ގޫގަލް ކްރޯމް އަށްވުރެ މައިކްރޮސޮފްޓް އެޖް 112 ޕަސެންޓް އަވަސް!

ދުނިޔޭގެ އެންމެ މަގުބޫލު އިންޓަނެޓް ބްރައުޒާ "ގޫގަލް ކްރޯމް" އަށްވުރެ މައިކްރޮސޮފްޓް ވިންޑޯސް 10 ގެ ބްރައުޒާ "މައިކްރޮސޮފްޓް އެޖް" 112 ޕަސެންޓް އަވަސްކަމަށް ދައްކައިފި އެވެ.

ވިންޑޯސް އިންސައިޑާ ޕްރޮގްރާމްގެ ހެޑެއް ކަމަށްވާ އޭބް އައުލް ވިދާޅުވީ، އެޖްގެ ސްޕީޑް ކްރޯމް އަށްވުރެ 112 ޕަސެންޓް އަވަސް ކަމަށް ދައްކާފައިވަނީ ބެންޗްމާކް ޓެސްޓްތަކުންކަމަށެވެ.

ގޫގަލް ކްރޯމް އަށްވުރެ އެތައް ގުނައެއް ވިންޑޯސްގެ އާ ބްރައުޒާ އަވަސް ކަމަށް ޓެސްޓުތަކުން ދައްކާއިރު މައިކްރޮސޮފްޓުން ވަނީ އެ ބްރައުޒާ ޓެސްޓްކުރުމަށް އެޕަލް އާއި ގޫގަލް އިން ތައްޔާރުކޮށްފައިވާ ބެންޗްމާކްސް ބޭނުންކޮށްފައެވެ. އެގޮތުން މައިކްރޮސޮފްޓުން ބޭނުން ކޮށްފައިވަނީ އެޕަލްގެ ޖެޓްސްޓްރީމް އާއި ގޫގަލްގެ އޮކްޓޭން ބެންޗްމާކްސް އަދި ވެބްކިޓް ސަންސްޕައިޑާ އެވެ.

ބެންޗްމާކްސްގެ ނަތީޖާތައް ދައްކާގޮތުގައި ވެބްކިޓް ސަންސްޕައިޑާ ގެ ބެންޗްމާކްސް އިން ކްރޯމްއަށްވުރެ އެޖް 112 ޕަސެންޓް އަވަހެވެ. އެޕަލްގެ ޖެޓްސްޓްރީމް އިން ދައްކާގޮތުގައި 37 ޕަސެންޓް އަވަސް އިރު ގޫގަލް އޮކްޓޭން އިން ދައްކާގޮތުގައި ހަތް ޕަސެންޓް އެޖް އަވަހެވެ.

ވިންޑޯސްގެ ޑީފޯލްޓް ބްރައުޒާ އިންޓަނެޓް އެކްސްޕްލޯރާ އަކީ ގިނަ ބަޔަކު އެއަށް ފާޑުކިޔާ ބްރައުޒާ އެކެވެ. އެހެން ކަމުން އެ ބްރައުޒާ ނެގުމަށްފަހު ވިންޑޯސްގެ އާ ވާޝަން އަށް ވަނީ އެ އޮޕަރޭޓިން ސިސްޓަމްގެ ބްރައުޒާ އެޖްއަށް ރީބްރޭންޑްކޮށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

މައިކްރޮސޮފްޓްގެ ވިންޑޯސް 10 ވަނީ މިމަހުގެ 30ގައި ނެރުމަށް ހަމަޖައްސާފައެވެ.

comment ކޮމެންޓް