ކެނެބިސް ޓްރެފިކް ކުރި މީހަކު އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށް، ހަ ލައްކަ ރުފިޔާ އަތުލައިފި

ކ. މާލެ، މއ. ކޮކްނެޓްހައުސް، ޢަލީ ޢިމުރާން (46އ)---

ކެނަބިސް ޓްރެފިކް ކުރި މީހަކު އެއް ލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް ޢުމުރަށް ޖަލަށްލުމާ އެކު، އޭނާގެ އަތުގައި ހުރި 628،924 ރުފިޔާ އާއި އަގު ބޮޑުތަކެތި ތަކެތި ދައުލަތަށް ނެގުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ކެނަބިސް ޓްރެފިކް ކުރި މައްސަލާގައި އެ ހުކުމް އިއްވާފައި ވަނީ ކ. މާލެ، މއ. ކޮކްނެޓްހައުސް، ޢަލީ ޢިމުރާން (46އ) ގެ މައްޗަށެވެ.

އޭނާގެ މައްޗަށް ހުކުމް އިއްވާފައި ވަނީ އެއް ލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް ޢުމުރަށް ޖަލަށްލުމާ އެކު، ކިހިނެއް ހޯދާފައިވާ ފައިސާއެއްކަން ސާބިތުކޮށްނުދެވުނު 595،000 އަށް ވުރެ ގިނަ ރުފިޔާ އާއި 2200 ޑޮލަރުގެ އިތުރުން 21 ޑައިމަންޑް ސްޓޯން އާއި ހަތަރު ސްޓޯން ދައުލަތަށް ނެގުމަށެވެ.

ދައުލަތުން އޭނާގެ މައްޗަށް ދައުވާ އުފުލާފައި ވަނީ، 2012 ނޮވެމްބަރު 26 ވަނަ ދުވަހުގެ ވަގުތެއްގައި އިންޑިއާ އިން މުދާ ހިފައިގެން އައި ބޯޓަކުން މަސްތުވާތަކެތި އެތެރެ ކުރި މައްސަލައަކާ ގުޅިގެންނެވެ. އޭނާގެ އަތުން 1131.2 ގްރާމްސްގެ ކެނަބިސް ފެނިފައިވާ ކަމަށް އޭރު ފުލުހުން ބުންޏެވެ.

ހަމައެއާ އެކު އިމްރާނުގެ ގޭގައި އޭނާ ދިރިއުޅޭ ކޮޓަރި ބަލައި ފާސްކުރި އިރު އެ ކޮޓަރި ތެރޭގައި ހުރި ތިޖޫރިއެއްގެ ތެރެއިން ފެނުނު 134،050 ރުފިޔާ އާއި 2200 އެމެރިކާ ޑޮލަރާއި 21 ޑައިމަންޑް ސްޓޯން އާއި ހަތަރު ސްޓޯންގެ އިތުރުން އޭނާގެ ނަމުގައި އޮން އެކައުންޓެއްގައި ހުރި 461948.26 ރުފިޔާ ދައުލަތަށް ނަގައި ދިނުމަށް ވެސް އެ ދައުވާގައި އެދިފައިވެ އެވެ.

އެ ދައުވާ ބެލުމަށް ފަހު ކޮށްފައިވާ ހުކުމުގައި ވަނީ އެ ދައުވާ އިމްރާންގެ މައްޗަށް ސާބިތުވާ ކަމަށެވެ. ފުލުހުން ހިންގި އޮޕަރޭޝަންގައި ހޯދި ފައިސާ އާއި ތަކެއްޗާއި އެކައުންޓްގައި ހުރި ފައިސާއަކީ އިމްރާން ކިހިނެއް ހޯދާފައިވާ ފައިސާއެއް ކަމާއި އޭނާގެ އަތުގައި ހުރި އަގުބޮޑު އެއްޗިއްސަކީ އޭނާ ކިހިނެއް ހޯދި އެއްޗެކަން ސާބިތުކޮށްދެވިފައި ނުވާތީ އެ ފައިސާ ދައުލަތަށް ނެގުމަށް ވެސް ހުކުމުގައި ވަނީ އަމުރުކޮށްފަ އެވެ.

comment ކޮމެންޓް