ޓެކުހަށް މަކަރު ހެދި ޑޮކްޓަރުންގެ ޝަރީއަތް ފަށަނީ

ޑރ. އަލީ ލަތީފު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޯވިޑް-19އާ ގުޅިގެން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޕީސީއާރު ޓެސްޓިންގެ ޚިދުމަތް ފޯރުކޮށްދެމުންދިޔަ ދެ ކުންފުނި ކަމަށްވާ އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑާއި ޕައިނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޓެކުހަށް މަކަރު ހަދާފައިވާ މައްސަލައިގައި އެ ދެ ކުންފުންޏާއި، ދެ ޑޮކްޓަރުން މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ފެށުމަށް ކްރިމިނަލް ކޯޓުން ތައްޔާރުވެއްޖެއެވެ.

މިއީ، އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ ހިއްސާދާރުން ކަމަށްވާ ހ. އޯކިޑް، ޑރ. އިކްލީލް ޝަރީފާއި، މ. ގައްދަޑުގެ، ޑރ. ޢަލީ ޢަބްދުﷲ ލަޠީފުގެ މަސްލަހަތު އޮންނަ ޕައިނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން މީރާއަށް ޓެކްސް ބަޔާންތައް ހުށަހެޅުމުގައި އޮޅުވާލައި، ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވެފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ މީރާއިން ތަހުގީގުކުރުމަށްފަހު ޕީޖީ އޮފީހަށް ހުށަހަޅާފައިވާ މައްސަލައެކެވެ. މި މައްސަލަތަކުގެ ޝަރީއަތް އަންނަ ހަފްތާގައި ފެށުމަށް މިހާރު ވަނީ ތާވަލުކޮށްފައެވެ.

އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކުރާ ދައުވާތައް:

  • ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 64 ވަނަ މާއްދާގެ ދަށުން، ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވުމުގެ ކުށުގެ ތިން ދައުވާ
  • ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 533 ވަނަ މާއްދާގެ ދަށުން، ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުން

ޕައިނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކުރާ ދައުވާތައް:

  • ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 64 ވަނަ މާއްދާގެ ދަށުން، ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވުމުގެ ކުށުގެ ދެ ދައުވާ

ޑރ. ޢަލީ ޢަބްދުﷲ ލަޠީފްގެ މައްޗަށް ކުރާ ދައުވާ:

  • ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 64 ވަނަ މާއްދާގެ ދަށުން، ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވުމުގެ ކުށުގެ ތިން ދައުވާއެއް

ޑރ. އިކްލީލް ޝަރީފްއާއި، އދ. މާމިގިލި، ބޯވެލި، ޢަލީ ފަޔާޟްގެ މައްޗަށް ކުރާ ދައުވާ:

  • ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 64 ވަނަ މާއްދާގެ ދަށުން، ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވުމުގެ ކުށުގެ ފަސް ދައުވާއެއް

މި މައްސަލާގައި ދައުވާ ލިބޭ ކުންފުނިތަކުން މީރާއަށް ހުށަހަޅާފައިވާ ޓެކްސް ބަޔާންތަކުގައިވާ އަދަދުތަކާއި، ކުންފުނިތަކުގެ އަސްލު އާމްދަނީއަށް ބަލައި މީރާއިން ހިސާބުކޮށްފައިވާ އަދަދުތަކަށް ބަލާއިރު، އެ ދެ ކުންފުނިން 20،200،401 ރުފިޔާ (ވިހި މިލިއަން ދެ ލައްކަ ހަތަރު ސަތޭކަ އެއް ރުފިޔާ)ގެ ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވެފައިވާ ކަމަށް ޕީޖީން ބުންޏެވެ.

އަދި މި މައްސަލާގައި ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ ދަށުން ކުންފުނިތަކުގެ މައްޗަށް ކޮށްފައިވާ ދައުވާތައް ސާބިތުވާ ހާލަތުގައި، ޓެކްސް ދެއްކުމުން އެއްކިބާވި އަދަދުގެ ދެ ގުނައަށްވާ 40،400،802 ރުފިޔާ (ސާޅީސް މިލިއަން ހަތަރު ލައްކަ އަށް ސަތޭކަ ދޭއް) ރުފިޔާއިން ކުންފުނިތައް ޖޫރިމަނާކުރުމުގެ އަދަބު ކަނޑައަޅައިދިނުމަށް ކޯޓުގައި އެދުމަށް އެ އޮފީހުން ގަސްދުކުރާ ކަމަށް ޕީޖީން ބުންޏެވެ.

https://sun.mv/216944

ޕީޖީ އޮފީހުން ބުނި ގޮތުގައި މި މައްސަލާގައި ވަކިވަކި މީހުންގެ މައްޗަށް ދައުވާކޮށްފައި ވާނީ ދައުވާ ލިބޭ ކުންފުނިތަކުގައި އެ މީހުން އަދާކުރާ ދައުރަށް ބެލުމަށްފަހުއެވެ. އެގޮތުން، ޑރ. އިކްލީލް ޝަރީފަކީ އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑާއި، ޕައިނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މެޖޯރިޓީ ހިއްސާދާރުކަންވަނީ ފާހަގަކޮށްފައެވެ. އަދި ޑރ. ޢަލީ ޢަބްދުﷲ ލަޠީފްއަކީ އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ 50 އިންސައްތަ ހިއްސާ އޮންނަ، ކުންފުނި ހިންގުމުގައި އިސް ދައުރެއް އަދާކުރާ މީހެއް ކަމަށް ޕީޖީން ކުރިން ބުންޏެވެ.

ޕައިނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަކީ ވެސް ޑރ. ޢަލީ ޢަބްދުﷲ ލަޠީފްގެ މަސްލަހަތު އޮންނަ ކުންފުންޏެކެވެ. ކޮވިޑް ދުވަސްވަރު މި ކުންފުނިތައް ހިންގުމުގައި ޑރ. ޢަލީ ޢަބްދުﷲ ލަޠީފް އިސްކޮށް ހަރަކާތްތެރިވެފައިވާކަމަށް ތަޙުޤީޤަށް ހޯދިފައިވެއެވެ،

އދ. މާމިގިލި، ބޯވެލި، ޢަލީ ފަޔާޟްއަކީ މި ދެ ކުންފުނީގެ ޓެކްސް ބަޔާންތައް ހުށަހެޅުމުގެ ޒިންމާ ހަވާލުކުރެވިފައިވާ ފަރާތް ކަމަށް ޕީޖީން ބުނެފައިވެއެވެ. އެކަންކަން ފާހަގަކުރުމަށްފަހު ޕީޖީން ބުނީ ދައުވާ ލިބޭ ވަކިވަކި މީހުންގެ މައްޗަށް ކުށް ސާބިތުވާ ހާލަތުގައި ގާނޫނުގައި ކަނޑައެޅިފައިވާ އެންމެ ބޮޑު އަދަބު ކަނޑައަޅައިދިނުމަށް ކޯޓުގައި އެދެން އެ އޮފީހުން ގަސްދުދުކުރާ ކަމަށެވެ.

މި ދައުވާތަކަކީ 2020 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް ކުންފުނިތަކުން ހުށަހެޅި ޓެކްސް ބަޔާންތަކުގައި ދޮގު މައުލޫމާތު ހިމަނައި އޮޅުވާލާފައިވާތީ ކޮށްފައިވާ ދައުވާތަކެއް ކަމަށް ވެސް ޕީޖީން ބުންޏެވެ.

މީރާއިން އިއްޔެ ބުނި ގޮތުގައި ޕީސީއާރު ޓެސްޓިންގެ ޑިމާންޑް އެންމެ ބޮޑު ދުވަސްވަރު މި ޚިދުމަތް ފޯރުކޮށްދިނުމުގައި ޕައިނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑަކީ އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވާ ކުންފުނިތައް ކަމަށެވެ.

ނަމަވެސް، އެ ދެ ކުންފުނިން މީރާއަށް ހުށަހަޅައިފައިވާ އިންކަމް ޓެކްސް ބަޔާންތަކުގައި، ޓެކްސް ނެގޭ އާމްދަނީ ބޮޑުތަނުން ދަށްކޮށް ރިޕޯޓުކޮށްފައިވާކަމަށް މީރާއިން ބުންޏެވެ. ހަމައެއާއެކު ޓެކްސް އަހަރު 2020، 2021 އަދި 2022ވަނަ އަހަރުގައި، ޕީސީއާރު ޓެސްޓިންގެ އިތުރުން އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގަމުންގެންދާ "ޕާލް މެޑިކަލް ސެންޓަރު" ކްލިނިކު މެދުވެރިކޮށް އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދީފައިވީ ނަމަވެސް، މި ޚިދުމަތްތަކުން ލިބިފައިވާ ފުރިހަމަ އާމްދަނީ ވެސް މީރާއަށް ރިޕޯޓުކޮށްފައި ނުވާކަން މީރާގެ ތަހުގީގަށް ހޯދިފައިވާ ކަމަށް ބުންޏެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ތަޙުޤީޤުކުރުމަށްފަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދަޢުވާކޮށްފައިވަނީ، އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑާއި ޕައިނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށާއި، އެ ކުންފުނިތަކާ ގުޅުންހުރި އިސް ފަރާތްތަކެއްގެ މައްޗަށެވެ. މިގޮތުން ޑރ. އިކްލީލް ޝަރީފާއި، ޑރ. ޢަލީ ޢަބްދުﷲ ލަޠީފްގެ އިތުރުން ޢަލީ ފަޔާޟްގެ މައްޗަށް ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވުމުގެ ކުށުގެ ދަޢުވާ ވަނީ އުފުލާފައެވެ. މި ފަރާތްތަކުން 2020 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް މީރާއަށް ހުށަހެޅި ޓެކްސް ބަޔާންތަކުގައި، ޕީސީއާރު ޓެސްޓިންގ އަދި ކްލިނިކްގެ ޚިދުމަތްތަކުން ލިބުނު އާމްދަނީ ބޮޑުތަނުން ދަށްކޮށް ރިޕޯޓުކޮށް، 20.2 މިލިއަން ރުފިޔާގެ ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވެފައިވާކަމަށް ޕީޖީން ބަޔާންކުރެއެވެ.

  • ދަޢުވާ ލިބޭ ކުންފުނިތައް: އައިލެންޑް ހެލްތް ސޮލިއުޝަންސް އަދި ޕައިނިއާ މޯލްޑިވްސް.
  • ދަޢުވާ ލިބޭ ފަރާތްތައް: ޑރ. އިކްލީލް ޝަރީފް، ޑރ. ޢަލީ ޢަބްދުﷲ ލަޠީފް އަދި ޢަލީ ފަޔާޟް.
  • މަކަރުހަދާފައިވާ ފައިސާގެ ޢަދަދު: 20،200،401 ރުފިޔާ.
  • ޕީޖީން އެދިފައިވާ ޖޫރިމަނާގެ ޢަދަދު: މަކަރުހެދި ޢަދަދުގެ ދެގުނަ ކަމަށްވާ 40،400،802 ރުފިޔާ.
  • ކުށުގެ ބާވަތް: ޓެކްސް ބަޔާންތަކުގައި ދޮގު މަޢުލޫމާތު ހިމަނައިގެން ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވުން އަދި ދައުލަތުގެ މަސައްކަތަށް ހުރަސްއެޅުން.
  • ޓެކުހަށް މަކަރުހެދުމަކީ ޤާނޫނީ ގޮތުން ބޮޑެތި ޖޫރިމަނާތަކާއި ޖިނާއީ ދަޢުވާތައް ކުރިމަތިވާނެ ކަމެކެވެ.
  • ކުންފުނިތަކުގެ އިސްވެރިންނާއި ޑިރެކްޓަރުން ކުންފުނީގެ މާލީ ރިޕޯޓުތަކަށް ފަރުދީގޮތުން ޒިންމާދާރުވާންޖެހޭނެއެވެ.
  • ދައުލަތުގެ އިދާރާތަކުން ކުންފުނިތަކުގެ އާމްދަނީއާއި ޓެކްސް ބަޔާންތައް ވަރަށް ގާތުން މޮނިޓަރކުރަމުންދާކަން ކަށަވަރުވެއެވެ.
comment ކޮމެންޓް