ހެޔޮގޮތުގައި ޓެކްނޮލޮޖީ ބޭނުންނުކޮށްފިނަމަ މަގުއޮޅިގެން ހިނގައިދާނެ: ޝައިޚް ފާޒިލް

އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ "ދަ މެސެޖް" ދަރުސް ޕްރޮގްރާމުގެ ތެރެއިން ކާނިވާ ސަރަހައްދުގައި ޝައިޚު ފާޒިލް ދަރުސްދެއްވަނީ ---- ސަން ފޮޓޯ/ އަލީ ނަސީރު

ޓެކްނޮލޮޖީގެ ބޭނުންކުރަންޖެހޭނީ ހެޔޮނުބައި ވަކިވާ ހާލަތުގައި ތިބެގެން ކަމަށާއި އެހެންނޫންނަމަ މަގުއޮޅިގެން ހިނގައިދާނެކަމަށް ސްރީލަންކާގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް ފާޒިލް ފާރޫގު ވިދާޅުވެއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ "ދަ މެސެޖް" ދަރުސް ޕްރޮގްރާމުގެ ތެރެއިން މިރޭ ކާނިވާ ސަރަހައްދުގައި ދަރުސްދެއްވަމުން ޝައިޚު ފާޒިލް ވިދާޅުވީ، ޓެކްނޮލޮޖީ ބޭނުންކޮށްގެން އިސްލާމްދީނުގެ އަދުއްވުން، މުސްލިމުން މަގުފުރެއްދުމުގެ މަސައްކަތް މިއަދު ކުރަމުންދާ ކަމަށެވެ. އަދި އެކަމަށް ސަމާލުވުމަށް ޝައިޚު އިލްތިމާސްކުރެއްވި އެވެ.

ޝައިޚު ވިދާޅުވީ، މިޒަމާނުގައި ޓެކްނޮލޮޖީ ވެފައި ވަނީ މީހުންގެ ވަގުތު ބޭކާރުކޮށް ކުޅިވަރު ކުޅޭ އެއްޗެއްގެ ގޮތުގައި ކަމަށެވެ.

ޝައިޚް ފާޒިލްގެ ދަރުސްގެ ތެރެއިން --- ސަން ފޮޓޯ / އަލީ ނަސީރު

"ފޯނާ ކުޅުމާއި، ސެލްފީ ނެގުމާއި، އަޑުބަދަލުކޮށްގެން ވާހަކަދެއްކުން އެއީ ވަގުތު ބޭކާރުކޮށް ކުޅިވަރުގެ ގޮތުގައި ކުރާ ކަންކަން،" ޝައިޚު ފާޒިލް ވިދާޅުވި އެވެ.

އިންފޮމޭޝަން ޓެކްނޮލޮޖީ ފައިދާހުރިގޮތުގައި ބޭނުންކުރުމަށް އިލްތިމާސްކުރައްވައި ޝައިހް ފާޒިލް ވިދާޅުވީ، ފޭސްބުކް މެދުވެރިކޮށް ކުރާ ކަންކަމަށް ޖަވާބުދާރީ ވާން ނުޖެހޭނެ ކަމަށް ބައެއް މީހުން ދެކުނަސް ކޮންމެ ނޭދެވޭ އަމަލެއްވެސް ފާފައިގެ ތެރޭގައި ގުނިގެން ދާނެ ކަމަށެވެ.

"ރީތިކޮށް ހެދުން އަޅައި ސާފުތާހިރުކޮށް ހުއްނަ މީހާއަށް ފޭސްބުކްގައި ލައިކެއް ނުލިބޭނެ. އެކަމަކު ހެއްވާ ޒާތަކަށް ހުތުރުކޮށް ހުއްނަ މީހާއަށް ހާހުން ލައިކް ލިބިގެންދޭ،" ޝައިހް ފާޒިލް ވިދާޅުވި އެވެ.

ޝައިޚް ފާޒިލްގެ ދަރުސްގެ ތެރެއިން --- ސަން ފޮޓޯ / އަލީ ނަސީރު

އާއިލާގެ ތެރޭގައި ހަމަނުޖެހުން އުފައްދަން މަގުފަހިކޮށްދޭ އެއްޗަކަށް ބައެއްފަހަރު އިންފޮމޭޝަން ޓެކްނޮލޮޖީ ވެގެން ގޮސްފައިވާ ކަމަށް ޝައިހު ވިދާޅުވި އެވެ. އެގޮތުން އަނބިމީހާގެ ހާޒިރުގައި ފިރިމީހާ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ބަލާ ކަމަށާއި އެއީ ފާފަތަކުގެ ތެރެއިން ބޮޑު ފާފައެއް ކަމަށް ޝައިޚު ވިދާޅުވި އެވެ.

ޝައިޚް ފާޒިލްގެ ވާހަކަފުޅުގައި އީމާންތެރިކަމާ އެކު އިސްލާމް ދީނުގެ ހުދޫދުގެ ތެރެއިން އިންފޮމޭޝަން ޓެކްނޮލޮޖީގެ ބޭނުންހިފުމަށް ހުރިހާ ފަރާތްތަކަށްވެސް އިލްތިމާސްކުރެއްވި އެވެ.

comment ކޮމެންޓް