ސަރުކާރުން ހިންގާ މަޝްރޫއުތަކާ ސަރުކާރުގެ ވައުދުތައް ކާމިޔާބު ކަމާއެކު ފުއްދައި ދެވޭނީ ސަރުކާރުގައި ތިބޭ މެމްބަރުން ގިނަވި ވަރަކަށް ކަމަށާއި އެހެންކަމުން ދިއްގަރު ދާއިރާގެ ގޮނޑި ޕީޕީއެމަށް ވަރަށް މުހިއްމު ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ދިއްގަރު ދާއިރާއަށް ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ފާރިސް މައުމޫންގެ މާލޭ ކެމްޕޭން ޖަގަހަ ހުޅުވުމަށް އޮތް ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ފާރިސް މައުމޫން ދިއްގަރު ދާއިރާގެ ގޮނޑިއަށް އިންތިހާބު ކުރުމުން ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމްގެ މެމްބަރުންގެ އަދަދު ގިނަވެގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރަކީ ޕީޕީއެމްގެ ސަރުކާރަކަށްވުމުން އެ ޕާޓީގެ މެމްބަރެއް މަޖިލީހަށް އިންތިހާބުވުމުން ސަރުކާރު ހިންގުމަށް ވެސް ރަނގަޅު ބާރަކަށް ވެގެންދާނެ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ދިއްގަރު ދާއިރާ ކާމިޔާބުވުމަކީ މިއަދުގެ ސަރުކާރަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
"އަޅުގަނޑުމެން ޕީޕީއެމްއަކީ ވަރަށް ހަގު ޕާޓީއެއް. ޕާޓީ އުފެދުނުތާ އަހަރުތަކެއް ވެސް ނުވަނީސް އަޅުގަނޑުމެން މި ވަނީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި މި ޕާޓީގެ ކެންޑިޑޭޓު އިންތިހާބުކޮށްފައި. ހަމައެހެންމެ އޭގެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވެސް މި ވަނީ ޕީޕީއެމުން ކާމިޔާބު ކޮށްފައި. އޭގެފަހުން ބޭއްވި ކައުންސިލްތަކުގެ އިންތިހާބު ވެސް އަޅުގަނޑުމެން ވާނީ ކާމިޔާބު ކޮށްފައި. އަދި ހާއްސަކޮށް މިފަހަކަށް އައިސް ބޭއްވޭ ބައި އިލެކްޝަންތަކުގައި އަޅުގަނޑު ދަންނަވާނީ 90 ޕަސެންޓަށް ވުރެއް މަތީ ނިސްބަތަކުން ޕީޕީއެމް މިގެންދަނީ ކާމިޔާބު ކުރަމުންނޭ،" ރައީސް މައުމޫން ވިދާޅުވި އެވެ.
ފާރިސްގެ އިތުރުން ދިއްގަރު ދާއިރާއަށް ތިން ކެންޑިޑޭޓަކު ވާދަކުރައްވަ އެވެ. އެއީ އެމްޑީޕީގެ ކެނޑިޑޭޓް މ. މަޑުއްވަރީ ކާނިގޭ އަހްމަދު ރާޒީ އާއި އަމިއްލަ ގޮތުން ވާދަކުރައްވާ ދެ ކެނޑިޑޭޓުން ކަމުގައިވާ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ނައިބު ރައީސް މޫސާ ނަސީރު އަހްމަދާއި މ. މަޑުއްވަރީ ފީރޯސް ޝަމީމް އަލީ އެވެ.
ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައި ވަނީ އަންނަ މަހުގެ ހަ ވަނަ ދުވަހު އެވެ.
އިލެކްޝަނުން ބުނީ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނުގެ ވޯޓުގެ ވަގުތީ ނަތީޖާ އިއުލާން ކުރުމަށް ބާއްވާ ހާއްސަ ޖަލްސާ ވެސް ބާއްވާނީ ދިއްގަރުގައި ކަމަށެވެ.