ވެރިކަންކުރާ ޕީއެންސީގެ ސާފު އަޣުލަބިއްޔަތު އޮންނަ 20ވަނަ މަޖިލީހުގެ މިއަދުގެ ޖަލްސާ މާދަމާއަށް ފަސްކުރުމަށް ފަހު، މަޖިލީހުގެ މުހިންމު ދެ ކޮމިޓީއެއްގެ ބައްދަލުވުމެއް ވެސް ކެންސަލްކޮށްފިއެވެ.
މިއަދު 8:30 ހާއިރު، ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހާމަކުރި ގޮތުގައި މިއަދު 10:30ގައި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ބައްދަލުވުމެއް، އަދި 11:15 ގައި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއް ކުރިއަށް ގެންދަން އޮތީ ތާވަލުކޮށްފައެވެ.
ނަމަވެސް، މިއަދުގެ ޖަލްސާގެ ކޯރަމް ހަމަނުވުމުގެ ސަބަބުން ޖަލްސާ ކެންސަލްކުރިތާ ކުޑަ ވަގުތުކޮޅެއް ތެރޭ، އެ ދެ ކޮމިޓީގެ ބައްދަލުވުން ވެސް ކެންސަލްކޮށްފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ ތެރެއިން އެންމެ ބޮޑެތި މަސައްކަތްތައް ކުރާ ކޮމިޓީތަކުގެ ތެރޭ މާލިއްޔަތު ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ ހިމެނެއެވެ.
މިހާރު ވެސް މާލިއްޔަތު ކޮމިޓީން ބަލަމުން އަންނަ ކަންތައްތަކުގެ ތެރޭގައި، މާލޭ ސިޓީ ކައުންސިލުގެ އިދާރާ ވޭތުވެދިޔަ 10 އަހަރު އޮޑިޓްކޮށްފައި ނެތުމާއި، ސަރުކާރުގެ މުއައްސަސާތަކާއި ކައުންސިލުތަކުން އޮޑިޓު ރިޕޯޓުތައް ނެރުން ލަސްވެ، އޮޑިޓް ރިޕޯޓުގައި ފާހަގަވާ ކަންކަން ހައްލުނުވެ ގިނަދުވަސްވާ މައްސަލަ ހިމެނެއެވެ.
އަދި، ސަލާމަތީ ބާރުތަކުން މިދިޔަ އަހަރުގެ މާރިޗު މަހު ހިންގި އޮޕަރޭޝަނެއްގެ މައްސަލައަށް އަހަރެއްވީއިރު، ހޯކްސް ކުންފުނީގެ ތެޔޮ ބޯޓެއްގައި ސިނގިރޭޓު ވަގަށް އެތެރެކުރި ކަމަށް ތުހުމަތުކުރާ މައްސަލަ ވެސް ކޮމިޓީގައި އޮންނަތާ ދޮޅު އަހަރު ވަނީ ވެފައެވެ.
ފާހަގަކުރެވޭ ގޮތުގައި، މަޖިލީހުގެ ޖަލްސާ ފެށުމަށް ބޭނުންވާ ކޯރަމް ހަމަނުވުމުގެ ސަބަބުން، މިއަދުގެ ޖަލްސާ ފެށޭ ގަޑި 10 ޖަހާއިރަށް ބަދަލުކުރުމަށް ފަހު ވެސް، ކޯރަމް ހަމަވެފައި ނުވާތީ ވަނީ މާދަމާއަށް ފަސްކޮށްފައެވެ.
ވެރިކަންކުރާ ޕީއެންސީގެ މެންބަރުން ހާޒިރުވެފައި ނުވާއިރު، މިއަދުގެ ވަގުތެއްގައި އެ ޕާޓީގެ މަޖިލިސް މެންބަރުންގެ ގްރޫޕުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވަނީ ބޭރުކޮށްލައިފައެވެ. މިއަދުގެ ޖަލްސާގައި އިންނެވީ ނާޒިމްގެ އިތުރުން، އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ހަ މެންބަރެކެވެ.
ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުން ނާޒިމް ބޭރުކުރި ސަބަބު އޮޅުންފިލުވުމަށް އެ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙަށް ގުޅައި މެސެޖުކުރުމުން ވެސް ޖަވާބެއް ނުދެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، މަޖިލީހުގެ ޖަލްސާއެއްގެ ގާނޫނީ އަދަދަކީ މަޖިލީހުގެ މެންބަރުންގެ 25 އިންސައްތައެވެ. އެހެންކަމުން 93 މެންބަރުން އެކުލެވޭ 20ވަނަ މަޖިލީހުގެ ޖަލްސާގެ ކޯރަމަކީ 23 މެންބަރުންނެވެ. މަޖިލީހުގެ ޖަލްސާތައް ފެށޭނީ އެ އަދަދު ހަމަވުމުންނެވެ.
މިއަދުގެ ޖަލްސާގެ ކޯރަމް ހަމަނުވެގެން ޖަލްސާ ފެށޭ ގަޑި ފަސްކުރިއިރު، މި އަހަރުގެ މިހިނގާ ދައުރުގެ ގިނަ ޖަލްސާތައް ވެސް ބާއްވައިފައެއް ނުވެއެވެ. އެ ގޮތުން، އިއްޔެގެ ނިޔަލަށް މި ދައުރުގައި ބާއްވާފައިވަނީ 18 ޖަލްސާއެވެ.
މިއަދުގެ ޖަލްސާ މާދަމާއަށް ފަސްކުރަން ނިންމިއިރު، މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މާދަމާ، މި ހިނގާ ދައުރުގެ ޖަލްސާތައް ނިމި މަޖިލިސް ޗުއްޓީއަށް ދާނެއެވެ.
މި ދައުރު ފެށިގެން ޕީއެންސީގެ މެޖޯރިޓީ އޮންނަ މަޖިލީހުން މާ ބޮޑު މަސައްކަތެއް ކުރި މަންޒަރެއް އަދި ނުފެނެއެވެ.
ސަރުކާރުގެ މެޖޯރިޓީން ހިންގަމުން އަންނަ މަޖިލީހުގެ މެންބަރުންނަކީ ވަރަށް ބޮޑު މުސާރައެއްގެ އިތުރުން, ގިނަ އިނާޔަތްތަކެއް ދައުލަތުން ފޯރުކޮށްދޭ ބައެކެވެ. އަދި، މަޖިލީހުގެ އިދާރާ ހިންގުމަށް ވެސް ދައުލަތުގެ ބަޖެޓުން ވަރަށް ބޮޑު ހޭދައެއް ކޮންމެ އަހަރަކު ކުރެއެވެ. އެކަމަކު، އެ ލިބޭ މުސާރައާއި އިނާޔަތްތަކާ އެއްވަރަށް މެންބަރުން މަސައްކަތް ނުކުރާކަމުގެ ޝަކުވާ ބޮޑެވެ.