މުފްތީގެ ދަރުސް ހުކުރު ދުވަހަށް ފަސްކޮށްފި

ދިނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް ބިން މުސާ މެންކް--

މަޝްހޫރު ދިނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް ބިން މުސާ މެންކް ދަރުސް އަންނަ ހުކުރު ދުވަހަށް ލަސްކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ސަން އަށް މައުލޫމަތު ދެއްވަމުން ވިދާޅުވީ ޒިންބާބުވޭ އަށް އުފަން މުފްތީގެ ދަރުސް އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުމަށް ކުރިން ނިންމި ނަމަވެސް ސަބަބުތަކެއްގެ ސަބަބުން އެދަރުސް ހުކުރު ދުވަހުގެ ރޭ އަލިމަސް ކާނިވަލްގައި ބާއްވާގޮތަށް ބަދަލުކޮށްފައިވާ ކަމަށެވެ.

"ބުރާސްފަތި ދުވަހު އެބައޮތްތާ އެހެންކަމެއް، އެހެންވީމާ މިހާރު 12 ވަނަ ދުވަހަށް [ހުކުރުދުވަހަށް] ލަސްކޮށްލާފައި ވަނީ، 12 ޖޫންވާ ދުވަހުގެ ރޭ ގަނޑު އަލިމަސް ކާނިވަލުގައި އޮންނާނީ." އޮފިޝަލް ވިދާޅުވި އެވެ.

އެ ދަރުހަކީ އިސްލާމިކް މިނިސްޓްރީން މިހާރު ކުރިއަށްގެންދާ "ދަ މެސެޖް ޕްރޮގްރާމް"ގެ ދަށުން މުފްތީ ދެއްވުމަށް ހަމަޖެހިފައިވާ ދަރުހެއް ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.

ދުނިޔޭގެ ތަފާތު ގައުމުތަކުގައި ފަތުވާ ދެއްވުމުގައި މަޝްހޫރު ކަމެއް ހޯއްދަވާފައިވާ މުފްތީއަކީ ޒިންބާބުވޭގެ ފަތުވާ ޑިޕާޓްމަންޓްގެ ހެޑް ވެސްމެ އެވެ. މުފްތީ ވަނީ މިގެ ކުރިން ވެސް ރާއްޖޭގައި ފަތުވާ ދެއްވައި ގިނަ ބައެއްގެ ލޯބި ހޯއްދަވާފަ އެވެ.

އިސްލާމިކް މިނިސްޓްރީން މިހާރު ދަނީ "ދަ މެސެޖް ޕްރޮގްރާމް" ގެ ދަށުން މަޝްހޫރު ޝެއިހުން ރާއްޖެ ގެނސް ދަރުސްތައް ބާއްވަމުންނެވެ. އެދަރުސްތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ.

comment ކޮމެންޓް