ޝިޢާއުގެ މަރު: ޝާހިލްގެ އަންނައުނާއި އޭނާ ބޭނުންކުރިކަމަށް ބުނާ ވަޅިތައް ކޯޓުގައި ދައްކާލައިފި

ޝާހިލް: އޭނާ ބޭނުންވެގެން ބައެއް ހެކި ކޯޓުން ވަނީ ދައްކައިފަ --

މާލޭގައި އަނިޔާވެރި ގޮތަކަށް ޝިޢާއު މުޙައްމަދު ސަޢީދު މަރާލި މައްސަލައިގެ ސިއްރު ޝަރީއަތުގައި، ދައުވާ ލިބޭ ޢަލީ ޝާހިލް ބޭނުންކުރި ކަމަށް ބުނާ ތިން ވަޅިއަކާއި އޭނާ ލައިގެން ހުރި އަންނައުނު މިއަދު ކޯޓުގައި ދައްކާލައިފިއެވެ. ހެކިތަކާ ގުޅޭގޮތުން ވާހަކަ ދައްކައި ނިމުނުއިރު ވަގުތު ފަހަނައަޅައި ގޮސްފައިވާތީ، މައްސަލައިގެ ޚުލާސާ ބަޔާން އިއްވުން ވަނީ ފަސްކޮށްފައެވެ. މި މައްސަލައިގެ ނިމުން މި މަހުގެ ތެރޭގައި އިއްވުމަށް ކޯޓުން ދަނީ މަސައްކަތް ކުރަމުންނެވެ.

  • ޝިޢާއު މަރާލި މައްސަލައިގައި ޝާހިލް ބޭނުންކުރިކަމަށް ބުނާ ތިން ވަޅިއަކާއި އަންނައުނު ކޯޓުގައި ދައްކާލައިފި
  • މާއްދީ ހެކިތަކާ ގުޅޭގޮތުން ވާހަކަ ދައްކައި ނިމުނުއިރު ވަގުތު ހަމަވުމުން، ޚުލާސާ ބަޔާން އިއްވުން ފަސްކޮށްފި
  • މި މައްސަލައިގެ ބައެއް ދައުވާތައް ސާބިތުވެ، މި މަހުގެ 14 ވަނަ ދުވަހު ޝާހިލްގެ މައްޗަށް 3 އަހަރުގެ ހުކުމެއް ވަނީ އިއްވާފައި
  • މުޅި މައްސަލައިގެ ފަހު ހުކުމް މި މަހުގެ ތެރޭގައި އިއްވުމަށް ކްރިމިނަލް ކޯޓުން އަންނަނީ މަސައްކަތް ކުރަމުން

މާލޭގެ ގެއެއްގައި އަނިޔާވެރި ގޮތަކަށް މަރާލައިފައި އޮއްވާ ފެނުނު ޝިޢާއު މުޙައްމަދު ސަޢީދުގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކުރާ ފ. ނިލަންދޫ، ފިނިފެންމާގޭ ޢަލީ ޝާހިލް ބޭނުންކުރި ކަމަށް ބުނާ އަންނައުނުތަކާއި ވަޅިތައް، އޭނާ ބޭނުންވެގެން މިއަދު ކޯޓުގައި ދައްކާލައިފިއެވެ.

ފުވައްމުލަކަށް ނިސްބަތްވާ، އުމުރުން 22 އަހަރުގެ ޝިޢާއު މަރައިލުމަށްފަހު އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައި އޮއްވައި ހ. ޝީރީންވިލާ ގޭގައި ފެނުނީ އޮގަސްޓް 6، 2022ގައެވެ. އެ މައްސަލައިގައި ޝާހިލްގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރެއިން ބައެއް ދައުވާތަކުގެ ބާވަތް އޮތީ ސިއްރުކޮށްފައެވެ.

https://sun.mv/220625

ކްރިމިނަލް ކޯޓުން ބުނީ، ސިއްރުކޮށްގެން ކުރިއަށް ގެންދާ އެ މައްސަލައިގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުމުގައި، މައްސަލައާ ގުޅޭ މާއްދީ ހެކިތައް ގެނެސް، ކޯޓުގައި އެއާ ގުޅޭ ވާހަކަ ދައްކައިފައިވާ ކަމަށެވެ. ކްރިމިނަލް ކޯޓުން ބުނީ، ކޯޓަށް ގެނެސް ދެއްކީ ޝާހިލް ބޭނުންކުރި ކަމަށް ބުނާ ތިން ވަޅިއަކާއި، އެ ދުވަހު ޝާހިލް ލައިގެން ހުރި ޓީޝާޓާއި ސޯޓު ކަމަށެވެ.

އޭގެ އިތުރުން ބައެއް އެހެނިހެން މާއްދީ ހެކި ދައްކައިފައިވާ ކަމަށްވެސް، ކޯޓުން ބުންޏެވެ.

ކޯޓުން ބުނީ، ޝާހިލަށް ހެކި ދައްކައި އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކައި ނިމުނުއިރު، މައްސަލައިގެ ޚުލާސާ ބަޔާން އިއްވާނެ ވަގުތު ފަހަނައަޅައި ގޮސްފައިވާ ކަމަށެވެ. އެހެންވެ، މައްސަލައިގެ ޚުލާސާ ބަޔާން އިއްވުން އެހެން ދުވަހަކަށް ފަސްކޮށްފައިވާ ކަމަށް، ކޯޓުން ބުންޏެވެ.

ފާހަގަކުރެވޭ ގޮތުގައި މިމަހުގެ 14ވަނަ ދުވަހު ޝާހިލްގެ މައްޗަށް ވަނީ، ޝިޢާއުގެ މަރުގެ މައްސަލައިގައި އުފުލައިފައިވާ ބައެއް ދައުވާ ސާބިތުވެ، ތިން އަހަރުގެ ހުކުމެއް އިއްވައިފައެވެ.

ޝިޢާއުގެ މަރުގެ މައްސަލައިގެ ޝަރީއަތަށް ތިން އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، ޝާހިލް ޝަރީއަތް ނިމެންދެން ބަންދުކުރަން އޮގަސްޓު 7، 2022ގައި ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އެ މައްސަލައިގައި ފުލުހުން ކުރިން ބުނި ގޮތުގައި، ޝިޢާއު މަރާލުމަށް ފަހުގައި ވެސް އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަން އޭނާގެ ޕޯސްޓްމޯޓަމް ރިޕޯޓުން ހާމަވެއެވެ. އަދި، ޝިޢާއު މަރަށް ހުށަހެޅުނީ ޝާހިލްގެ ފަރާތުން ލިބުނު އަނިޔާތަކުގެ ސަބަބުންކަން ޕޯސްޓްމޯޓަމް ރިޕޯޓުން އެނގޭ ކަމަށް ވެސް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.

މި މައްސަލައިގެ ހުކުމް، މި މަހުގެ ތެރޭގައި ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ކްރިމިނަލް ކޯޓުން ކުރިން ބުނެފައިވެއެވެ.

comment ކޮމެންޓް