ތައުހީދުގެ ތިން ބައިގެ ތެރެއިން ތައުހީދުލް އަސްމާއު ވައް ސިފާތު( އިސްމުފުޅުތަކާއި ސިފަފުޅުތަކުގެ ގޮތުން ﷲ އެއްކައުވަންތަ ކުރުން) އިސްލާމީ ގައުމުތަކުގައި އުޅޭ ބައެއް މީހުންނަށް ވުރެ ރަނގަޅަށް އިބިލީހަށް ވެސް އިނގޭ ކަމަށް ސަޢުދީ ޢަރަބިއްޔާގެ މަޝްހޫރު ޝައިޚު އާސިމް އަލް ޙަކީމު ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން ހިންގަމުން އަންނަ " ދަ މެސެޖް" ޕްރޮގްރާމްގައި މިރޭ ސަލްޓަންޕާކްގައި ވާހަކަފުޅު ދައްކަވަމުން ޝައިޚު ވިދާޅުވީ މީހުން ތައުހީދުން އެއްކިބާވަމުންދާ ކަމަށެވެ.
"...ﷲގެ ދެއަތްޕުޅުވޭ. އަހަރެމެން ގަބޫލުކުރަން މިގޮތަށް. މިއީ ޤުރުއާނުގައި ބަޔާންކުރައްވާފައިވާ ކަމެއް. މިއީ ސުންނަތުގައި ބަޔާންކުރައްވާފައިވާ ކަމެއް. ބައެއް މީހުން އައިސް ބުނާނެ. ނޫން ނޫން ނޫން، މިއީ އެކަށީގެންވާ ގޮތެއް ނޫން. ﷲ ގެ ދެއަތްޕުޅެއް ނުވޭ. މިހާރު ކަލޭ ބުނަން ބޭނުންވަނީ ޤުރުއާނަކީ ތެދެއް ނޫނޭ؟ޤުރުއާނުގައި ﷲ އަންގަވާފައި ވޭ، ޝައިތާނާއަށް ވަޙީކުރެއްވި ކަމަށް، އޭ ޝައިތާން، އޭ އިބިލީސް ތިމަން ރަސްކަލާނގެ ދެ އަތްޕުޅުން އުފެއްދެވި އުފެއްދެވުމަށް ސަޖިދަކުރުމުން ކަލޭ ދުކުކުރީ ކޮން ކަމެއްހޭ؟ ޝައިތާން ބުނި. އަހަރެން އޭނާއަށް ވުރެ ރަނގަޅޭ. އިބަރަސްކަލާނގެ ތިމަން އުފެއްދެވީ އަލިފާނުންނޭ. އޭނާ އުފެއްދެވީ މަށިންނޭ. ޝައިތާނާ ގަބޫލުކުރޭ އަހަރެމެންނަށް ވުރެ ރަނގަޅަށް. އޭނާއެއް ނުބުނޭ، އޭ ނޫނޭ ނޫނޭ ، އެކްސްކިއުޒްމީ ﷲ ، އިބަރަސްކަލާނގެ ދެއަތްޕުޅެއް ނުހުރޭ، އޭނާ ނުބުނޭ އެހެންނެއް. އެހެނީ އޭނާ އެކަން ގަބޫލުކުރޭ. އޭނާގެ ތައުހީދުލް އަސްމާއު ވައް ސިފާތުގައި އޭނާގެ އީމާންކަން ވަރުގަދަ. އެކަމަކު އޭނާގެ އޮތީ ބަލިކަށި އީމާންކަމެއް، ތައުހީދުލް އުލޫހިއްޔަތާ މެދު، އެހެންވީމާ އޭނާ ކާފަރަކަށް ވީ،" ތައުހީދާ މެދު މީހުންނަށް އޮޅުން އަރާފައިވާ މިންވަރުގެ މިސާލެއްގެ ގޮތުގައި ޝައިޚު ވިދާޅުވިއެވެ.

ޝައިޚު ވިދާޅުވީ ތައުހީދު ހަމަ އެކަނި އެނގުމަކުން ނުފުދޭ ކަމަށާއި ދިރިއުޅުމުގައި އެ އެނގުމަށް އަމަލުކުރަން ވެސް ޖެހޭ ކަމަށެވެ. އެއީ ހަމަ އެކަނި ދައްކާ ވާހަކައަކަށް ހަދައިފި ނަމަ ޤިޔާމަތް ދުވަހުން ﷲ ސުބްޙާނަހޫ ވަތައާލާ އެމީހަކަށް އަޒާބު ދެއްވާނެތީ ކަމަށް ވެސް ވިދާޅުވިއެވެ.
"... މިއީ މުނާފިގުން ކޮށް އުޅުނު ކަމަކީ. މުނާފިގުން ރަސޫލު ޞައްލަﷲ ޢަލައިޙި ވަސައްލަމްގެ އަރިހަށް އައިސް ބުނީ ، އަހަރެމެން އީމާން ވަމޭ. އަހަރެމެން އީމާންވަމޭ ކަލޭގެފާނަކީ ﷲގެ ރަސޫލާކަން،" ޝައިޚު ވިދާޅުވިއެވެ.