ކްރިސްޓީނާ: ތަރާވީހު ނަމާދުގެ ސަބަބުން އިސްލާމްވި ކްރިސްޓިއަން އަންހެނާ

ކްރިސްޓީނާ: އިންސްލާވާން މެދުވެރިވީ ތަރާވީހު ނަމާދުގެ ސަބަބުން --

ކްރިސްޓީނާ އުފަންވެފައި ވަނީ ވަރަށް އެމެރިކާގެ ވާޖީނިއާގެ ދީންވެެރި އާއިލާ އަކަށެވެ. ކްރިސްޓިއަން ދީނުގެ އެ އާއިލާ ފައްޅިއަށް ގޮސް އަޅުކަން ކޮށް ދުއާކުރި އިރު ކްރިސްޓީނާ އިސްލާމްދީން ގަބޫލުކޮށްފާނެ ބާއޭ ހިތުގައި ސުވާލު އުފެދުނެވެ. ނަމަވެސް ދީން ބަދަލުވެ އިސްލާމްދީނުގެ މަތިވެރި ހިދާޔަތް ކްރިސްޓީނާ ލިބިގަންނަން ކުޑަ ހިނދުކޮޅެއްވެސް ނުނެގި އެވެ.

ކްރިސްޓީނާގެ ހިތް ސާފުވެ އިސްލާމްދީނަށް އޭނާގެ ހިތް ލެނބުނީ ރަމަޟާން މަހު އިޝާނަމާދަށްފަހު ކުރާ ތަރާވީހު ނަމާދުގެ ސަބަބުންނެވެ. އޭނާ މިސްކިތަށް ދިޔައީ އޭނާގެ ރަހުމަތްތެރިއަކާއިއެކު އެތާ މީހުން ނަމާދުކުރާގޮތް ބަލާލުމަށެވެ. ގޮސް މިސްކިތަށް ފުރަތަމަ ވަނުމުންވެސް ހިތަށް ފިނިކަން ލިބިގެން ދިޔަކަމަށް ކްރިސްޓީނާ ބުންޏެވެ. އޭނާ ބުނީ މިސްކިތަށް ވަނުމުން އޭނާއަށް ވަދެވުނީ ވަރަށް މަތިވެރި ތަނަކަށް ކަން އިހުސާސް ކުރެވުނު ކަމަށެވެ.

މިސްކިތުގެ އެތެރެއަށްވަދެ ވަކި ހިސާބަކަށް ދިޔަތަނުން ތަރާވީހު ނަމާދަށް އޭރު ހުރި އަންހެނަކު އޭނާގެ އަތުގައި ހިފައި ސަފަށް އެރުވުމުން ތަރާވީހު ނަމާދު ކުރާ މީހުންގެ ފަހަތުން ނަމާދު ކުރަން ފެށީ އެވެ. ކްރިސްޓީނާއަށް އިސްލާމްދީނުގައި ހުރި މަތިވެރި ކަމާއި ބާރު ގަދަކަން އިހުސާސު ކުރެވުނީ އެހިސާބުންނެވެ.

އޭނާ ބުނީ އޭގެ ކުރިން އެ ހުރިހާ ދުވަހު ކްރިސްޓިއަނުންގެ ޗާޗަށް ގޮސް ދުއާކޮށް ރޮއި ހަދާއިރު އެކަހަލަ މަތިވެރި ކަމެއް އިހުސާސް ކުރެވިފައި ނުވާ ކަމަށެވެ.

އެހިސާބުން ކްރިސްޓީނާ މަސައްކަތް ފެށީ އިސްލާމްދީނާއި ބެހޭގޮތުން ގިނަ ކަންކަން ދަސްކުރުމަށެވެ. އެގޮތުން ދީނީ އިލްމުވެރިންގެ ވާހަކަތަށް އަޑުއަހައި އިސްލާމްދީނުގައި ކަން އޮންނަގޮތް އޮޅުންފިލުވި އެވެ. އަދި އިސްލާމްދީން ގަބޫލުކުރި އެވެ.

އިސްލާމްވުމަށް ފަހު ކްރިސްޓީނާއަށް އޭނާގެ އާއިލާގެ ފަރާތުންވެސް މާބޮޑު ހިތް ހަމަ ނުޖެހުންތަކަކާއި ކުރިމަތި ލާން ނުޖެހޭ ކަމަށްވެސް ކްރިސްޓީނާ ބުނީ އުފަލާއެކު އެވެ.

އަދި އޭނާގެ މަންމަ އިސްލާމްދީން ގަބޫލުނުކުރި ނަމަވެސް ކްރިސްޓީނާއާއި އޮންނަ ގާތް ކަމެއްގެ ސަބަބުން ހިޖާބު ގަނެދީ ހަދާ ކަމަށް އޭނާ ބުންޏެވެ.

ރަމަޟާން މަހަކީ މާތް މަތިވެރި މައްސަރެއް

އެ މައްސަރެއްގެ ސަބަބުން އިސްލާމް ދީނުގެ ހިދާޔަތް ކްރިސްޓީނާގެ ހިތަށް ވަން ރަމަޟާން މަސް އޭނާ ސިފަކުރަނީ މާތް މަތިވެރި ރަހުމަތުން ފުރިގެންވާ މައްސަރެއްގެ ގޮތުގަ އެވެ. ކްރިސްޓީނާ ބުނީ ރަމަޟާން މަހުގައި މާތްވެގެން ވަނީ ހަމައެކަނި ލައިލަތުލް ޤަދުރި ވިލޭރޭ ނޫން ކަމަށާއި، އެމަހުގެ ހުރިހާ ރެއަކީވެސް މާތްވެގެންވާ މަތިވެރި ރޭތަކެއް ކަމަށެވެ.

ރަމަޟާން މަހުގެ މަތިވެރިކަން ބޮޑަށް އިހުސާސް ކުރެވެނީ ރޯދަ ވީއްލުމަށްފަހު ރޭ އަޅުކަމުގައި ހާއްސަކޮށް ތަރާވީހުގައި ހޭދަކުރާ ވަގުތުގައި ކަމަށްވެސް ކްރިސްޓީނާ ބުންޏެވެ.

މިހާރު ކްރިސްޓީނާ ގަބޫލުކުރާ ގޮތުގައި އިސްލާމްދީނަށް ވުރެ މަތިވެރި އެހެން ދީނެއް ނުވެއެވެ. އަދި މާތް ﷲ ފިޔަވައި އެހެން އެއްވެސް ކަލަކު ވޮޑިގެނެއް ނުވެއެވެ.

comment ކޮމެންޓް