އެއްވުމެއް ބާއްވާ ނަމަ އެކަން އެންގުމަށް ފުލުހުން ފޯމެއް ތައާރަފްކޮށްފި

އެއްވުން ބާއްވާކަން އަންގާ ފޯމް--

އެއްވުމެއް ނުވަތަ މުޒާހަރާއެއް ބާއްވާ ނަމަ އެ ފަދަ ބައްދަލުވުމެއް ބާއްވަން ބޭނުންވާ ކަމަށް ބަޔާންކޮށް ފުލުހުންނަށް ހުށަހެޅުމަށް ހާއްސަ ފޯމެއް ފުލުހުން ތައާރަފުކޮށްފި އެވެ.

ފުލުހުން މިއަދު އާއްމު ކުރި ފޯމުގައި އެއްވުމެއް ބޭއްވުމުގެ 36 ގަޑިއިރު ކުރިން ނޯޓިސް ފުލުހުންނަށް ދޭން ޖެހޭ އިރު، އެއްވުން ބޭއްވުމަށް ދޭ ނޯޓިސްއާ ގުޅިގެން ފުލުހުންނާ އެކު ބާއްވަން ޖެހޭ މަޝްވަރާ ބައްދަލުވުމަށް ފުލުހުން އަންގާ ގަޑިއަށް އެއްވުން އިންތިޒާމް ކުރާ އިސް ފަރާތުން ހާޒިރުވާންޖެހެ އެވެ.

"އެއްވުން ބާއްވާކަމުގެ ނޯޓިސް ފޯމުގައި ނޯޓިސް ރައްދު ކުރެވޭ ފުލުހުންގެ އިދާރާއާއި އެއްވުން ބާއްވާ ފަރާތް، ޕާޓީ އާއި އެއްވުން ބާއްވާތަނާއި އެއްވުން ބާއްވާ ވަގުތުގެ އިތުރުން އެއްވުމުގައި އެއްވެސް މަގެއް ބޭނުން ކުރަންޖެހޭ ނަމަ އެމަގެއްގެ ނަމާއި ބޭނުންކުރާނެ ސަރަހައްދާއި ހިނގާލުމެއް ނަމަ، ބޭނުންކުރާނެ މަގުތައް ފޯމުގައި ބަޔާން ކުރަން ޖެހޭ،" ފުލުހުން ބުންޏެވެ.

އެފޯމުގައި އެއެއްވުން އިންތިޒާމުކުރާ އިސް ފާރާތްތަކުގެ ފުރިހަމަ މައުލޫމާތުގެ އިތުރުން ސިޔާސީ ޕާޓީއަކުން އިންތިޒާމްކޮށްގެން ބާއްވާ ނަމަ އެ ޕާޓީއަކުން ނިންމާފައިވާ ގޮތުގެ ކޮޕީ، ފޯމާ އެކު ހުށަހަޅަންޖެހެ އެވެ.

ފުލުހުން ބުނީ އެފޯމް ތައާރަފްކުރީ އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ރާވައިގެން ބާއްވާ އެއްވުން ބޭއްވުމުގެ ކުރިން އެކަން އިންތިޒާމް ކުރާ ފަރާތްތަކުން ފުލުހުންގެ އިދާރާއަށް ދިނުމަށް ގާނޫނުގައި ކަނޑައަޅުއްވާފައިވާ ނޯޓިސް ދިނުމަށް ފަސޭހައަކަށް ޓަކައި ކަމަށެވެ.

އެފޯމް ހުށައަޅަން ޖެހެނީ ފުލުހުންގެ މައި އިދާރާއަށެވެ. އަތޮޅުތެރޭގައި ނަމަ އެރަށެއްގެ ޕޮލިސް ސުޓޭޝަނަށެވެ. ޕޮލިސް ސިޓޭޝަނެއް ނެތް ނަމަ އެއަތޮޅު ޕޮލިސް ސުޓޭޝަނަށެވެ. އެފޯމް މެއިލް ކުރަން ޖެހެނީ [email protected] އަށެވެ. މެސެޖް ފޮނުވާ ނަމްބަރަކީ 9889999 އަށެވެ.

ފުލުހުން މީގެ ކުރިން ވެސް ވަނީ އެއްވުން ބާއްވާއިރު ފުލުހުންނަށް ނޯޓިސް ފޮނުވުމަށް އަންގައިފަ އެވެ. އެގޮތަށް ސިޔާސީ ޕާޓީތަކުން ވެސް އަމަލު ކުރެ އެވެ. އަންނަ ހުކުރު ދުވަހު ވެސް ބޮޑު އެއްވުމެއް ބާއްވަން އިދިކޮޅު ފަރާތްތަކުން ވަނީ ނިންމާފަ އެވެ.

ގާނޫނު އަސާސީގެ 32 ވަނަ މާއްދާގައި ބުނީ ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމުކާ ނުލައި ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށެވެ.

comment ކޮމެންޓް