ރާއްޖެއަށް ބަދަލުތައް ގެންނަން ޖެހުނުލެއް އަވަސްކަމުން ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށާއި ބައިނަލްއަގުވާމީ ސަމާލުކަމުގެ ސަބަބުން އެގޮންޖެހުންތައް އިތުރުވެފައިވާ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެ އެވެ.
ޔުނިވާސަލް ޕީރިއަޑިކް ރިވިއުގެ ދަށުން ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު އޮތް ގޮތާ ބެހޭ ރިޕޯޓް ޔޫއެން ހިއުމަން ރައިޓްސް ކައުންސިލްގެ 22 ވަނަ ސެޝަންގައި ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖެއިން އަޅާ ކޮންމެ ފިޔަވަޅަކާއި މެދު ދުނިޔޭގައި ބޮޑެތި ބަހުސްތައް ހިނގާ ކަމަށެވެ.
"...ރާއްޖެއަކީ ވަރަށް ރީތި ނާޒުކު، ދުނިޔެމަތީގެ ސުވަރުގެއަށް ވާތީ ހަމަ އެންމެން ވެސް ފެންނަނީ ރާއްޖެއަށް ރަނގަޅު ކަމަށް އެމީހުން ދެކޭ ގޮތްތައް ކިޔައިދޭތަން. ނަތީޖާއެއްގެ ގޮތުން ރާއްޖެއިން އަޅާ ކޮންމެ ޅަފަތުގެ ފިޔަވަޅަކާއި މުހިއްމު ވެރިރަށް ތަކުގެ ބާރު ހުރި މުއައްސަސާތައް ވެސް ހިމެނޭ ގޮތުން މެދު މުޅި ދުނިޔޭގައި ވެސް ވަރުގަދައަށް ބަހުސް ކުރެވޭ،" ދުންޔާ ވިދާޅުވި އެވެ.
އަދި ވިދާޅުވީ ރާއްޖެއިން އެކަމާ ޝުކުރުވެރިވެސް ވާކަމަށާއި އަގުހުރި އިރުޝާދުތައް ބަލައިވެސް ގަންނަ ކަމަށެވެ. ފާޑު ކިއުމަކީ ފަސޭހަ ކަމެއް ކަމަށާއި އެކަމަކު ހަމަ އެކަނި ފާޑު ނުކިއުމަށް ގޮވައިލައްވާކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.
"...ފާޑުކިއުމަކީ ފަސޭހަ ކަމެއް. އެކަމަކު ހަމަ އެކަނި އެކަން ނުކުރުމަށް އަޅުގަނޑުމެން ގޮވައިލަން. މާނަ ހުރި ބަދަލުތައް ގެނައުމަށްޓަކައި އަޅުގަނޑުމެންނަށް އިންވެސްޓްކޮށްދެއްވާ،" ދުންޔާ ވިދާޅުވި އެވެ.
މާނަހުރި ޑިމޮކްރެޓިކް ބަދަލުތައް ގެނައުމަކީ ގަދަކަމުން ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެފަދަ ބަދަލުތަކަކީ ދެމެހެއްޓެނިވި ކަމަކަށް ވާނީ ބަދަލުތައް އަންނަނީ އެގައުމެއްގެ އެތެރެއިން އުފެދިގެން އަންނަ ބަދަލަކަށް ވެގެން ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ.
ރާއްޖެއަށް މިހާރު އައިސްފައިވާ ޑިމޮކްރެޓިމް ބަދަލު ތައް އައީ ދުނިޔޭގެ އެހެން ގިނަ ގައުމުތަކަށް ވުރެ މާ އަވަހަށް ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ. އަދި އެކަމުގެ ސަބަބުން އެ ބަދަލުތައް މުޖުތަމައުގެ އާއްމު ކަންކަމަށް ހެދުމަށް ބޭނުންވާ އިންސާނީ ވަސީލަތް ތަރައްގީ ކުރާނެ ވަގުތު ލިބިފައިނުވާކަންވެސް ދުންޔާ ފާހަގަކުރެއްވި އެވެ.
ރާއްޖޭގެ ރިޕޯޓް ހުށަހެޅުމުން މިއަދުގެ ޖަލްސާގައި މިހާރު ކުރިއަށް ދަނީ އެހެން ގައުމުތަކުން އެ ރިޕޯޓާއި މެދު ހިޔާލު ފާޅު ކުރުމެވެ.