އިސްލާމްދީނާ މެދު އޮރިއެންޓަލިސްޓުން އަންނަނީ ގިނަ ވަހުމްތަކެއް އުފައްދަމުން ކަމަށާއި އެފަދަ ގިނަ މަސައްކަތް މިހާރު ކުރަމުން ދަނީ އިންޓަނެޓްގައި ކަމަށް މެލޭޝިއާ އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ރެކްޓަރު ޕްރޮފެސަރު މުޙައްމަދު ކަމާލް ޙަސަން ވިދާޅުވެއްޖެ އެވެ.
އިސްލާމިކް މިނިސްޓްރީން ކޮންމެ މަހަކު ބާއްވަމުން އަންނަ "ދަ މެސެޖު" ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން، ޕްރޮފެސަރު ކަމާލް ވިދާޅުވީ އިންޓަނަށް ވަނުމުން އިސްލާމްދީނާ ބެހޭ ގޮތުން ހުރިހާ ވައްތަރެއްގެ އޮޅުންތަކަކާ ކުރިމަތިވާ ކަމަށެވެ.
"... ގުރުއާން ހަލާކޮށްލުމަށް އޮރިއެންޓަލިސްޓުން މީގެ 100 އަހަރު ކުރިން ފެށިގެން ފެށިގެން އަންނަނީ މަސައްކަތް ކުރަމުން، އެމީހުން އެކަމުގައި ނާކާމިޔާބު ވި. އެމީހުން އަދިވެސް ދަނީ އެކަންތައް ކުރަމުން. އަދި އެމީހުން މަސައްކަތް ކުރަނީ ހަދީސާއި ސުންނަތް ވެސް ހަލާކުރަން. އެމީހުން ވަނީ މުސްލިމުން ވެސް އެކަމަށް ބޭނުންކުރަން ފަށާގައި،" ޕްރޮފެސަރު ކަމާލު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މުސްލިމުންނަށް ގޮންޖެހުން އޮތީ ޔޫކޭ އާއި ޔޫއެސް ނުވަތަ ޔޫރަޕް ނުވަތަ އޮސްޓްރޭލިއާގައި ނޫން ކަމަށެވެ.
"... އެންމެ ބޮޑު ގޮންޖެހުން އޮތީ އިންޓަނެޓްގައި، އެހެން އެއްވެސް ތަނަކަށް ދާކަށް ނުޖެހޭ." ޕްރޮފެސަރު ކަމާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެގޮތުން ކުރިމަތި ކުރާ ކަންތައްތަކުގެ ތެރޭގައި ޤުރުއާނާއި ސުންނަތުގެ ސައްހަކަމާ މެދު ގިނަ ސުވާލުތައް އުފެއްދުން ހިމެނޭ ކަމަށެވެ. އެކަންތައްތައް ކުރަނީ އިސްލާމްދީނަކީ ހައްގު ދީން ކަމާ މެދު މުސްލިމުންގެ ހިތްތަކުގައި ސުވާލު އުފެއްދުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދަ މެސެޖް ޕްރޮގްރާމްގެ ތަގުރީރުތައް އަޑު އައްސަވަން އިސްލާމިކް މިނިސްޓަރު ޑރ. ޒިޔާދު ބާޤިރު ވަޑައިގެންނެވި.
" ދަ މެސެޖު ޕްރޮގްރާމްގެ ރޭގެ ޖަލްސާގައި ޕްރޮފެސަރު ކަމާލްގެ އިތުރުން ޕްރޮފެސަރު ޑރ. ވަލީދު ފިކުރީ ފާއިޒް ވެސް ތަގުރީރު ކުރެއްވި އެވެ. މިފަހަރުގެ މައުލޫއަކީ "އިސްލާމްދީނަކީ ހައްގު ދީން ތަ؟" މިއެވެ.