އިމްރާނާއި އަމީން އަދި ސޮބާހުގެ ޝަރީއަތް މިރޭ ފަށަނީ

ސޮބާހު ރަޝީދު، އަމީން އިބްރާހީމް އަދި އިމްރާން ---- ސަން ފައިލް ފޮޓޯ

މިދިޔަ މަހު އެއްވަނަ ދުވަހު ކުރިއަށް ގެންދިޔަ މުޒާހަރާގައި ހަމަ ނުޖެހުން ހިންގުމަށް ހިތްވަރުދިން ކަމުގެ ތުހުމަތުގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ޖޭޕީގެ ނައިބު ލީޑަރު އަމީން އިބްރާހީމް އަދި ޖޭޕީގެ ފޮރިން އެންޑް ޕަބަލިކް ރިލޭޝަންސް، ސޮބާހު ރަޝީދު ޝަރީއަތް މިރެއަށް ތާވަލްކޮށްފި އެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ މިރޭ އަށެއް ޖަހާއިރު އިމްރާނުގެ ޝަރީއަތް އަދި 8:30 އަމީންގެ ޝަރީއަތް ތާވަލުކޮށްފައިވާ ކަމަށެވެ. ސޮބާހުގެ ޝަރީއަތް ތާވަލުކޮށްފައި ވަނީ ނުވައެއް ޖަހާއިރަށް ކަމަށް ޕީޖީ އޮފީހުގެ އޮފިޝަލު ވިދާޅުވި އެވެ.

ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލި އެ ތިން ބޭފުޅުންގެ ޝަރީއަތް މިރޭ ބޭއްވުމަށް ތާވަލުކޮށްފައިވާ އިރު އޭގެ ތެރެއިން އިމްރާން ވަނީ ރޭ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކޮށްފަ އެވެ.

އިމްރާނު ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނެރިފައިވާ ކޯޓު އަމުރުގައި ބުނެފައި ވަނީ މިރޭ 8:00 އަށް އިމްރާން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކުރާ ކަމަށެވެ.

"މަތީގައި ބަޔާންކޮށްފައިވާ މީހާގެ ޓެރަރިޒަމް ކުށުގެ މައްސަލައެއް މި ކޯޓަށް ހުށަހެޅިފައި ވާތީ، އޭނާ ބަންދުގައި ބަހައްޓައިގެން 2 ޖޫން 2015 ދުވަހުގެ 20:00 އަށް މި ކޯޓަށް ހާޒިރުކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ މައްޗަށް އަމުރުކުރަމެވެ." ކްރިމިނަލް ކޯޓުން ނެރެފައިވާ ކޯޓަށް ހާޒިރުކުރުމުގެ އަމުރުގައިވެ އެވެ.

އެ ތިން ބޭފުޅުންގެ އިތުރުން މުޒާހަރާގައި ދެއްކި ވާހަކަތަކާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވެސް ހައްޔަރުކޮށް ވަނީ ތަހުގީގުކޮށްފަ އެވެ. ނަމަވެސް އަލީ ވަހީދަށް ދައުވާ ކުރުމާ މެދު އަދި ވަކިގޮތެއް ނިންމާފައި ނުވާ ކަމަށް ޕީޖީން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް