އާފިޔާގެ މައްޗަށް ގަސްދުގައި ކުއްޖަކު މަރާލުމުގެ ދައުވާ އުފުލައިފި

އާފިޔާ މުހައްމަދު

ވ. ރަކީދޫގައި އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލަށް އަނިޔާކޮށް، މަރާލި ކަމުގެ ތުހުމަތު ތުހުމަތުކުރެވޭ އެކުއްޖާގެ މަންމަ އާފިޔާ މުހައްމަދުގެ މައްޗަށް ގަސްދުގައި ކުއްޖަކު މަރާލުމުގެ ދައުވާ އުފުލައިފި އެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހްމަދު ހިޝާން ވަޖީހު މިއަދު ސަން އަށް ވިދާޅުވީ އާފިޔާގެ މައްސަލަ ޝަރީއަތަށް ފޮނުވާފައި ވަނީ މިއަދު ކަމަށެވެ.

އޭނާ ވިދާޅުވީ ގަސްދުގައި ކުއްޖަކު މަރާލުމުގެ ދައުވާގެ އިތުރުން އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާ ވެސް އާފިޔާގެ މައްޗަށް އުފުލާފައިވާ ކަމަށެވެ.

ރަކީދޫ، މެރިންކޯނާ ގޭގައި ބޮޑެތި ޒަޚަމްތަކަކާ އެކު މަރުވެފައި އޮއްވައި އިބްތިހާލް ފެނިފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ. އިބްތިހާލަށް، އޭނާގެ މަންމަގެ ފަރާތުން އަނިޔާ ލިބެމުންދާތީ އެކި ފަހަރު މަތިން އެކުއްޖާގެ މަންމައަށް ނަސޭހަތްތެރިވެފައިވާ ކަމަށް ރަކީދޫ ކައުންސިލުން ވަނީ ބުނެފަ އެވެ.

ހިއުމަންރައިޓްސް ކޮމިޝަންގެ ތަހުގީގަށް އާފިޔާ ގެންދިޔުމުން އޭނާ ވަނީ އިބްތިހާލަށް އަނިޔާ ކުރި ކަމަށް އިއުތިރާފުވެފަ އެވެ. އޭނާ ބުނީ ދަރިފުޅަށް އަނިޔާ ކުރީ މަރާލުމުގެ ނިޔަތުގައި ނޫން ކަމަށެވެ.

ފުލުހުންގެ ސީރިއަން އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް، ޗީފް އިނިސްޕެކްޓާ އޮފް ޕޮލިސް އަބްދުﷲ ސަތީހު ވިދާޅުވީ އާފިޔާގެ އިތުރު ހަތަރު ދަރިން ތިބިއިރު އޭނާ އަނިޔާކޮށްފައި ވަނީ ހަމައެކަނި އިބްތިހާލަށް ކަމަށެވެ. އަދި އިބްތިހާލާ މެދު އާފިޔާ ތަފާތުކުރުންތަކެއް ގެންގުޅެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް