ދިވެހިރާއްޖެއަކީ އެންމެ ވަރި ގިނަ ގައުމުކަން އެނގުމުން ހިތާމަ ކުރެއްވި ކަމަށާއި، އެކަމުން ދޭހަވަނީ ދިވެހިން ކައިވެނި ކުރަނީ އެކަން ކުރަންޖެހޭ ސަބަބު ނޭންގިކަން ދޭހަވާ ކަމަށް މަޝްހޫރު ދިނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް ބިން މުސާ މެންކް ވިދާޅުވެއްޖެ އެވެ.
"އަ މޮޑެލް ފޯ ޔޫތު"ގެ ނަމުގައި ދިވެހި ޒުވާނުންނަށް ހާއްސަކޮށްގެން މިއަދު ހަވީރު ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައި ބޭއްވި ދަރުސްގައި މުފްތީ ވިދާޅުވީ ކައިވެނި ކުރަން ވާނީ ﷲއަށް ޓަކައި ދެ މީހުން އެކަކު އަނެކަކަށް ހިދުމަތް ކުރުމަށާއި ރަނގަޅު ދަރިފަސްކޮޅެއް ބިނާ ކުރުމަށް ކަމަށެވެ. އަދި ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތު ކުރުމަކީ ކައިވެނީގެ މުހިންމު ކަމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް މުފްތީ ފާހަގަކުރެއްވި އެވެ.
"އަ މޮޑެލް ފޯ ޔޫތު" ގެ ނަމުގައި ދިވެހި ޒުވާނުންނަށް ހާއްސަކޮށްގެން މިއަދު ހަވީރު ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައި ބޭއްވި ދަރުސްގެތެރެއިން -- ސަންފޮޓޯ / ޔޫސުފް ސޮފްވާން
މުފްތީ ވިދާޅުވީ ކައިވެނި ކުރުމުން މިނިވަން ދިރިއުޅުމެއް ނޫޅެވޭނެ ކަމަށް މީހުން ދެކޭ ކަމަށާއި ދުނިޔެ ދަސްކޮށްދެނީ ވެސް އެހެން ކަމަށެވެ. ނަމަވެސް "ޒިންމާތަކާއެކު ވެސް މަޖާކުރެވިދާނެ" ކަމަށް އޭނާ ވިދާޅުވި އެވެ.
މިހާރު ގިނަ ޒުވާނުން އިސްކަން ދެނީ ބޭރުފުށުގެ ރީތިކަމަށް ކަން އިޝާރާތްކުރައްވައި މުފްތީ ވިދާޅުވީ ރަނގަޅު ދަރިސްކޮޅެއް ބިނާކުރުމަށް ބޭރުފުށުގެ ރީތިކަން ބޭނުން ނުވާ ކަމަށެވެ. އަދި ހުރިހާ ވެސް އެއްޗަކީ ސާފުތާހިރު ހިތެއް ކަމަށް މުފްތީ ވިދާޅުވި އެވެ. އަދި ގިނަ ދަރިންތަކެއް ލިބުމުން ރީތި ބައްޓަމެއްގެ ހަށިގަނޑެއް ނުހުރެދާނެ ކަމަށާއި އެއީ ގަބޫލުކުރަން ޖެހޭ ކަންކަން ކަމަށް މުފްތީ ވަނީ ވިދާޅުވެފަ އެވެ.
"އަ މޮޑެލް ފޯ ޔޫތު"ގެ ނަމުގައި ދިވެހި ޒުވާނުންނަށް ހާއްސަކޮށްގެން މިއަދު ހަވީރު ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައި ބޭއްވި ދަރުސްގެތެރެއިން -- ސަންފޮޓޯ / ޔޫސުފް ސޮފްވާން
މުފްތީގެ ވާހަކައިގައި ދިވެހިން ފުޓުބޯޅައަށް ލޯބި ޖެހިފައި ހުރި މިންވަރަށް ވަނީ އިޝާރާތް ކުރައްވާފަ އެވެ. އަދި ވިދާޅުވީ މަޝްހޫރު މޮޅު މީހެއް ރޯލް މޮޑެއްއެއްގެ ގޮތުގައި ދެކުމަކީ މައްސަލައެއް ނޫން ކަމަށާއި، ނަމަވެސް އެ މީހެއްގެ އެއްކަމެއް ދެކަމެއް ނަމޫނާއަށް ބެލިޔަސް ހުރިހާ ނަމޫނާއަކަށް ބެލުން ނޫން ކަމަށެވެ. އަދި ހުރިހާ އެންމެން ވެސް ނަމޫނާއަކަށް ބަލަންވީ ކީރި ރަސޫލާ ކަމަށް މުފްތީ ވަނީ ވިދާޅުވެފަ އެވެ.
އިސްލާމިކް މިނިސްޓްރީ އާއި ޔޫތު ލީޑާސް ނެޓްވޯކު އަދި ގައުމީ ޔުނިވަސިޓީގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީސް ގުޅިގެން ކުރިއަށްގެންދިޔަ އެ ދަރުސް އަޑުއަހަން ގިނަ ޒުވާނުން ވަނީ ބައިވެރިވެފަ އެވެ. އަދި އެ ދަރުސް ނިމުމަށްފަހު މުފްތީ އާއި ސުވާލު ކުރުމުގެ ފުރުސަތު ޒުވާނުންނަށް ވަނީ ހުޅުވާލާފަ އެވެ.
އޭގެ އިތުރުން މިރޭ ވެސް މުފްތީގެ ހާއްސަ ދަރުހެއް ކާނިވާ ސަރަހައްދުގައި ކުރިއަށްދާނެ އެވެ.