދިވަޑައިގެންފައިވާނެ ކަމަށް ނިޔާޒު ވިދާޅުވި އެވެ.
"އަޅުގަނޑަށް ޔަގީންކޮށް މި ރަށު ޒުވާނުންތަކަކަށް ފުލުހަކު އަނިޔާ ކުރާކަން. މިއީ ތުހުމަތެއް ވެސް ނޫން. އެހެރީ އެކިތައް ފޮޓޯތަކުން ފެންނަން. އެއީ ހަގީގަތެއް. އެކަމާ ގުޅިގެން އަޅުގަނޑުމެން ފުލުހުންނާ ވެސް ބައްދަލު ކުރިން. އެ ބޭފުޅުން ވިދާޅުވީ ޕީއައިސީން އެ މައްސަލަ ބަލަމުންދާ ކަމަށް،" ސަރުކާރު ހިންގާ ޕީޕީއެމްގެ މެޖޯރިޓީ އޮންނަ ކައުންސިލްގެ ރައީސް ނިޔާޒު ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ވިލިނގިލީ ޒުވާނުންތަކަކަށް ފުލުހަކު އަނިޔާ ކުރި ކަމަށް ބުނެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ވިލިނގިލީގައި މަސައްކަތް ކުރާ ފުލުހުންނާއި އެ ރަށު ޒުވާނުންނާމެދު އުފެދިފައިވާ ނުތަނަވަސްކަމާ ގުޅިގެން، އެ ރަށުގައި އުފެދިދާނެ ހަމަނުޖެހުމަކަށްޓަކައި ފުލުހުންގެ ފައުޖެއް މިރޭ ވަނީ ވިލިނގިއްޔަށް ގޮސްފަ އެވެ.
މިއަދު އެ ރަށުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރެއެވެ.