ގައިދީންނަށް ގުނަވަން ހަދިޔާ ނުކުރެވޭ ގޮތަށް ބަދަލުތަކެއް ގެނައުމަށްފަހު، އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މި ބިލު މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ އިއްތިފާގުންނެވެ.
މި ބިލަކީ މީގެ ކުރިން މިދިޔަ މެއި މަހު މަޖިލީހުން ފާސްކޮށް ތަސްދީގުކުރަން ފޮނުވި ބިލެކެވެ. ނަމަވެސް، ބިލު ތަސްދީގު ނުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ބައެއް ކަންކަމަށް އަލުން ވިސްނުމަށް އެދިވަޑައިގެން ބިލު އަނބުރާ މަޖިލީހަށް ފޮނުވާލައްވާފައެވެ.
ރައީސް ފާހަގަކުރެއްވި އެންމެ ބޮޑު އެއް ކަމަކީ ބަންދުގައި ތިބޭ މީހުންނާއި ގައިދީންނަށް ގުނަވަން ހަދިޔާ ކުރެވޭ ގޮތަށް ބިލު އޮތުމެވެ.
ރައީސް މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، ބަންދެއްގައި ތިބޭ މީހުންނަކީ އެ މީހުންގެ އަމިއްލަ އިހްތިޔާރާއި މިނިވަންކަން ގައިދުވެފައިވާ ބަޔަކަށް ވާތީ، އެއްވެސް މަޖުބޫރުކަމެއް ނެތި ފުރިހަމަ ރުހުމުގައި ގުނަވަން ހަދިޔާކުރުމުގެ ފުރުސަތު އެފަދަ މީހުންނަށް ދިނުމަކީ ގާނޫނު ތަންފީޒުކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށެވެ.
އެހެންކަމުން، އިޖުތިމާއީ ކޮމިޓީން ބިލު ދިރާސާކޮށް ގެނައި އިސްލާހުގައި ވަނީ ގުނަވަން ހަދިޔާކުރާ މީހަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހަކަށް ނުވަތަ ގައިދީއަކަށް ވެގެން ނުވާނެ ކަމަށް ކަނޑައަޅާފައެވެ.
ބިލަށް ގެނައި އަނެއް މުހިންމު ބަދަލަކީ ގާނޫނާ ހިލާފަށް ގުނަވަން ނެގުމާއި ޓްރާންސްޕްލާންޓް ކުރުމުގެ ކުށަށް ކަނޑައަޅާފައިވާ އަދަބުތަކެވެ. ކުރިން ބިލުގައި ގިސޯސް ހިފުމާއި ދިޔަ ނަގައިދިނުން ހިމެނި ނަމަވެސް، ކޮމިޓީ މަރުހަލާގައި އެ ބައިތައް ވަނީ އުނިކޮށްފައެވެ.
މިހާރު ކަނޑައަޅާފައިވާ އަދަބަކީ 150,000 ރުފިޔާ އާއި 250,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއެކު، 12 މަހާއި 18 މަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
މީގެ އިތުރުން، މި ގާނޫނަށް އަމަލުކުރަން ފަށާނީ ތަސްދީގުކުރާތާ 180 ދުވަސް ހަމަވާ ތާރީހުން ފެށިގެން ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި ގާނޫނަށް އަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި އޯގަން ޓްރާންސްޕްލާންޓް ކައުންސިލް އުފައްދަން ޖެހޭނެ ކަމަށްވެސް ބިލުގައި ވަނީ ހިމަނާފައެވެ.
މި ބިލު ފާސްވުމާއެކު، ރާއްޖޭގައި އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ގާނޫނީ އޮނިގަނޑު ހަރުދަނާވެ، ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް އެ މަސައްކަތް ކުރިއަށް ގެންދިއުމުގެ މަގު ފަހިވެގެންދާނެއެވެ.