މޫސުމާ ގުޅިގެން ލިބޭ ގެއްލުންތަކުގައި އެހީތެރިވުމަށް ތަރައްގީވަމުން އަންނަ ގައުމުތަކަށް ގޮވާލައިފި

މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރު ޠާރިގު ވާހަކަދައްކަވަނީ ------ ސަން ފޮޓޯ/ ފަޔާޒު މޫސާ

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ގައުމުތަކަށް ލިބޭ ގެއްލުންތައް ފޫބެއްދުމުގައި މާލީގޮތުން އެހީވުމަށް، އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް) އިން ތަރަށްގީވެފައިވާ ބޮޑަތި ގައުމުތަކަށް ގޮވާލައިފި އެވެ.

އެއޯސިސް އަކީ މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތަކުން ކުދި ގައުމުތައް ސަލާމަތްކުރުމުގައި ކުރެވެން ހުރި ކަންތައްތައްކޮށް، އެކަންކަމުގައި ވަކާލާތު ކުރުމަށް ދުނިޔޭގެ އެކި ސަރަހައްދުތައް ހިމެނޭގޮތަށް އުފައްދާފައިވާ ކޯލިޝަނެކެވެ. އެގޮތުން އެ އެލަޔަންސްގެ ޗެއާ އަކީ ދިވެހިރާއްޖެ އެވެ.

މިމަހު 1 އިން އެގާރައަށް ޖަރުމަނުގައި އެއޯސިސްގެ ފަރާތުން ބޭއްވި ބައްދަލުވުމުގައި ނިންމި ކަންތައްތަކާގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިގު އިބްރާހިމް ވިދާޅުވީ، އެ ބައްދަލުވުމުގައި އެއޯސިސްގެ ފަރާތުން ގިނަ ކަންތައްތަކަކަށް ގޮވާލާފައިވާ ކަމަށާއި، އެންމެ ބޮޑަށް ވަކާލާތުކުރި އެއްކަމަކީ ބޮޑެތި ގައުމުތަކުން ކުދި ގައުމުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.

އެގޮތުން ތަރައްގީވެފައިވާ ގައުމުތަކުގެ ސަރުކާރުގެ ބަޖެޓުން ކުދި ގައުމުތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލާފައިވާ އިރު، މޫސުމަށް އަންނަ ބަދަލުތަކަށް އެހީދޭ ފަންޑުތަކުން އެހީ ދޫކުރުމުގައި ހުރިހާ މަޝްރޫއުތަކަށް ދޫކުރާ ފައިސާ ހަމަހަމަކުރުމަށް ވެސް އެއޯސިސް އިން ވަނީ ގޮވާލާފައެވެ.

"މިހާރު މިއޮންނަނީ މިޓިގޭޝަނަށް މި އޮންނަނީ 70 ޕަސެންޓް ފައިސާ މިދެނީ 30 ދެނީ އެޑަޕްޓޭޝަނަށް. އެހެންވީމަ އެ ދެބައި ހަމަހަމަ ކުރުމަށް ވެސް ރާއްޖެއިން ވަނީ ގޮވާލާފައި،" މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން 2020 ގެ ފަހުން ބޮޑެތި ގައުމުތަކުން ކޮންމެ އަހަރަކު، މަދުވެގެން 100 ބިލިއަން ޑޮލަރު ފައިނޭންސް ފަންޑަށް އެހީގެގޮތުގައި ފޯރުކޮށްދިނުމަށް ވެސް ރާއްޖެއިން ވަނީ ގޮވާލާފައެވެ.

comment ކޮމެންޓް