ބަދަލެއް ނައި މާޅޮހު ހަވާދު، ރޯދައަށް ފައްކާވަނީ!

މާޅޮހު އަންހެނުން ހަވާދު ހެދުމުގެ މަސައްކަތުގައި-- ސަން ފޮޓޯ: އައިމިނަތު ސަމީނާ

ކުރީ ޒަމާނުގައި ރޯދައަށް ތައްޔާރުވުމާއި މިޒަމާނުގައި ރޯދައަށް ތައްޔާރުވުމުގައި ހާސްބައި ތަފާތު ކަންތައްތަކެއް އެބަހުއްޓެވެ. ރޯދަ މަހަކީ އަޅުކަމުގެ އިތުރުން ކެއުމަށް ބޮޑު އިސްކަމެއްދޭ މައްސަރަކަށްވާ އިރު އެ ދާއިރާ ވެސް އޮތީ އެހެންނެވެ. ކުރިން ތައްޔާރު ކުރާ މޮޅެތި ބާވަތްތަކުގެ ބަދަލުގައި މިއަދު ބަރޯސާވެވެނީ ތައްޔާރީ ކާނާގެ ބާވަތްތަކަށެވެ. އެއީ އަގުލަބިއްޔަތުގެ ހާލެވެ. ނަމަވެސް އުފާކުރަން ޖެހޭ ކަމެއް އެބައޮތެވެ. އެއީ އއ. މާޅޮހުން އަދިވެސް އެތާރީހު ދިރުވުމެވެ. ރޯދައަށް ތައްޔާރު ކުރާ ހާއްސަ ހަވާދަކީ އެންމެ ޒަމާނުންސުރެ މިއަދާ ހަމައަށް ވެސް މާޅޮހުގައި ބަދަލެއް ނައިސް ދެމިއޮތް ދިވެހިންވަންތަ ނަމޫނާއެކެވެ.

ރޯދަ ފެށެން މަހަކަށްވުމާ އެކު މާޅޮހު ރައްޔިތުން ހަވާދު ތައްޔާރު ކުރުމުގެ މަސައްކަތް ފަށަ އެވެ. ސިޔާސީ ފިތުނަ އުފެދިފައިވާ މިމުޖުތަމައުގައި މާޅޮހުގައި އަދިވެސް އެކަން ކުރަމުންދަނީ އެކަކު އަނެކަކަށް އެހީތެރިވުމުގެ ރީތި ނަމޫނާއާ އެކު އެވެ. ކާބަފައިން ދެއްކި ރީތި މަގުންނެވެ. އެކަކު ވެސް ބާކީނުކޮށެވެ. އެކަކުގެ އެދުމަށް އެތައް ބަޔަކު އެގެއަކަށް ގޮސް ހަވާދު ހަދައިދިނުމުގެ މަސައްކަތްކޮށްދެނީ ހިލޭ ސާބަހަށެވެ. އެގޮތަށް ކޮންމެ ގެއަކަށްގޮސް ހަވާދު ހަދަނީ އެމޭރުމުންނެވެ. އެގެއަކުން އެމީހުންނަށްދޭ އުޖޫރައަކީ ފިނި ބުއިމެކެވެ.

މާޅޮހު ކައުންސިލްގެ ރައީސް އިސްމާއިލް ނަސީރު ވިދާޅުވި ގޮތުގައި އެރަށުގައި އެންމެ ކުރިންސުރެ ވެސް ރޯދައަށް އެއް މަހަށްވާ އިރު އެރަށުގެ ކޮންމެ ގެއެއްގައި ވެސް ހަވާދު ހަދަ އެވެ. އެގޮތުން 700 މީހުންގެ އާބާދީގެ އެރަށުގައި 80 ގޭގައި މީހުން ދިރިއުޅޭއިރު ހަވާދު ހެދުމުގެ ކަންކަން ކުރިއަށްދަނީ އެންމެން ގުޅިގެން އެހީތެރިވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

މާޅޮހު އަންހެނުން ހަވާދު ހެދުމުގެ މަސައްކަތުގައި-- ސަން ފޮޓޯ: އައިމިނަތު ސަމީނާ

އެރަށު އަންހެނުންގެ ބަހަށް ބަލާއިރު ރޯދައަށް ހަވާދު ހެދުމަކީ އެމީހުންގެ ފަހުރެކެވެ. އެކަމުގައި އެންމެ ދުވަސްވީ ކާބަފައިންގެ އުސޫލަށް ބަދަލު ގެނައުމުގެ ވިސްނުމެއް އެމީހުން ނުގެންގުޅެ އެވެ. އޭގެ ތެރެއިން ވެސް އެންމެ ފާހަގަ ކޮށްލެވޭ ކަމަކީ ކޮންމެ ގެއެއްގައި ހަވާދު ހެދުމަށް އަނެއް ގެއަކުން އެހީތެރިވެދިނުމެވެ.

"މިސާލަކަށް އަހަރެން ގޮސް ބުނެލަންވީ މާދަން އައިސްދޭށޭ ހަވާދު ހަދަން ބަޔެއްގެ ގާތުގައި. ދެން އެމީހުން އަންނާނެ. އަންނަމުން އަންނާނީ ހަވާދު ތަޅަން ވާނާއި ހަވާދު ހާނަން ތާސްފަދަ އެއްޗެތި ހިފައިގެން،" ހަވާދު ހެދުމުގައި ހަރަކާތްތެރިވާ މާޅޮހު، އައިމިނަތު ސަމީނާ ބުންޏެވެ.

ހަވާދު ހެދުމުގެ މަސައްކަތް އެރަށު ހީވާގި އަންހެނުން ފަތިހާ ފަށަ އެވެ. އަންހެން ވަންތަ މޮޅު ވާހަކައިގެ ތެރެއިން އެންމެން ތިބެގެން ހުނިގޭނުމާއި، އެެއްޗެހި ކޮށުން ކުރިއަށް ގެންދެ އެވެ. އެއަށް ފަހު ހުނިގަނޑު މޮޑޭނީ އެވެ. ހަމައެއާ އެކު އެންމެ ކުރީ ޒަމާނެކޭ އެއްގޮތަށް މަގުމަތީ އުނދުން ޖައިގެން ތާސްއުދާނީ އެވެ. ތާހުގައި ހަވާދު ހަނާކުރުމަށް ފަހު ހަވާދުގަނޑު ހިމުންކުރަން އެރަށުގައި އަދި ވެސް ބޭނުންކުރަނީ ވަނެވެ. އެކަމަށް "މިކްސަރު" ގާތެއް ނުކުރެ އެވެ. ހަގީގީ ދިވެހި ވަންތަ ރަހައަށް ބަދަލެއް ނުގެނައުމުގެ ބޭނުމުގަ އެވެ.

"މަގުތަކުގައި ހަވާދު ހެދުން އޮންނާނީ. ރޯދަ މަސް ކައިރިވީމަ މަގުތަކުގައި އެކަން އޮންނާނީ ވެސް. ވަރަށް ގިނައިން މަގުތަކުގައި ހަވާދު ހަދަން ތިއްބައި ފެންނާނެ. ދެން ވަން އެއްޗެހި ބޭނުންކުރާނީ ހަމަ އެންމެ ކުރިއެކޭ އެއްގޮތަށް،" ސަމީނާ ބުންޏެވެ.

އެރަށުގައި ހަވާދު ހެދުމަށް އާންމުކޮށް ބޭނުން ކުރަނީ، ދަވިއްގަނދު، ދިރި، ކޮތަންބިރި، ހިކިމިރުސް، ހިނކަދިފަތް، ރާނބާފަތް، ކާފުރުތޮޅި، ކަރަންފޫ، ހުނި، ރީނދޫ، އިނގުރު، ލޮނުމެދު، ފިޔާ، އަދި ލޮނެވެ.

މާޅޮހު އަންހެނުން ހަވާދު ހެދުމުގެ މަސައްކަތުގައި-- ސަން ފޮޓޯ: އައިމިނަތު ސަމީނާ

އެގޮތުގެ މަތިން ކޮންމެ ގެއަކަށް އާންމުކޮށް 70، ވަރަކަށް ކާށީގެ ހުންޏަށްވާވަރަށް ހަވާދު ހަދަ އެވެ. އެއީ ޑަބިޔަލެއްގެ ހަވާދެވެ. ރޯދައަށް ހާއްސަކޮށް އެރަށުގައި ތައްޔާރުކުރާ ހަވާދުތަކަކީ، ކުޅިމަސް ހަވާދާއި ބަޖިޔާ ހަވާދުގެ އިތުރުން ރިހަ ހަވާދެވެ.

މާޅޮސް ވެފައި މިވަނީ ހަވާދަށް މަޝްހޫރު ރަށަކަށެވެ. އެރަށު ހަވާދަކީ ޒަމާނުންސުރެ ރަހަޔަށް ބަދަލެއް ނާންނަ ހަވާދެކެވެ. ސަބަބަކީ ކުރީގެ އުސޫލްތައް އަދި ވެސް ދަމަހައްޓާތީ އެވެ. އެރަށުގެ ހަވާދުގެ މަގުބޫލްކަން ރަމްޒުކޮށްދެނީ ކައިރި ރަށްރަށުން ރޯދައަށް ހަވާދު ހެދުމަށް އެރަށަށް އަންނަ ކަމަށް އެރަށު ކައުންސިލްގެ ރައީސް ވިދާޅުވާ ވިދާޅުވުމެވެ. ހަމައެހެންމެ ގާތް މީހުންނަށް ހަދިޔާއަކަށް ވެސް ރޯދަޔާއި ދިމާކޮށް މާޅޮހުން އެންމެ ގިނައިން ދޭ އެއްޗަކީ ހަވާދެވެ.

ތާރީހީ މާޅޮހު ހަވާދަކީ އެމީހުން ރޯދަމަހުގެ ބޮޑު ބައެއް ކެއުމުގައި ބޭނުންކުރާ ބާވަތެވެ. އެގޮތުން ރޯދަމަހު ހާރު ދަމުގައި ކޮންމެ ގެއެެއްގައި އެހަވާދުގެ ރިހަޔާއި ކުޅިމަސް ހުރުމަކީ "މަޖުބޫރު މާއްދާއެއް" ކަމަށް ކައުންސިލް ރައީސް އިސްމާއިލް ވިދާޅުވި އެވެ.

ތާރީހު އެގޮތަށް ދަމަހައްޓަމުންދާ އިރު މާޅޮހުގައި ޕެކެޓްކުރި ހަވާދުގެ ބާވަތްތައް ގަނެގެން ކައްކައިގެން ކެއުމަކީ ނިކަމެތި ކަމެކެވެ. އޭގެ ބަދަލުގައި އެންމެން ވެސް ކައްކާނީ އަމިއްލައަށް ތައްޔާރު ކުރާ ހަވާދުންނެވެ. އެހަވާދު ހަދަނީ އެކުވެރިކަމުގެ ލާމަސީލް މިސާލު ދައްކަމުންނެވެ. ހަމައެންމެ އެކަމުގައި އިހުގެ އުސޫލްތައް އަދި ވެސް ދުލެއް ނުކުރެ އެވެ. މިއީ ދިވެހި ކާބަފައިންގެ ދިރިއުޅުން މިހިސާބަށް ގެނެސްދިން ލާމަސީލް ނަމޫނާއެކެވެ.

comment ކޮމެންޓް