ވޯލްޑް ކަޕް ކޮލިފައިން މެޗްތައް ކުޅުމަށް އެކުލަވައިލި ޤައުމީ ސްކޮޑުން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޑިފެންޑަރު މުޙައްމަދު ރަޝީދު (ހޮކޭ)ގެ ނަން އުނިކުރުމަށް ފަހު އަލުން އޭނާ ޓީމްގައި ހިމަނައިފި އެވެ.
އެފްއޭއެމްއިން މިއަދު ޢާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން ހަ މެޗަށް ސަސްޕެންޑުކޮށްފައިވާ ކުޅުންތެރިޔެއް ކަމަށްވާތީ އޭނާ ޤައުމީ ސްކޮޑަށް ނެގުމާ ބެހޭ ގޮތުން އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަވީދު އެއިދާރާގެ ޑިސޕްލިނަރީ ކޮމިޓީގެ ޗެއާރއާ އަދި އެޕީލް ކޮމިޓީގެ ޗެއާއާ ބައްދަލު ކުރެއްވުމުން ހޮކޭ ސަސްޕެންޑް ކުރެވިފައިވަނީ ހަމައެކަނި އެފްއޭއެމުން އިންތިޒާމު ކުރާ މުބާރާތްތަކަށް އެކަނިކަމަށް އެ ދެކޮމިޓީގެ ޗެއާވެސް ވިދާޅުވެފައިވާކަމަށެވެ.
އެހެންކަމުން ބައިނަލްއަޤުވާމީ މުބާރާތްތަކުގައި ކުޅެވޭނެކަމަށް ދެކޮމީޓިގެ ޗެއާވެސް ވިދާޅުވެފައިވުމުން ވޯލްޑްކަޕް ކޮލިފައިންއަށް އެކުލަވާލި ސްކޮޑުގައި ހޮކޭގެ ނަން އަލުން ހިމެނުމަށް ނިންމާފައިވާ ކަމަށެވެ.
ހޮކޭ އަލުން ޓީމުގައި ހިމަންނަން ނިންމާފައިވާއިރު އެންމެ ފުރަތަމަ އެކުލަވައިލި ސްކޮޑުގައި އޭނާ ހިމެނު ނަމަވެސް ސަސްޕެންޝަނާ ގުޅިގެންވަނީ އޭނާގެ ނަން އުނިކޮށްފައެވެ.
ޓިމުގައި ހިމެނުމަށްފަހު ސްކޮޑުން އުނިކުރި ސަބަބާ ބެހޭގޮތުން މިމަހު ނުވަ ވަނަ ދުވަހު އެފްއޭއެމްއިން ޢާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނި ހޮކޭއަކީ އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން ހަ މެޗަށް ސަސްޕެންޑްކޮށްފައިވާ ކުޅުންތެރިޔަކަށްވާތީ އޭނާ މިވަގުތު ޤައުމީ ޓީމްގައި ހިމެނުމަކީ އެންމެ އެދެވޭގޮތްކަމަށް ނުވާތީ ޤައުމީ ޓީމަށް ނަގާފައިވާ 25 ކުޅުންތެރިންގެ ސްކޮޑުން އުނިކޮށްފައިވާކަމަށެވެ.
"އެފްއޭއެމްއިން އިންތިޒާމު ކުރާ މުބާރާތްތަކުގެ" ހަ މެޗަށް ސަސްޕެންޑު ކުރުމުގެ އިތުރަށް 15000 ރުފިޔާއިން ހޮކޭ ޖޫރިމަނާ ކުރުމަށްވެސް އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީއިން ވަނީ ނިންމާފައެވެ. އަދި މިމައްސަލަ ނިއުއިން އެޕީލް ކޮމިޓީގައި އިސްތިއުނާފް ކުރުމުން އެކޮމިޓީންވެސް ވަނީ ހޮކޭއަށް އަޅާފައިވާ ފިޔަވަޅަށް ތާޢީދުކޮށްފައެވެ.
ހޮކޭއަށް ފިޔަވަޅު އަޅާފައިވަނީ ޖަނަވަރީ މަހު ބޭއްވި ޕީޕަލްސްކަޕްގައި ނިއުރޭޑިއަންޓާ ސިންގަޕޫރު ލަޔަންސް ބައްދަލު ކުރި މެޗްގައި ލަޔަންސް ޓީމްގެ ކުޅުންތެރިޔެއްގެ ކަރަށް ފައިން އެރި މައްސަލައިގައެވެ.
ޑިސިޕްލިނަރީ ކޮމިޓީން ހޮކޭއާ މެދު ފިޔަވަޅު އަޅާފައި ވަނީ މެޗް ކޮމިޝަނަރުގެ ރިޕޯޓާއި އެ ހާދިސާގެ ވީޑިއޯ އާއި ރެފްރީ ކޮމިޓީއަށް ދީފައިވާ ބަޔާންތަކުގެ މައްޗަށް ރިއާޔަތްކުރުމަށް ފަހު ކަމަށް އެފްއޭއެމްއިން ބުނެފައިވެ އެވެ.
ނިއުއިން މިއަދު އޭއެފްސީކަޕްގައި ކުޅޭ މެޗްގައިވެސް ހޮކޭ ކުޅޭނެކަމަށް ނިއުގެ ވަގުތީ ކޯޗް ސޮބާހް މުޙައްމަދު (ސޮބާ) ސަންއަށް މަޢުލުމާތު ދެމުން ބުންޏެވެ.