އެއާޕޯޓަށް ބޭނުންވާ ތެޔޮ 93 މިލިއަން ޑޮލަރަށް އެސްޓީއޯއިން ފޯރުކޮށްދެނީ

ތެޔޮ ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ހުޅުލެ އައިލެންޑް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ----- ސަން ފޮޓޯ/ އަލީ ނަސީރު

ރައްޔިތުންނާއި ސަރުކާރުން ހިއްސާވާ ވިޔަފާރި ކުންފުނި، އެސްޓީއޯ އިން ޖުމްލަ 93 މިލިއަން ޑޮލަރަށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް ބޭނުންވާ ތެޔޮ ނުވަތަ ޖެޓް ފިއުލް ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ހުޅުލެ އައިލެންޑް ހޮޓެލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އެވެ.

ސޮއިކުރެއްވުމަށްފަހު އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް ވިދާޅުވީ، އަންނަ އަހަރަށް އެ ކުންފުނިން ލަފާކުރާ ގޮތުގައި ގާތްގަނޑަކަށް 1.2 ބެރަލްސްގެ ތެޔޮ ސަޕްލައިކުރެވޭނެ ކަމަށް ބެލެވޭ ކަމަށެވެ. މާކެޓްގައި މިވަގުތު ތެލުގެ އަގު ހުރިވަރަށް ބަލާއިރު އެއީ ގާތްގަނޑަކަށް 93 މިލިއަން ޔޫއެސް ޑޮލަރު ކަމަށް އާދިލް ވިދާޅުވި އެވެ.

ތެޔޮ ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ހުޅުލެ އައިލެންޑް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ------ ސަން ފޮޓޯ/ އަލީ ނަސީރު

"އަޅުގަނޑުމެންނަށް ވޭތުވެދިޔަ ދެ އަހަރު ވެސް ފާހަގަކުރެވިފައި ވަނީ އެސްޓީއޯ އިން ވަރަށް ފުރިހަމައަށް މެދުކެނޑުމެއް ނެތި އެމްއޭސީއެލް އަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިންކަން. އެހެންވީމަ އަޅުގަނޑުމެން ކުރިއަށް އޮތް އަހަރަށް ވެސް އެސްޓީއޯއާ އެކު މި ސޮއިކުރީ އެ ކުންފުންޏަށް އަޅުގަނޑުމެންގެ ފުރިހަމަ އިތުބާރު އޮތީމަ،" އާދިލް ވިދާޅުވި އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝަހީރު ވިދާޅުވީ، ބޭރުގެ ކުންފުންޏަކަށް އެފަދަ އަގުބޮޑު ޕްރޮޖެކްޓެއް ނުލިބި، ރާއްޖޭގެ ކުންފުންޏަކަށް އެ ޕްރޮޖެކްޓް ލިބުމަކީ އެއީ ދިވެހި ރައްޔިތުންނަށް ވެސް އޭގެ ފައިދާ ކުރާނެކަމެއް ކަމަށެވެ.

ޝަހީރު ވިދާޅުވީ، އެފަދަ ޕްރޮޖެކްޓެއް ލިބުމަކީ އެ ކުންފުނީގެ ތެލުގެ އަގުތައް އެއް އަގެއްގައި ހިފެހެއްޓުމަށް ލިބުނު ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ.

ތެޔޮ ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ހުޅުލެ އައިލެންޑް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ------ ސަން ފޮޓޯ/ އަލީ ނަސީރު

އެމްއޭސީއެލްއަށް އެސްޓީއޯ އިން ތެޔޮ ފޯރުކޮށްދިނުމަށް މިއަދު ސޮއިކޮށް، އެއްބަސްވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރު މެއި މަހު އެވެ.

comment ކޮމެންޓް