ދިރާގުން ނޭޕާލަށް ހިލޭ ގުޅޭގޮތާއި ފައިސާ އެހީވެވޭނެ ގޮތް ހަދައިފި

ދިރާދު ހެޑް އޮފީސް--

ނޭޕާލަށް ބާރުގަދަ ބިންހެލުމެއް އައިސް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވާތީ، ދިވެހި ރާއްޖޭގެ މުއާސަލާތީ ކުންފުނި، ދިރާގުން ނޭޕާލަށް ހިލޭ ގުޅޭނެ އިންތިޒާމާއި އެގައުމަށް ފައިސާގެ އެހީވެވޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.

ދިރާގު އެސިސްޓަން މެނޭޖާ ޕަބްލިކް ރިލޭޝަންސް އިމްޖާދު ޖަލީލް މިއަދު ސަން އަށް ވިދާޅުވީ، މިއަދުން ފެށިގެން މި މަހުގެ 29 އާ ހަމައަށް ދިރާގު ކޮންމެ ކަސްޓަމަރަކަށް ވެސް ނޭޕާލަށް ހިލޭ ފޯނުކުރެވޭނެ ކަމަށެވެ. ހަމައެއާ އެކު އެ ގައުމުގައި ހާލުޖެހިފައިވާ މީހުންނަށް ފައިސާގެ އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން އެ ފަންޑަށް ފައިސާ ފޮނުވޭނެ އިންތިޒާމް ދިރާގުގެ ކަސްޓަމަރުންނަށް ވަނީ ހަމަޖައްސާފައި ކަމަށް އިމްޖާދު ވިދާޅުވި އެވެ.

އެގޮތުން ދިރާގު ޕުރިޕެއިޑް ނަމްބަރުތަކުން *789*3# ގުޅުމުން ނޭޕާލަށް ފައިސާގެ އެހީވެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް އިމްޖާދު ވިދާޅުވި އެވެ.

"އެ ނަމްބަރަށް ގުޅުއްވުމުން ފެންނާނެ އެބޭފުޅަކު ޑޮނޭޓް ކުރައްވަން ބޭނުންފުޅުވާ އަދަދުތަކެއް، ޑޮނޭޓް ކުރެވޭ އަދަދުތަކަކީ 20 ރުފިޔާ އާއި 50 ރުފިޔާ އާއި 100 ރުފިޔާ އާއި 500 ރުފިޔާ އެބޭފުޅަކު ބޭނުންފުޅުވާ ވަރަކަށް ކުރެވޭނެ،" އިމްޖާދު ވިދާޅުވި އެވެ.

އިމްޖާދު ވިދާޅުވީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދެމުން ދަނީ ރެޑް ކުރެސެންޓާއި ގުޅިގެން ކަމަށާއި އެހެން ކަމުން ރެޑްކުރެސެންޓް މެދުވެރިކޮށް ނޭޕާލަށް އެ ފައިސާ ފޮނުވޭނެ ކަމަށެވެ.

މުއާސަލާތީ ކުންފުނި އުރީދޫ އާއި ނޭޕާލުގައި ދިރި އުޅޭ ފަރާތްތަކުން ދުނިޔޭގެ ކޮންމެ ހިސާބަކަށް ވެސް ވައިބާ އައުޓްކޯލް ހިލޭ ކުރެވޭ ގޮތް ވައިބާ ކުންފުނިން ވެސް ވަނީ ހަދާފަ އެވެ.

ނޭޕާލަށް ހޮނިހިރު ދުވަހު އައި ބާރުގަދަ ބިން ހެލުމުގައި މަރުވި މީހުންގެ އަދަދު 3،200 އަށް އަރާފަ އެވެ.

comment ކޮމެންޓް