އިސްލާމްދީނުގައި މިނިވަންކަން ނެތްކަމަށް ބުނާ މީހުންނަށް ރައްދު ދޭންޖެހޭ: ޕްރޮފެސަރު ހިދާޔަތު

މެލޭޝިއާގެ މަލަޔާ ޔުނިވަސިޓިގެ ޑިޕާޓްމެންޓް އޮފް ޝަރީއާ އެންޑް ލޯގެ ޕްރޮފެސަރު އަހުމަދު ހިދާޔަތް ބިން ބުއާން-- ސަންފޮޓޯ -- އަލީ ނަސީރު

މިދުވަސްވަރަކީ އިސްލާމް ދީނުގެ އަގުވައްޓާލަން ގިނަ ބަޔަކު ތަފާތު ވާހަކަ ދައްކަމުންދާ ދުވަސްވަރެއް ކަމަށާއި ދިނުގައި މިނިވަން ކަމެއް ނެތް ކަމަށް ބުނާ މީހުންނަށް ރައްދު ދޭން ޖެހެ ކަމަށް މެލޭޝިއާގެ މަލަޔާ ޔުނިވަސިޓިގެ ޑިޕާޓްމެންޓް އޮފް ޝަރީއާ އެންޑް ލޯގެ ޕްރޮފެސަރު އަހުމަދު ހިދާޔަތު ބިން ބުއާން ވިދާޅުވެއްޖެ އެވެ.

"ޒަމާނީ މައްސަލަތަކަށް އިސްލާމީ ޝަރީއާގެ މުހިންމުކަން" އެ މައުޟޫއަަށް މިރޭ އިސްލާމީ މަރުކަޒުގައި ދަރުސް ދެއްވަމުން ޕްރޮފެސަރު ހިދާޔަތު ވިދާޅުވީ އިސްލާމް ދީނުގައި އިންސާނިއްޔަތާ ޚިލާފު އަދަބު ދޭ ކަމަށް ބުނެ ދުޝްމަނުން ވަހަކަތައް ދައްކަމުން ދާ ކަމަށެވެ. އަދި އެކަމަށް މުސްލިމުން ރައްދު ދޭން ޖެހޭ ކަމަށް ޕްރޮފެސަރު ވިދާޅުވި އެވެ.

"ޒަމާނީ މައްސަލަތަކަށް އިސްލާމީ ޝަރީއާގެ މުހިންމުކަން" އެ މައުޟޫއަށް މިރޭ އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދިޔަ ދަރުސްގެ ތެރެއިިން -- ސަންފޮޓޯ -- އަލީ ނަސީރު

"އިސްލާމްދީނުގައި މިނިވަންކަން ނެތްކަމަށް ދުޝްމަނުން ބުނޭ. އިންސާނިއްޔަތާ ޚިލާފު އަދަބު ދޭކަމަށް ބުނޭ. އަދި ޖިހާދުގެ ސަބަބުން ޓެރަރިޒަމަށް މަގުފަހިވާކަމަށް ބުނޭ އެހުރިހާ ވާހަކަތަަކަށް މުސްލިމުން ރައްދު ދެން ޖެހެ،" ޕްރޮފެސަރު ހިދާޔަތު ވިދާޅުވި އެވެ.

ޕްރޮފެސަރު ވިދާޅުވީ އެވާހަކަތަކަށް ރައްދު ދެވޭނި ދީން އުނގެނިގެން ކަމަށެވެ. އަދި ދީނުގެ ކަން ކަން ދަސްކުރުމަށް ޕްރޮފެސަރު ހިދާޔަތް ވަނީ ގޮވާލައްވާފަ އެވެ.

ސިޔާސީ ގޮތުން މިއަދު މުސްލިމުން ބައިބައިވެފައިވާކަން ފަހަގަކުރައްވައި ހިދާޔަތު ވިދާޅުވީ މީގެ ކުރިން މުސްލިމުން މަރަނީ ދުޝްމިނުން ކަމަށެވެ. ނަމަވެސް މިހާރު ފެނިގެންދަނީ މުސްލިމުން މުސްލިމުންނަށް ހަމަލާދި މަރާ މަންޒަރުކަމަށް ހިދާޔަތު ވިދާޅުވި އެވެ.

އިސްލާމީ ޝަރީއާ ފުރިހަމައަށް ބޯލަނބަން ބޭނުންވާނަމަ ތިންކަމެއް އެމީހެއްގެ ކިބައިގައި ފުރިހަމަވާން ޖެހޭ ކަމަށް ހިދާޔަތު ވިދާޅުވި އެވެ. އޭގެތެރޭގައި ހިމެނެނީ އީމާންތެރިކަމާއި އިހްސާންތެރިކަން އަދި ހިކުމަތްތެރިކަން ކަމަށް ވެސް ޕްރޮފެސަރު ވިދާޅުވި އެވެ.

"މިސާލަކަށް ނަމާދުގައި އިމާމަކަށް ހުއްނަ މީހާއަށް އިޝާ ނަމާދު ދިގުކޮށް ކުރަން އަމިއްލަޔަށް ބޭނުންވެެގެން އެނަމާދުގައި ބަޤަރާ ސޫރަތް ކުޔެވުން އެއީ އިންސާފުުވެރި ގޮތެއް ނޫން. އެއީ އިމާމާގެ ފަހަތުން ނަމާދު ކުރަން ބަލިމީހުންނާއި އެކި އެކި ބޭނުންތަކުގައި އަވަހަށް ދާންޖެހޭ މީހުންވެސް ތިބޭނެ،" ޕްރޮފެސަރު ހިދާޔަތު ވިދާޅުވި އެވެ.

"ޒަމާނީ މައްސަލަތަކަށް އިސްލާމީ ޝަރީއާގެ މުހިންމުކަން" އެ މައުޟޫއަށް މިރޭ އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދިޔަ ދަރުސްގެ ތެރެއިިން -- ސަން ފޮޓޯ -- އަލީ ނަސީރު

މުސްލިމިންނަކީ އިގްތިސާދީ ގޮތުން ނިކަމެތި ބައެއް ކަމަށާއި ނަމަވެސް މުސްލިމުންނަކީ ފަގީރު ބައެއްކަމަށް ހުޅަނގުގެ ގައުމުތަކުން ސިފަކުރާކަމަށް ހިދާޔަތު ވިދާޅުވި އެވެ.

މުސްލިމުން ބާރު ގަދަވާންވީ ކަނޑި ބަޑި ނުވަތަ ބޮމާއި ހަތިޔާރުން ނޫން ކަމަށާއި އަގީދާގެ ގޮތުން ކަމަށް ޕްރޮފެސަރު ވަނީ ފަހަގަކުރައްވާފަ އެވެ.

ދަ މެސެޖް ޕްރޮގްރާމުގެ ދަރުހެއް މާދަމާރޭ ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މާދަމާރޭގެ ޕްރޮގްރާމުގައި ދަރުސް ދެއްވާނީ މެލޭޝިއާގެ މަލަޔާ ޔުނިވަސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ރައިހާނާ ބިންތް ހާޖީ އަބްދުﷲ އެވެ. މާދަމާރޭ ދެ ދަރުސްގެ މައުލޫއަކީ "އިސްލާމްދީނުގައި އަންހެނުންގެ ދައުރު" އެވެ.

comment ކޮމެންޓް