ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގެ "ލައިޓް ފައިނޭންސިން" އަށް ކުރިމަތިލާ ކަސްޓަމަރުންނަށް 5،000 ރުފިޔާ ހޯދުމުގެ ފުރުސަތު ލިބޭ ގޮތަށް "އާ އަހަރަށް އާކޮށްލާ" ގެ ނަމުގައި ޚާއްސަ ޕްރޮމޯޝަނެއް އެ ކޯޕަރޭޝަނުން ފަށައިފިއެވެ.
މި އަހަރުގެ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަން ހުޅުވާލާފައި ވަނީ ގޭތެރޭގެ ކުދި މަރާމާތުތައް ކުރުމަށާއި، ފަރުނީޗަރާއި ހިފާގެންގުޅޭ ސާމާނު ގަތުމަށް އެޗްޑީއެފްސީ ލައިޓް ފައިނޭންސިންއަށް އެދޭ ކަސްޓަމަރުންނަށެވެ. މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ދެ ހަފްތާއަކުން ނަސީބުވެރިއަކު ހޮވުމަށް ހަމަޖެހިފައިވާއިރު، ޖުމްލަ ފަސް ނަސީބުވެރިންނަށް 5،000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭނެއެވެ. އަދި މި ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔާ މިހާރު ވަނީ ހޮވާފައެވެ.
އެޗްޑީއެފްސީން ބުނި ގޮތުގައި މި ގުރުއަތުގައި ބައިވެރިވެވޭނީ މި އަހަރު ނިމުމުގެ ކުރިން ލައިޓް ފައިނޭންސިންއަށް އެދި ހުށަހަޅައި، 6 ޖެނުއަރީ 2027 ގެ ކުރިން ފައިނޭންސް ދޫކޮށްފައިވާ ފަރާތްތަކަށެވެ.
އެޗްޑީއެފްސީ ލައިޓް ފައިނޭންސިންއަކީ އާ އަހަރަށް ގެދޮރު ޒީނަތްތެރިކޮށް ތައްޔާރުކޮށްލުމަށް ކަސްޓަމަރުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ތައާރަފުކޮށްފައިވާ ފެސިލިޓީއެކެވެ. މި ފެސިލިޓީގެ ދަށުން 50،000 ރުފިޔާއިން ފެށިގެން 500،000 ރުފިޔާއާ ހަމައަށް ފައިނޭންސް ލިބޭނެއެވެ. މި ފައިނޭންސިންއަށް އެއްވެސް އިކުއިޓީއެއް ނުވަތަ ރަހުނެއް ބަހައްޓާކަށް ނުޖެހޭނެއެވެ. އަދި ފައިސާ އަނބުރާ ދެއްކުމަށް ފަސް އަހަރު ދުވަހުގެ މުއްދަތެއް ލިބޭއިރު، ފައިސާ ދައްކާނީ މުސާރައިން އުނިކުރާ އުސޫލުންނެވެ.
މި ފައިނޭންސިންއަށް ކުރިމަތިލެވޭނީ އެޗްޑީއެފްސީގެ ސެލަރީ ޑިޑަކްޝަން ސްކީމުގައި ރަޖިސްޓްރީވެފައިވާ 90 އަށްވުރެ ގިނަ މުއައްސަސާތަކުގައި ވަޒީފާ އަދާކުރާ ޝަރުތު ހަމަވާ ދިވެހި މުވައްޒަފުންނަށެވެ. ވަޒީފާ އަދާކުރާ ތަނަކީ މި ސްކީމުގައި ރަޖިސްޓްރީވެފައިވާ ތަނެއްތޯ އެޗްޑީއެފްސީގެ ވެބްސައިޓް މެދުވެރިކޮށް ބަލައިލެވޭނެއެވެ.
އެޗްޑީއެފްސީ ކަސްޓަމާ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ފަސޭހަކަމާއެކު ލައިޓް ފައިނޭންސިންއަށް ހުށަހެޅޭނެ ކަމަށާއި، އެޕްލިކޭޝަން ކުރިއަށްދާ ގޮތް ވަގުތުން ޕޯޓަލްއިން ބަލައިލެވޭނެ ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތުދެއެވެ. މީގެއިތުރުން، މި ޕްރޮމޯޝަނާއި ފައިނޭންސިންއާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށާއި، އޮންލައިންކޮށް ނުވަތަ ބައްދަލުކޮށް މައުލޫމާތު ސާފުކުރުމަށް އެޕޮއިންޓްމަންޓް ހެއްދުމުގެ އިންތިޒާމު އެޗްޑީއެފްސީގެ ވެބްސައިޓާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ވަނީ ހަމަޖައްސާފައެވެ.