ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހުގެ އިދާރާ --- ސަން ފައިލް ފޮޓޯ

ސިވިލް ސާވިސް ކޮމިޝަގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފި އެވެ.

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި މިވަނީ ކޮމިޝަންގެ ރައީސް ޑރ. މުހައްމަދު ލަތީފް މަގާމުން އިސްތިއުފާދެއްވާފައިވާތީ އާއި ކޮމިޝަންގެ ނައިބު ރައީސް އަހްމަދު ހަސަން ދީދީ އަދި ކޮމިޝަންގެ މެމްބަރު ޚަދީޖާ އާދަމްގެ މެމްބަރު ކަމުގެ މުއްދަތު ހަމަވެފައިވާތީ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ކުރި އިއުލާނުގައި ވަނީ އެ ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

މަޖިލީހުގެ އިދާރާއިން ކުރި އިއުލާނުގައި ސިިވިލް ސާވިސް ކޮމިޝަންގެ މެމްބަރެއްގެ ކިބައިގައި ހުރުން ލާޒިމްވާ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ވަނީ ހިމަނާފައެވެ.

ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. ލަތީފް ދާދިފަހުން ވަނީ ގައުމީ ޔުނިވާސިޓީގެ ޗާންސެލަރު ކަމަށް ރައީސް ޔާމީން އައްޔަން ކުރައްވާފަ އެވެ.

comment ކޮމެންޓް